ޙައިޟުގެ ދުވަސްތަކުގަވެސް އެމީހަކާ ﷲ އާ ގުޅުމެއް ނުކެޑޭ! ފާފައެއް ކުރެވިއްޖަނަމަ ތައުބާވެސް ވެވޭނެ! ކަމަކަށް ބޭނުންވީމާ ދުޢާވެސް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޙައިޟުގެ ދުވަސްތަކުގަވެސް އެމީހަކާ ﷲ އާ ގުޅުމެއް ނުކެޑޭ! ފާފައެއް ކުރެވިއްޖަނަމަ ތައުބާވެސް ވެވޭނެ! ކަމަކަށް ބޭނުންވީމާ ދުޢާވެސް ކުރެވޭނެ!

ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އަދި ކޮންމެ ވަޤުތެއްގައިވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. ޙައިޟުގެ ދުވަސްވަރުވެސް ފާފައެއް ކުރެވިދާނެއެވެ. 

ހައީޟްވެފައި ހުރުމަކީ އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން އެއްވެސް ވަރަކަށް ކެނޑިގެންދާ ކަމެއް ނޫނެވެ. އެގުޅުން އެންމެ ފުރިހަމަ ގޮތުގައި އަބަދުވެސް، ކޮންމެ ޙާލަތެއްގައިވެސް އޮންނާނެއެވެ.  

ވީމާ ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވާށެވެ! أَسْتَغْفِرُ ٱللَّٰهَ وَأَتُوبُ إِلَيْهِ. ކިޔައި ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުމަށް އެދުނަސް ފުދޭނެއެވެ. ﷲ ތަޢާލާ ތައުބާ ޤަބޫލުފުލުކުރައްވަވާނެތެވެ. އިން ޝާ ﷲ  

ހަމަ އެއާއިއެކު ޙައިޟުވެގެން ހުރެވެސް ކަމަކަށް ބޭނުންވުމުން ދުޢާކުރެވޭނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.  

ޔަޤީންކުރާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތައުބާގެ ދޮރު އަބަދުވެސްވަނީ ހުޅުވިގެންނެވެ. ފާފައެއް ކުރެވެމުން ދަނިކޮށްވެސް މިކުރެވެނީ ފާފައެއްކަން ވިސްނޭ ހިސާބުން އޮތީ އަވަހަށް ތައުބާވުމެވެ. ތައުބާވުމުގެ ދޮރު ބަންދުކުރައްވަވާނީ މަރުގެ މަލާއިކަތާ އޭނާގެ ލޮލަށް ފެންނަ ވަޤުތުން ފެށިގެންނެވެ. ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނަންވީ އެވަޤުތު ނުއެނގޭތީއެވެ.  

ހަނދުމަކޮށްދިނުމުގެ ގޮތުން ލޮބުވެތި ކަނބަލުންނަށް ބުނެލަން އޮތީ ހައިޟުން ޠޯހިރުނުވެ ހުއްޓައި ފިރިމިހާ އެދުނަސް ކަނބަލުން ބޭނުންވިޔަސް ޖިމާޢުނުވާށެވެ! އެއީ ޙަރާމް ކަމެކެވެ. ފާފައެކެވެ. ވީމާ އެކަމަށް ސަމާލުކަންދޭންވާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން