ލޯބިނުވާޙާލު ލޯބިވާކަމަށްބުނެ ދޮގާ މަކަރުހަދައި އޮޅުވާލައިގެން ބައިވެރިޔާއާ އެކުގަ އުޅުމަކީ ވަރަށް ނުރައްކާތެރިކަމެއް! މުނާފިޤަކަށްވެ ގަދަފަދަ ޢަޒާބު ޙައްޤުވެދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ލޯބިނުވާޙާލު ލޯބިވާކަމަށްބުނެ ދޮގާ މަކަރުހަދައި އޮޅުވާލައިގެން ބައިވެރިޔާއާ އެކުގަ އުޅުމަކީ ވަރަށް ނުރައްކާތެރިކަމެއް! މުނާފިޤަކަށްވެ ގަދަފަދަ ޢަޒާބު ޙައްޤުވެދާނެ ކަމެއް!

ފިރިހެނުންނަށް 4 އަނބިން ހުއްދަކަން އެނގެއެވެ. އެކަން ހުއްދަވަނީ ޝަރުޠުތަކަކާއިއެކުކަންވެސް އެނގެއެވެ. ޝަުޠު ހަމަނުވާޙާލު، މިބުނަނީ ދޮށީ އަނބިމީހާއާއި ލިބިފައި ތިބި 3 ދަރިންގެ އަސާސީ ބޭނުންތައްވެސް ފުއްދައި ނުދެވޭ ޙާލު 2 އަންތބަށް ސިއްރުން ކައިވެނިކޮށް ކައިވެނި ނުކުރާ ކަމަށް ބުނެ ދޮގުހެދުން ހުއްދަވާނެތޯ؟ ފިރިމީހާ ވީމާ އަނބިމީހާއަށް މަކަރުހަދާ އޮޅުވާލަން ހުއްދަތޯ؟ 

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ވަކިމީހަކުވެގެން ދޮގުހެދުން ހުއްދައެއް ނުވާނެއެވެ. އަދި މަކަރުހެދުންވެސް ހުއްދައެއް ނުވާނެއެވެ. ދޮށީ އަނބިމީހާއާއި ލިބިފައި ތިބި ދަރިންގެ ކަންކަން ނުބެލެހެއްޓޭ ޙާލު އަނބިން އިތުރުކުރުން ހުއްދަނޫންކަމަށް ޢިލްމުވެރިން އިއްތިފާޤްވެލައްވައެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ވަރަށް ގިނަ ކަންކަން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ   

އަނބިމީހާކަމަށްވީނަމަވެސް އަދި ފިރިމީހާކަމަށްވީނަމަވެސް ލޯބި ނުވާ ހާލު ލޯބިވާކަމަށްބުނެ ދޮގާ މަކަރު ހަދައި އޮޅުވައިލުމުން އެކަންވާނީ މުނާފިޤުންގެ ސިފައަކަށެވެ. ވާހަކަ ދައްކާނަމަ ދޮގުހެދުމާއި ދެމޫނު ދައްކައިގެން އުޅުމަކީ މުނާފިޤުންގެ ސިފަތަކެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޒާބު ދެއްވަވާނީ މުނާފިޤުންނަށެވެ. ވީމާ މިއީ ބިރުވެތިވާންޖެހޭ ކަމެކެވެ. 

މިރޭވެސް ބަސްކޮޅެއް ބުނެލެވޭތޯ މިބަލަނީ ލޯބިން ވައްކަންކުރުމާއި މަކަރާއި ހީލަތް ހެދުމާއި ބެހޭ ގޮތުންނެވެ. މީގެ ކުރިންވެސް ބައެއް ދަރުސްތަކުގައި މިކަމުގެ ވާހަކަތައް ވާނީ ދެއްކިފައެވެ. އެއީ ހަމަ އެކަމާއިމެދު ސުވާލުކުރާ މީހުން ގިނަވުމުންނެވެ! 

ކޮންމެ ކަމަކުންވެސް ވައްކަން ކުރެވޭނެ އެވެ. މަކަރާއި ހީލަތްވެސް ހެދޭނެއެވެ. އެހެންކަމުން އިންސާނުން އެކަކު އަނެކަކު ދެކެ ވާލޯބިން ވެސް ވައްކަންކޮށް މަކަރާއި ހީލަތް ހެދޭނެއެވެ. ގިނަ ބައަކު އެކަން ކުރެއެވެ. އެކަންކުރާ މީހުންގެ އަދަދު ގިނަކަމުން ގިނަ ބައަކު ޝަކުވާ ވެސް ކުރެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިން އެކަކު އަނެކަކަށް ދެ މޫނު ދެއްކުމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ލޯބިނުވެ ލޯބިވާކަމަށް ހެދިގެން އުޅުމެވެ. ބައިވެރިޔާ ދެކެ ލޯބި ނުވާއިއރުވެސް ލޯބިވާކަމަށް ދައްކައި މަކަރު ހަދައިގެން އުޅެމުން ގެންދިއުމެވެ. އެކަކު އަނެކަކަށް ޚިޔާނާތްތެރިވަމުން ވަފާތެރި ކަމަށް ހެދި އޮޅުވައިލުމެވެ! 

މިކަމުގައި ތަފާތު ދެ ޙާލަތެއް ވެއެވެ. ފުރަތަމަ ޙާލަތަކީ އަނެކާގެ ކިބައިން ލިބެން އޮތް ދުނިޔަވީ ފައިދާއެއްގެ ދަހިވެތިކަމުގައި މަކަރުހަދައިގެން އުޅުމެވެ. މިފަދަ މީހުންނަކީ މަކަރުވެރިންނެވެ. ހީލަތްތެރިންނެވެ. ލޯބިން ވައްކަންކުރާ ވަގުންނެވެ! އަދި ކީއްހެއްޔެވެ؟ އެމީހުންނަށް އެދެވެނީ މުނާފިޤުންގެ މަގުންނެވެ. ބިރުހުރި ކަމަކީ ނަރަކައިގެ އެންމެ ޢަޒާބު ގަދަ ވަތްގަނޑުތަކުގައި ތިބޭނީ މުނާފިޤުން ކަމެވެ. 

ދެވަނަ ބައަކީ ލޯބި ނުވި ނަމަވެސް ދުނިޔަވީ ސަބަބަކަށްޓަކައި އެކުގައި އުޅެން މަޖުބޫރުވާ މީހުންނެވެ. މިސާލަކަށް ނިކަމެތި އަންހެނަކު ދަރިންކޮޅު ގޮވައިގެން ގޮސް ވަންނާނެ ތަނެއް، ދަރިންކޮޅު ބެލެހެއްޓޭނެ ގޮތެއް މެތުމުން ކިތަންމެ ބޭނުން ނުވި ނަމަވެސް ފިރިމީހާ އާއިއެކު ދިރިއުޅެން މަޖުބޫރުވެދާނެއެވެ. ކިތަންމެ ވރަކަށް އަނިޔާކުރި ނަމަވެސް ތަދުނުވާކަމަށާއި ލޯބިވާ ކަމަށް ދައްކައިގެން އުޅެން ޖެހިދާނެއެވެ. މިއީ ހަމަ މުޅިން ތަފާތު ޙާލަތެވެ. 

މިފަދަ އަނިޔާ ލިބެމުންދާ މީހުންގެ ޙާލަތު ﷲ ދެކެދެނެވޮޑިގެންވެއެވެ. ވީމާ ފަހުން ބަޔާންކުރި ޙާލަތުގައި އަނިޔާ ލިބޭ މައަކު ދަރިންގެ ޙައްޤުގައި ކެތްތެރިވުމަކީ އެކަމުގެ ޘަވާބާއި ދަރުމަ ﷲ ތަޢާލާ ދެއްވަވާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން