ޝައިޠޯނާގެ ކޮޅުގަ ތިބެގެން ނިދާ މީހުން ގިނަވެއްޖެ! ނިދީން ހޭނުލެވިއްޖެނަމަ ދެންވާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޝައިޠޯނާގެ ކޮޅުގަ ތިބެގެން ނިދާ މީހުން ގިނަވެއްޖެ! ނިދީން ހޭނުލެވިއްޖެނަމަ ދެންވާނީ ކިހިނެއްތަ؟

އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ އަހުރެމެން ދޫކޮށެއް ނުލައްވަވަތެވެ. އަހުރެމެންނާއިއެކު ވޮޑިގެންވެއެވެ. އެކަމުގެ ފައިދާ ނުފެންނަނީ އަހުރެމެން ލިބިނުގަންނާތީއެވެ. ވިސްނައި ފައިދާ ލިބިގަންނަން މަސައްކަތްކުރާނަމަ ޝައިޠޯނާއަށް އެމީހަކާއި ކައިރިވެސް ނުވެވޭނެއެވެ. ނިދުމުގެ ވަޤުތުގައިވެސް އެކަން އޮތީ ހަމައެގޮތަށެވެ.  

ނިދިން އޮށޯންނަ ވަޤުތަކީވެސް އަދި ތިމާ ނިދާ ވަޤުތަކީ ވަރަށް ޚާއްޞަ ވަޤުތެކެވެ. އެއްކޮޅުގައި ތިބާއަށް ރައްކައުތެރިކަން ދެއްވަވަން މަލާއިކަތުން މަސައްކަތްކުރައްވަވަނީއެވެ. އަނެއްކޮޅުގައި ހުރެ ޝައިޠޯނާ ތިބާ އޭތީގެ ކޮޅަށް ގެންދުވަން މަސައްކަތްކުރަނީއެވެ. އެހާލަތުގައި ގިނަ މީހުން މިހާރު ނިދަނީ ޝައިޠޯނާގެ ކޮޅުގައި ތިބެގެންނެވެ.  

ޖާބިރުގެފާނުގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ!

"ނިދަން އޮށޯތުމުން މަލާއިކަތަކާ ޝައިޠޯނަކު އަންނާނެތެވެ! މަލާއިކަތާ ހިތްވަރު ދެއްވަވާނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަށެވެ. ޝައިޠޯނާ ހިތްވަރުދޭނީ ކޮންމެވެސް ޝައިޠޯނީ ޢަމަލެއްގައި ނިދުމަށެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދައިފިނަމަ އެމީހާ ނިދީން ހޭލަންދެން އެމީހާގެ ކަންކަން މަލާއިކަތާ ބަލަހައްޓަވާނެތެވެ!" 

10624 السنن الكبرى للنسائي

1/25 المحدث ابن حجر العسقلاني خلاصة حكم المحدث حسن في الأمالي الحلبية  

މިއަދު ގިނަ ބައަކު ނިދަނީ ފޯނާއިކުޅެމުންނެވެ! ސޯޝަލްމީޑިއާގައި ކޮންމެވެސް ބޭކާރު ކަމެއް ކުރަމުންނެވެ. ލޯބިވެރިއާ އާއި ވާހަކަދައްކަމުންނެވެ. މިޔުޒިކް އަޑުއަހަމުންނެވެ. ފިލްމެއް ބަލަމުންނެވެ. ކޮންމެވެސް ތަނެއްގައި ކުޅޭ މެޗެއް ބަލަމުންނެވެ. 

އެހެންކަމުން ﷲ ތަޢާލާ ހަނދުމަކުރަމުން ނިދަނީ މަދުމީހަކު ކަމަށް ބުނެވިދާނެއެވެ. ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ނިދުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ފުރަތަމަ ޛިކުރުތައް ކިޔައިލާށެވެ. ކުރާނެ އިތުރުކަމެއް ނުވިސްނޭނަމަ ކީރިތި ޤިރްއާނުގެ ތަރުޖަމާ ނުވަތަ ޤުރްއާން ނުވަތަ ސިޔަރަތު ފަދަ އެއްޗެއް އަޑުއަހައި ވިސްނަން އޮތް ނަމަވެސް ނިދޭނީ ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ.   

ނިދާއިރު ޢަމަލުކުރެވޭ ގޮތް މިއީ ވަރަށް ބޮޑަށް އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ. ނިދަންވާނީ ނިދުމުގެކުރިން ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެންނެވެ. ކިޔަންޖެހޭ ޢާޔަތްތަކާއި ސޫރަތްތައް ކިޔައިގެން ﷲ ތަޢާލާ ހަނދުމަކުރުންމަތީގައެވެ! މި ޙަދީޘްފުޅުގައިވާފަދައިން ރަޙްމަތް ލައްވަވާނީ އެއރުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން