ހާސްކަމާއި ކަންބޮޑުވުންތައް ކުރިމަތިވުމުން ކަންނެތްވެ އަޅުކަންކުރުން ހުއްޓައިނުލާށެވެ! ހިތްވަރުކޮށްފައި ތެދުވެ އަޅުކަންކުރުމުގައި ސާބިތުވާށެވެ!
އުފާވެރިކަމުގެ ޙާލަތުވެސް ހިތާމައިގެ ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ އެވެ. އެޙާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލުކުރަންޖެހޭނެއެވެ. ވީމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކޮށް ކަންނެތް ނުވާށެވެ! މޫޑުގައި އަޅުވާފައި އެނދުގައި ނުއޮންނާށެވެ!
ވިސްނާލަންވީ ތިމާފަދައިން އަދި މާބޮޑަށް ހިތްދަތިޙާލުގައިވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން ބައަކު އުޅޭނެކަން ހަނދާންކުރަންޖެހޭނެ ކަމެވެ. ވީމާ ކުރިމަތިވެފައިވާ ހާލުގައިވެސް ތިމާއަށްވެސް ހިތްވަރުކުރެވޭނެ ކަމެވެ. އަޅުކަންކުރުމުގައި ތިމާއަށްވެސް ސާބިތުވެ ހުރެވޭނެ ކަމެވެ.
ހިތާމައާއި ހިތްދަތިކަން އެންމެންނަށްވެސް ކުރިމަތިވާނެއެވެ. އެކަން މާޔޫސްބައްޔަށް ބަދަލުވެ ބޮޑު މުޞީބާތަކަށް ބަދަލުވެގެންދަނީ އެކަމުގައި ޢަމަލުކުރެވޭގޮތުންނެވެ. އަޅުކަންކުރުމުގައި ކަންނެތްވެވޭތީއެވެ. ވަކީލްކުރުމުގައި ފަހަތައްޖެހެވޭތީއެވެ.
ހިނގާފައި ދަނިކޮށް ވެއްޓުނީމާ ތެދުވަން މަސައްކަތްނުކޮށް އެތަނުގައި އޮތުމެއް ނެތެވެ. އޮތީ ހިތްވަރުކޮށްފައި ތެދުވެ ކުރިއަށްދާން މަސައްކަތްކުރުމެވެ. ކުރިއަށްދާން މަސައްކަތްކުރާމީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. ހިތްވަރުދެއްވަވާނެތެވެ. މަގުދައްކަވާނެތެވެ. އިން ޝާ ﷲ
ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ކުރަން އެންމެ މުހިންމު ކަންކަމަކީ ދުޢާކުރުމާއި ޤުރްޢާން ކިޔެވުމާއި އެހެންވެސް އަޅުކަމެވެ. ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ވަޤުތުކޮޅަކު ނަމަވެސް ޤުރްއާން ކިޔަވާށެވެ! ހަމައެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްނުވާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން