ޝަކުވާ ކުރުމުގެ ކުރިން ވިސްނައިލާށެވެ! ކައިވެންޏަށްފަހު ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޝަކުވާ ކުރުމުގެ ކުރިން ވިސްނައިލާށެވެ! ކައިވެންޏަށްފަހު ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނެ ގޮތަށް ޢަމަލުތައް ބެހެއްޓޭ ހެއްޔެވެ؟

މިހާރަކަށް އައިސް އަބަދުހެން އަޑުއަހަން މިޖެހެނީ ކައިވެނީގައި މައްސަލަތައް ޖެހިގެންއުޅޭ ވާހަކައެވެ. ކައިވެންޏަށްފަހު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ގިނަވެ އެކުގައި ނުއުޅެވިގެން ކުރާ ޝަކުވާތަކުގެ ވާހަކަތަކެވެ. މިކަންކަން މިހެންވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ 

ފުރަތަމަވެސް ފާހަގަކުރަންޖެހެނީ ކައިވެންޏަކީ ކޮބާކަމާއިމެދު ދެކެވޭ ގޮތެވެ. މިޘާލަކަށް ހެޔޮލަފާ ދެމީހަކުކަމުގައިވީނަމަވެސް އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ކައިވެނީގެ ރަސްމިއްޔާތު ވީހާފުރިހަމަ ކުރުމަށެވެ. ވީޑިއޯކުރުމާއި ފޮޓޯނެގުމާއި ވީހާ ގިނަބަކަށް ވީހާ ގިނަ ކާތަކެތި ކާންދިނުމަށެވެ. ވަލީމާ ވީހާމޮޅު، ފެންވަރު އެންމެ މަތީ ތަނެއްގައި ބޭއްވުމަށެވެ. އެވަރުންވެސް ނުފުދި މިހާރު މިވަނީ ރަންކިޔުމަކީވެސް ބޮޑު ރަސްމިއްޔާތެއްގައި ކުރާކަމަކަށް ހަދައިފައެވެ. އަދި މިބުނި ފަދަ ކަންކަން ކުރުމަކީ ކައިވެނި ފުރިހަމަކުރަން ކޮންމެހެން ކުރަން ޖެހޭ ކަންކަން ކަމަށްވެސް މިވަނީ ހަދައިފައެވެ. 

އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ މިފަދަ އެއްވެސް ކަމެއް ނުކުރަން ބުނަނީއެއް ނޫނެވެ. ނަމަވެސް މިކަންކަމުގެ ތެރެއިން ވަލީމާއެއް (އާދައިގެ ފެންވަރުގައި) ދިނުން ފިޔަވައި މުސްލިމުންނާއި ގުޅުންހުރި އެއްވެސް ކަމެއް ނެތެވެ. ކައިވެނީގައި ބަރަކާތް ލެއްވެވުން ވަނީ ކުރިން މިބުނި ކަންކަމަކުން ނޫނެވެ. ބަރަކާތް ލެއްވެވުންވަނީ ކައިވެނިކުރާ ވަޤުތުން ފެށިގެންވެސް ދެމަފިރިންވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރުމުންނެވެ. 

ނިކަން ބުނެބަލާށެވެ! ކައިވެންޏަށްފަހު އަނެކާ ތިމާއަށް ކޮސްދޭ ކަންކަން ވީޑިއޯ ނުކުރިނަމަވެސް އެކަންކަމަށް ވިސްނައިލެވޭ ހެއްޔެވެ؟ ފިރިމީހާ ތިމާއަށްޓަކައި ހޭދަކުރާނެ ފައިސާ ހޯދަން ކުރާ ބުރަމަސައްކަތާއި އަނބިމީހާ ފިރިމީހާއަށް ކޮށްދޭ ޚިދުމަތުގެ އަގުވަޒަންކުރެވޭ ހެއްޔެވެ؟ ދެމަފިރިން އެކުގައި ރޭއަޅުކަން ކުރެވޭ ހެއްޔެވެ؟ އެކަންކަން ނުކޮށް ކައިވެނީގައި ބަރަކާތް ލެއްވެވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ 

ޔަޤީންކަމާއިއެކު ބުނަންކެރިދާނެއެވެ! ވަލީމާ ފިޔަވައި ކުރިން މިބުނި އެއްވެސް ކަމެއް ނުކުރިޔަސް ކައިވެންޏަށްފަހު ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރާ ދެމަފިރިއެއްގެ މެދުގައި ޙައްލުނުކުރެވޭނެ ހަމަ އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. މައްސލަ ޖެހިދާނެއެވެ. ނަމަވެސް ޙައްލުކުރެވޭނެއެވެ. ސަބަބަކީ އެކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތީއެވެ. އިން ޝާ ﷲ 

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްފަހުން ކައިވެނީގެ ފިލްމް ބަލައި ކަރުނައަޅަންޖެހެނީ ނުވަތަ އެހަނދާންތައް ކޮށްފައި ކަރުނައަޅަންޖެހެނީ މިބުނި މަޤްޞަދު ޙާޞިލްކުރަން މަސައްކަތްނުކުރެވޭތީއެވެ. ދެމީހުން އެކުގައި ސުވަރުގެ ދާން މަސައްކަތްނުކުރެވޭތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން