ތިމާދެކެ ލޯބިވާ މީހުން ދެނެގަންނަން ހުރަސްތަކެއް އެބަހުއްޓެވެ. މިހެން މިބުނަނީ ގިނަ ބައަކަށް ޤަބޫލުކުރެވެނީ ކަލާ ދެކެ ލޯބިވަމެވެ ވަރަށް ގިނައިން ބުނަމުން ނިދިނަގާލައި ގިނައިރު ވާހަކަދައްކާނަމަ ނުވަތަ ޗެޓްކުރާނަމަ އެއީ ތިމާދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކު ކަމަށެވެ.
އަހުރެން ބުނާނީ ރޭގަނޑުގެ ނިންޖަށް ހުރަސް އަޅައި ނިދިއަ ނުދޭނަމަ އެކަމުންވެސް އެނގެނީ އެމީހަކު ތިބާ ދެކެ ލޯބިނުވާކަން ކަމަށެވެ. ސަބަބަކީ ހަމަ ނިދި، ޚާއްޞަކޮށް ރޭގަނޑުގެ ނިދި ހަމައަސް ނުލިބޭނަމަ އެމީހަކަށް ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ކުރަންޖެހޭ މަސައްކަތްކުރަންވެސް ދަތިތައް ކުރިމަތިވާނެތީއެވެ. ވަޒިފާ އަދާކުރާ މީހަކުނަމަ އެކަމަށްވެސް ހުރަސްއެޅި ތިމާ ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭނެތީއެވެ.
ތިމާ ދެކެ ލޯބިވާ މީހަކުނަމަ ކުރިމަތިވާ ކަންކަން ޙައްލުކުރަން އެހީތެރިވެދޭނެއެވެ. ހިތާމައާއި ހިތްދަތިކަމުގެ ވަޤުތުތަކުގައި އަޅާލައި އެހީތެރިވެދޭނެއެވެ. ތަޢްރީފްކުރާނީ ތިބާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކަށެވެ. ނުބައި ސިފަތައް ފާހަގަކޮށް އިޞްލާޙްކުރަން ބާރުއަޅާނެއެވެ.
ހަމަ އެއާއިއެކު ތިބާއަށް ދެރައެއް ލިބޭނެ، އަގުވެއްޓިދާނެ އެއްވެސް ކަމެއް ތިބާ ލައްވައި ނުކުރުވާނެއެވެ. ފާފައެއް ނުކުރުވާނެއެވެ. ފާފައެއް ކުރަން އުޅެވުނަސް އެކަމަށް ހުރަސްއަޅައި ހުއްޓުވަންވެސް މަސައްކަތްކުރާނެއެވެ.
އަނެކާ ތިމާދެކެ ލޯބިވާކަން ދެނެގަންނަން ކުރަންޖެހޭނެ ކަމަކީ އެމީހަކު ތިބާގެ މިބުނި ކަންކަމަށް ސަމާލުކަންދޭ މިންވަރު ބެލުމެވެ. ގިނަ ފަހަރު ދެރައާއި ހިތާމަތައް ކުރިމަތިވަނީ މިބުނި ކަންކަމަށް ނުބަލައި އަނެކާ ތިމާދެކެ ލޯބިވާކަމަށް ބެލެވޭތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން