ތިބާދެކެ މީހަކު ޙަޤީޤީ ލޯބިވާނަމަ ތިބާއަށްޓަކައި ކުރަންޖެހުނު އެއްވެސް ކަމެއް ކުރާކަށް ފަހެއް ނުޖެހޭނެއެވެ. ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނެއެވެ. ނަމަވެސް ތިބާ ދެކެ ލޯބިނުވާ މީހެއްގެ ގާތުގައި ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް، އެމީހަކަށް ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިން ނަމަވެސް ލޯތްބެއް ނުވާނެއެވެ.
ދެމީހަކު އެކަކު އަނެކަކުދެކެ ޙަޤީޤީ ލޯބިވާނަމަ ކޮންމެ ފަދަ ދަތިޙާލެއްގައިވެސް އަދި ކިތަންމެ ބޮޑު ދަތިއުނދަގޫ ކަންތައްތަކެއް ކުރިމަތިވިނަމަވެސް އެކަމަކުން އަރައިގަތުމަށް ދެމީހުން އެކުގައި މަސައްކަތްކުރާނެއެވެ. އެކަމަށް ވާންޖެހޭ ޤުރްބާނީ ކިތަންމެ ބޮޑު ނަމަވެސް ކަންބޮޑެއް ނުވާނެއެވެ. ޝަކުވާއެއްވެސް ނުކުރާނެއެވެ.
އެންމެ ބޮޑު އެއް ހިތާމައަކީ އެކަކު އަނެކަކު ދެކެ ލޯބިވާ އެތައް ބައަކަށް ވަކިން ދިރިއުޅެންޖެހިފައިވާ ކަމެވެ. އަދި އެކަކު އަނެކަކު ލޯބިނުވާ އެތައްބައަކަށް އެކުގައި އުޅެންޖެހިފައިވާ ކަމެވެ.
ކިތަންމެ ބޮޑަސް ލޯބިވާ މީހަކު ނަމަވެސް ކަންކަން ދިމާވާ ގޮތަކުން ފަހަރެއްގައި ދުރަށް ޖެހިލައިވެސްފާނެއެވެ. ނަމަވެސް އެމީހަކަށް ދުރަކު ނުހުރެވޭނެއެވެ. އެނބުރި އަންނާނެއެވެ. އެނބުރި އައުމަށްފަހު ކުރިއަށްވުރެ މާބޮޑަށް ލޯބިދޭނެއެވެ.
އަހުރެން ބުނާނީ ލޯތްބާއި އަދި ލޯބިވުމާއިމެދު އަދި ލޯބިވެގްން އުޅުމާއިމެދުގައިވެސް މިޙަޤީޤަތްތައް ޤަބޫލުކުރާނަމަ އެމީހަކަށް ލޯބިދަސްވެ އުފަލުގައި ދިރިއުޅެވޭނެއެވެ.
މިއީ ލޯތްބާއިމެދު އަޅުގަނޑު ކިޔާފައިވާ ބަސްކޮޅެކެވެ. އުންމީދުކުރަނީ ލޯތްބާއި ލޯބިވުމާއި އަދި ލޯބިން އެކުގައި އުޅުމާއިމެދު ވިސްނާ ކޮންމެ މީހަކަށް ޢިބްރަތަކަށް ވާނެކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް