ކައިވެނިކޮށް ދެމަފިރިން އެކުގައި އުޅެމުންދަނިކޮށް ދިމާވާ ކަމެއްގެ ސަބަބުން އެކަކު އަނެކަކު ދެކެ ފޫހިވެވޭގޮތް މެދުވެރިވެއެވެ. ގިނަ ފަހަރަށް އެޙާލަތު މެދުވެރިވަނީ އެހެން މީހަކަށް ކަޅިއެޅެން ފެށުމުންނެވެ. ނުވަތަ ބައިވެރިޔާގެ ކިބައިން ފެންނަ ތިމާ ނުރުހޭ ސިފަތައް ފާހަގަކުރުމުންވެސް ކަންކަން އިޞްލާޙްނުކުރާތީއެވެ.
މިބުނި ފަދަ ޙާލަތެއް ކުރިމަތިވެ ލޯބި ނުވާ ހާލަތެއް އަތުވެއްޖެ ނަމަ އެކަން ތެދުބަހުން ބުނަންވާނެއެވެ! އަދި ޙައްލުހޯދަން މަސައްކަތްކުރާށެވެ! ދަރިން ލިބިފައިވާނަމަ ދެމަފިރިން ވަކިވުމަށް ނުވިސްނާށެވެ.
މައްސަލައެއް ނެތެވެ. ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް ބައިވެރިޔާ ދެކެ ލޯބިނުވެވެނީއެވެ. ލޯބި ނުވުމަކީ އެކަކު އަނެކަކާއި ވަކިވާން ޖެހޭނެ ސަބަބަކަށްވެސް ނުހަދާށެވެ! ކުރިންވެސް ބުނިފަދައިން ދަރިން ތިބިނަމަ ވަކިނުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރަންވާނެއެވެ.
ވިސްނާށެވެ! ﷲ ތައާލާޢަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވުމަކީ ހާދަ މަތިވެރި އަޅުކަމެކެވެ. ތިމާ ބައިވެރިޔާ ދެކެލޯބި މިވަނީ ﷲ ތައާލާޢަށްޓަކައި ކަމަށް ހިތުގައި ކަނޑައަޅާ ހަމައިން ކުރިން ޖެހުނު މައްސަލަވެސް ހަނދާންނެތިގެންދާނެއެވެ. އުފެދުނު ފޫހިކަންވެސް ފިލާނެއެވެ! އިން ޝާ ﷲ
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ދެމަފިރިން އެކަކު އަނެކަކުދެކެ ލޯބިވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށްވެއްޖެނަމަ އެދެމަފިރިއަކަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން އިންތިހާއަށް ބޮޑުވެގެންދާނެއެވެ. ކުރިއެރުންވެސް ބޮޑުވެގެންދާނެއެވެ. މައްސަލަ ޖެހިގެން ތިބޭކަށްވެސް ނުޖެހޭނެއެވެ. މޫނު ހެދުމާއި މޫނުކުނިކުރުމުގެ މައްސަލަތައް އެއްވެސް ވަރަކަށް ކުރިމައްޗެއް ނުވާނެއެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދެމަފިރިންނަށް ލިބިގެންވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން