ކޮންމެ ދެމަފިރިއަކުވެސް ވިސްނާށެވެ! ކަންކަން ސިއްރުކުރުމަކީ ކޮބައިހެއްޔެވެ؟ ޙަޤީޤީ މާނައަށް ބަލައިފިނަމަ ސިއްރުކުރުމަކީ ފޮރުވުމެވެ. އެއިރުން އެކަން އެވަނީ ވަގުންގެ ސިފައަކަށެވެ. ހަމައެކަނި ވައްކަމަކަށް ނޫނެވެ. ވައްކަމުގެ ސިފައަށްވެސް އިސްލާމް ދީނަކު ޖާގައެއް ނެތެވެ.
ތިމާ ފިޔަވައި އެހެން މީހުންނަށް އަނގްނަ ޖެހޭ އެއްވެސް ކަމެއްގައި ސިރުކުރުން ގެންގުޅޭނަމަ އެއީ ވަރަށް ނުރައްކަންތެރިކަން ބޮޑު ކަމެކެވެ. އެކަމުން އެނގެނީ އެމީހާގެ ކިބައިގައި ޢަދުލުވެރިކަމެއް ނެތްކަމެވެ. އެމީހާއަކީ ޢަދުލުވެރިއަކު ނަމަ އެހެން މީހުންނާއި ގުޅުން ހުންނަ ކަންކަން ސިއްރުކުރާކަށް ނުޖެހޭނެއެވެ.
މިސާލަކަށް ބުނާނަމަ ޒަވާޖީ ޙަޔާތެއް ފަށައިގެން ދިރިއުޅެމުންދާއިރު ދެމަފިރިންގެ މެދުގައި އެއްގޮތަކަށްވެސް ކަންކަން ސިއްރުކޮށްގެން ނުވާނެއެވެ. ބައިވެރިޔާ ގާތުގައި ކަމެއްގެ ވާހަކަ ނުބުނެވިހުއްޓައި އޭނާއަށް ޝައްކުވެގެން ނުވަތަ އެނގިގެން ސުވާލުކޮށްފިނަމަ ދޮގުހަދައި އޮޅުވާލައިގެން ނުވާނެއެވެ. އެކަމެއް އޮތްގޮތަށް ތެދުބަހުން ކިޔައިދޭށެވެ.
ނަމަވެސް މިހާރަކަށް އައިސް ވަރަށް ރަނގަޅު ބައެއް މީހުންނަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ ތެދުވެރިވާންޖެހޭނީ ހަމައެކަނި ތިމާއާއި ޙަވާލުކުރެވޭ ފައިސާއަށް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އޮޑިޓް ކުރީމާ ފަޅާއަރާނެތީ ފައިސާއަށް ތެދުވެރިވާ ފަދައިން ދިރިއުޅުމުގެ ކަންކަމުގައިވެސް ތެދުވެރިވާންޖެހޭނެއެވެ. އެހެނީ އޮޑިޓަރުން އައިސް އޮޑިޓްކުރާތަން ނުފެނުނު ނަމަވެސް ތިމާކުރާ ކޮންމެ ޢަމަލެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް އޮޑިޓަރުން ބޭނުމެއް ނުވެއެވެ. ވީމާ އެމީހަކު ކުރިކަމަކަށް ޖަވާބުދާރީވާން ނުޖެހޭނެކަމަށް ހީކޮށް ބައިވެރިޔާއަށް ވިޔަސް ކަންކަން ސިއްރުނުކުރާށެވެ. އެކަމުގެ ސަބަބުން ކަރުނައަޅަން ޖެހޭނެ ދުވަސް ތިބާއާއި ބައްދަލުކުރާނެއެވެ. ގިނަ ފަހަރު ދުނިޔޭގައިވެސް އަރާހަމަކުރެއެވެ. ގިނަ މީހުން ނިމިދަނީވެސް އެކަމުގެ ހިތާމައިގައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން