ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ކަމަކީ އެމީހާގެ ފާފަތައް ފުސްވައިދެއްވެވުން!: ފާފަތައް ފުހެވިގެންދާނެ ދިހަ ގޮތް-: އިބްން ތައިމިއްޔާ ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރި ކަމަކީ އެމީހާގެ ފާފަތައް ފުސްވައިދެއްވެވުން!: ފާފަތައް ފުހެވިގެންދާނެ ދިހަ ގޮތް-: އިބްން ތައިމިއްޔާ ރަޙިމަހުﷲ

ކޮންމެ މީހަކަށްވެސް އެންމެ ފައިދާހުރިކަމަކީ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުމުމެވެ. ހުރިހާ ކަމަކަށްވުރެ އެކަން މުހިންމުވާ ސަބަބަކީ ﷲ ތަޢާލާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވައިފިނަމަ ނަރަކައަށް ވަންނަން ނުޖެހި ނަރަކައިގެ ބިރުވެރިކަމުން ސަލާމަތްވެވޭނެތީއެވެ. ހަމައެއާއިއެކު ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެތަކަށް ﷲ ތަޢާލާ އެމީހަކު ވައްދަވާނެތީއެވެ. 

ވީމާ އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަންކަން ކުރުމަށެވެ. ފާފަތައް ފުހެވިގެންދާ ގޮތްތަކާއި ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

1.    އެމީހަކު ﷲ އަށް ތައުބާވެ، ﷲ އެމީހެއްގެ ތައުބާ ޤަބޫލުކުރެއްވުން، އެމީހަކަށް ކުރެވޭ ފާފައަކަށް ތައުބާވާ މީހަކު އެ ފާފަ ނުކުރާ ފަދައެވެ. 

2.    ﷲ އަށް އިސްތިޣްފާރު ކުރުމުން، އެމީހެއްގެ ފާފަ ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވައި ދެއްވުން 

3.    ހެޔޮ ޢަމަލުކުރުމުގެ ސަބަބުން އެމީހެއްގެ ފާފަ ފުހެވިގެން ދިޔުން، އެހެނީ ހެޔޮ ޢަމަލުތަކަކީ ފާފަ ފުހިވެގެންދާ ކަމެކެވެ. 

4.    އެމީހެއްގެ މައްޗަށް އެމީހެއްގެ ޞާލިހު ދަރިން ކުރާ ހެޔޮ ދުޢާ އަދި އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަށް އެދި އެ ދަރިން ކުރާ ދުޢާގެ ސަބަބުން ދުނިޔޭގައި ހުންނަ އިރުވެސް އަދި މަރުވުމަށްފަހުވެސް އެމީހެއްގެ ފާފަ ފުހިވެގެން ދިޔުން 

5.    ނުވަތަ އެމީހެއްގެ ޞާލިހު ދަރިންގެ ހެޔޮ ޢަމަލުތަކުން އެމީހެއްގެ މައްޗަށް އަޖުރު ލެއްވުމަށް އެދި ﷲ އަށް އެ ދަރިން ދެންނެވުމުގެ ސަބަބުން އެމީހަކަށް ލިބިގެންދާ އަޖުރުގެ ސަބަބުން 

6.    ރަސޫލާ އެމީހެއްގެ މައްޗަށް ޝަފާޢަތްތެރި ވެއްޖެނަމަ 

7.    މި ދުނިޔޭގައި ﷲ ތަޢާލާ އެމީހަކަށް އެކި ކަންކަން މެދުވެރިކުރައްވާ އިމްތިހާނު ކުރައްވައިގެން ފާފަތަށް ފުހިވިގެން ދިޔުން 

8.    ބަރުޒަޚުގެ ޢާލަމް (މަރުވުމަށްފަހު ކަށްވަޅުގައި ޤިޔާމަތާ ހަމައަށް ހޭދަވެގެންދާ ދުވަސްތައް) ގައި ﷲ ތަޢާލާ އެމީހާއަށް ފާފަ ފުހެވިގެންދާފަދަ އިމްތިހާނުތައް ކުރިމަތި ކުރެއްވުން  

9.    ޤިޔާމަތްދުވަހުގެ އެކި މަރުހަލާތަކުގައި ފާފަ ފުހެވިގެންދާފަދަ އިމްތިހާނުތައް ކުރިމަތި ކުރެއްވުން 

10.    ރާޙްމާންވަންތަ ރަޙީމްވަންތަ އިލާހުގެ ރަޙްމަތް އޭނާގެ މައްޗަށް ލެއްވިގެން ދިޔުން

މީގެން ކަމަކުން އޭނާގެ ފާފަ ފުހެވިގެން ނުދިޔަ މީހަކަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރުން ނޫން ގޮތެއް ނެތެވެ.

 

ވީމާ ފާފަތަށް ފުހެވިގެންދާނޭ ގޮތްތަށް ދެނެގަނެ އެގޮތަށް ޢަމަލުތަށް ބަހައްޓަން މަސައްކަތްކުރައްވާށެވެ.

 

ދުޢާއަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ އިލާހު، އަޅަމެންގެ މައްޗަށް ރަޙްމަތް ލައްވައި ފާފަ ފުހިވިގެންދާނެ ހުރިހާ ގޮތްތަކަކުން އަޅުގަނޑުމެން ފާފަތައް ފުއްސަވައި ދެއްވުމެވެ. އަދި އާޚިރަތުގައި ކާމިޔާބު ލިބިގެންދާ މީހުންގެ ތެރެއިން އަޅަމެން ލެއްވުމެވެ.

(ރިފަރެންސް: މަޖްމޫޢު އަލްފަތާވާ، މިންބަރު ތައުޙީދު)

 

--ޝައިޚް ސަމޫޙްގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން