ފަތިސްނަމާދުގެ ބަންގިއަށް މިސްކިތައްދާ މީހުން ފަތިސްނަމާދުގެ އިހު ސުންނަތް ކުރެއެވެ. ނަމަވެސް ފަހުންދާ މީހުން ނުވަތަ ފަހުންކުރާ މީހުންގެ ތެރެއިން ބައަކު ނުކޮށް ދޫކޮށްލައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ މިކަމުގައި ޢިލްމުވެރިއަކު ސޯޝަލްމީޑިޢާގައި ހާމަކުރައްވާފައިވާ މުހިންމު ބަސްކޮޅެކެވެ.
ފަތިސް ނަމާދު ވަޤުތު:
ފަތިސް ނަމާދުގެ އިހު ސުންނަތުގެ ގޮތުގައި ކުރެވޭ 2 ރަކުޢަތަކީ އެއީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެން ހެޔޮކަން ބޮޑު އެއްޗެކޭ އެއީ.
އާދެ، އަޅުގަނޑުމެން ވިސްނާލަންޖެހޭ އަޅުގަނޑުމެންނަށް ފަތިސް ނަމާދުކޮށް ނިންމައިގެން މިރޭ މި ނަމާދަށް ފަހުގައި 100 ޑޮލަރު ޖަމާޢަތަށް އަންނަ ކޮންމެ މީހަކަށް ދެވޭނެއޭ ބުނެވިއްޖެ ކަމުގައި ވާނަމަ ކިތައް މީހުން އަންނާނެތޯ؟ މިސްކިތައް ކިހިނެއްތޯ ވާނީ؟ މިސްކިތުގެ ސަފު މިހާރު އޮންނަ ވަރަށްވުރެ އިތުރު ވާނީތޯ؟ ނުވަތަ މަދު ވާނީތޯ؟ އަޅުގަނޑުމެސް ވިސްނާލަށް އެބަޖެހޭ.
އާދެ، އަޅުގަނޑުމެންނަށް ޔަޤީން ހަމަ މިގޮތަށް އަޅުގަނޑުމެން މިތަނުން އެނައުންސްމަންޓެއް ގޮވާލައިފިކަމުގައި ވާނަމަ، ޖަމާޢަތަށް ފަތިސްނަމާދަށް އަންނަ ކޮންމެ މީހަކަށް މާދަމާރޭ 100 ޑޮލަރު ލިބޭނެއޭ، މިފަދަ އެނައުންސްމަންޓެއް ގޮވާލެވިއްޖެ ކަމުގައި ވާނަމަ ހަމަ ޔަޤީނަށްވެސް ޖަމާޢަތް އިތުރު ވެގެން ދާނެ.
އާދެ، އަޅުގަނޑުމެންނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޢުދުވެދެއްވާފަ މިވަނީކީއެއް 100 ޑޮލަރެއް ނޫން. --- " ދުނިޔެ އާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެންވެސް ހެޔޮކަން ބޮޑޭ" ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ. އޭގެ މާނައަކީ ދުނިޔޭގަ ވާހާ މުދަލަކާއި، ދުނިޔޭގަ ވާހާ ރުފިޔާ ފައިސާއަކާ، ދުނިޔޭގަ ވަންޏާ ވާހާ އެއްޗެއް، މި ހުރިހާ އެއްޗަކަށް ވުރެން، ދުނިޔޭގަވާ އެންމެ އަގުބޮޑެތި އެއްޗިއްސަށް ވުރެވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ ގޮތުގައި ކޮށްލެވޭ 2 ރަކުޢަތްވެސް ހެޔޮކަން ބޮޑޭ. އެހެންވެއްޖެއްޔާ އަދި ފަތިސް ނަމާދުގެ ހެޔޮކަން ކިހިނެއްތޯ ވެގެން ދާނީ.
އާދެ މީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދެއްވާފައިވާ ހެޔޮ ޚަބަރެއް. އަޅުގަނޑުމެންނަށް ވަރަށް ކުޑަކުޑަ މަސައްކަތެއް ކޮށްލައިގެން ވަރަށް ގިނަގުނަ އަޖުރުތަކެއް ލިބުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ފުރުސަތެއް މީ. ފަތިސް ނަމާދުގެ އިހު ސުންނަތް ކުރެވިއްޖެ ކަމުގައި ވާނަމަ ހަމަ ޔަޤީނަށްވެސް ފަތިސް ނަމާދުގެ ޖަމާޢާތުގައި އަދި އެއަށްވުރެ ފަސޭހައިން ބައިވެރި ވެވޭނެ. އެކަން އެގޮތަށް ކޮށްފިކަމުގައި ވާނަމަ އެ މުޅި ދުވަހުވެސް އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގެ ދަށުގައި ވެގެން ދާނެ.