މިސްކިތުގަ ފޯނު ރިންގުވުމާ އަލުކަމާ ނުގުޅޭ ވާހަކަ ދެއްކުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގެން އެބަޖެހޭ! އިންތިހާއަށް ސަމާލުކަންދޭންވެސް އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 56ސ
މިސްކިތުގަ ފޯނު ރިންގުވުމާ އަލުކަމާ ނުގުޅޭ ވާހަކަ ދެއްކުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގެން އެބަޖެހޭ! އިންތިހާއަށް ސަމާލުކަންދޭންވެސް އެބަޖެހޭ!

މިހާރަކަށް އައިސް ކޮންމެ ނަމާދެއްގައިހެން ކޮންމެވެސް މީހެއްގެ ފޯނު ރިންގުވެގެން ޖަމާޢަތުގައި ތިބޭ ގިނަބައެއްގެ ޚުޝޫޢަތްތެރިކަން ގެއްލި ނަމާދުން ބޮޑު ބައަކަށް އަސަރުކުރެއެވެ. އެއްވެސް އަޑެއް ނުއިވުނަސް ޚުޝޫޢަތްތެރިވާންޖެހޭ މިންވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރި ނުވެވޭއިރު އިތުރު އަޑެއް އިވުނީމާ ދެން ވާނެގޮތާއިމެދު ވިސްނައިލާށެވެ!

ހަމައެއާއިއެކު ސުންނަތްކުރަން އަދި ޛިކުރުކުރަން ތިބޭ މީހުންނަށް އުނދަގުވާވަރަށް އެބަ ވާހަކަ ދައްކައެވެ. މިދެ ކަންތަކުގެ ނުބައިކަންހުރި މިންވަރާއި ޙައްލުކުރަން ޢަމަލުކުރަންޖެހޭ ގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ނަމާދަށް ހުއްޓަ ފޯނު ރިންގްވާން ފަށައިފި ނަމަ ދެން ހަދާނީ ކިހިނެއް؟ 

އާދެ، މީގަ އެންމެ ފުރަތަމަ އަޅުގަނޑުމެން ދަންނަންޖެހޭ ކަމަކީ ޢިލްމުވެރިން ބަޔާންކުރައްވާފައިވޭ، ފޯނު ގަސްދުގައި ސައިލެންޓަށް ނުލާ ބާއްވައިގެން މިސްކިތައް ދިއުން ހުއްދަ ނުވާނެކަމުގަވެސް. ސަބަބަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ  -- " ރަނގަޅު މުސްލިމަކީ އެއީ އެމީހެއްގެ ދުލާއި އަދި އަތުގެ ނުބައިކަމުން (މާނައަކީ އެމީހެއްގެ ޢަމަލުތަކުގެ) ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." އެހެންމަ ފޯނު ސައިލެންޓަށް ނުލާ އޮއްވާ މިސްކިތަށް ގޮސް އޭތި ރިންގުވާންފެށުމުން، އޭގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވީމަ، އެއީ އަޅުގަނޑުމެންނަށް ކުރެވޭ ނުބައި ކަމެއްގެ ގޮތުގަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘަށް އެކަނި ބަލައިލި ނަމަވެސް އަޅުގަނޑުމެންނަށް އެނގިގެންދޭ. 

އަދި އެހެން ފަހަރެއްގަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގެ ޢަދަބުތައް އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާ ދަސްކޮށްދެއްވަމުން ޙަދީޘްކުރައްވާފައިވަނީ --- " މީހެއް އަތުން އެއްޗެއް ގެއްލިގެން، އެމީހަކު އެ ގެއްލުނު އެއްޗެއްގެ ވާހަކަ މިސްކިތުގަ ތިމަންނަގެ މިވެނި އެއްޗެއް ގެއްލިއްޖެއޭ ކިޔާފަ މިސްކިތުގަ އެކަން އިޢުލާނު ކުރާ އަޑު އިވިއްޖެކަމުގައި ވާނަމަ ތިޔަބައިމީހުން ބުނާށޭ." --- " ތިބާއަށް އޭތި ރައްދުނުކުރައްވާށިއޭ." އެމީހާއަށް އެކަން ނުވާން ދުޢާކުރަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައި ވަނީ. އެއީ ކީއްވެގެންކަން ބަޔާން ކުރައްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއަށްފަހުގަ ޙަދީޘް ކުރައްވަނީ --- " އެހެނީ މިސްކިތްތައް ބިނާކުރެވިފައިވަނީ ތިކަމަށްޓަކައެއް ނޫނޭ." 

އެހެންމަ އެއީވެސް މިސްކިތާ ނުގުޅޭ ކަމަކަށްވާތީ، މިސްކިތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަމާދުކޮށް، އަޅުކަން ކޮށް، ޤުރުއާން ކިޔަވާ އެކަލާންގެ އާޔަތްތަކާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުގެ ވާހަކަތައް ދެކެވެންޖެހޭ ތަނަކަށް މިސްކިތްތައް ވާތީވެ، މިކަމާ ނުގުޅޭ ކަމެއް މީހުން އަތުން ގެއްލޭ އެއްޗެހީގެ ވާހަކައާއި ދުނިޔެވީ ކަންތައްތަކާއި އަދި ވިޔަފާރިއާއި މިފަދަ ކަންތައްތަކަކީ މީ މިސްކިތާ ގުޅުންހުރި ކަމަކަށް ނުވާތީވެ، އެފަދަ އަޑުތައްވެސް މިސްކިތުން އިވުން އެއީ އިންކާރު ކުރެވެންޖެހޭ ކަމެއްގެ ގޮތުގަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ޙަދީޘްގަ ބަޔާން ކޮށްދެއްވާފައިވަނީ. އެމީހާގެ ވަރަށް މުހިއްމު ކަމެއް އެއީ، އެހެން ނަމަވެސް މިސްކިތުތެރޭގައެއް ނޫން އެވާހަކަ ދައްކާނީ، މިސްކިތުން ބޭރުގަ އެވާހަކަ ދެއްކިދާނެ. މިސްކިތުން ބޭރުގަ އެވާހަކަ ދެއްކުމަކީ މުހިއްމު ކަމެއް. 

އެހެންނަމަވެސް މިސްކިތުގަ މިވާހަކަ ނުދައްކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވުމުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ، އަދި އަމުދުން ފޯނުގެއަޑު ފަދަ އަޑުތައް މިސްކިތުން އިވިގެން ނުވާނެކަން. އެހެންމަ މިފަދަ ޙަދީޘްތައް މިހެން އައިއްސަވާތީވެ ޢިލްމުވެރިން ބަޔާން ކުރައްވަނީ، ފޯނު ސައިލެންޓަށް ނުލާ ގަސްދުގައި އެގޮތައް ބާއްވައިގެން މިސްކިތައް ވަނުންވެސް ހުއްދަ ނުވާނެކަމުގަ. އަދި މިއުޒިކް ހުންނަ ރިންގްޓޯނެއް ފޯނުގަ ހުރެއްޖެކަމުގަ ވާނަމަ އެކަމުގެ ނުބައިކަން އިތުރުވެގެން އެބަދޭ. އެހެނީ ޞަޙާބީ ބޭކަލުންވެސް މިޔުޒިކް ސިފަކުރައްވާފައިވަނީ (އަރަބި) " ޝައިޠާނާގެ ދުއްމާރީ" ގެ ގޮތުގަ. އަދި އަޅުގަނޑުމެންނަށް މިޔުޒިކް ހަރާމް ކަން އިނގޭ އެތައް ބައިވަރު އާޔަތްތަކާއި ޙަދީޘްތަކުގެ ދަލީލުތައް ލިބެން އޮތްއިރުގަ ޝައިޠާނާގެ ދުއްމާރީގެ އަޑު މިސްކިތުގެ ތެރެއިން އިވުމަކީ މީ އެކަމުގެ ނުބައިކަން އިތުރުވެގެން ދާނެކަމެއްކަން ޢިލްމުވެރިން ބަޔާން ކުރައްވާ. އެހެންކަމުން މިޔުޒިކް ހުންނަ ރިންގްޓޯންއެއް ފޯނުގައި ބެހެއްޓުން އާއްމު ހާލަތުގައިވެސް އަޅުގަނޑުމެން ދުރުހެލިވާންޖެހޭ ކަމެއް. އަދި އެއަޑު މިސްކިތުން އިވިއްޖެކަމުގައި ވާނަމަ އެކަމުގެ ނުބައިކަން އިންތިހާއަށް ބޮޑުވެގެންދާކަން އަޅުގަނޑުމެން ދަންނަންއެބަޖެހޭ.

އާދެ، މިކަމުގެ ސީރިއަސްކަން ބަޔާންކޮށްދެއްވާ އައްޝައިޚް މުޙައްމަދު ޞާލިހް އަލް މުނައްޖިދް ހަފިޟަހުﷲ ބަޔާންކުރައްވާ ވިދާޅުވެފައިވޭ -- " ފޯނުގެ ރިންގްޓޯންގެ ގޮތުގައާއި، ފޯނުން އިވޭ އަޑުގެ ގޮތުގަ މިޔުޒިކް ހުންނަ އެކިކަހަލަ ރިންގްޓޯންތަކާއި އަޑުތައް ބޭނުންކުރުމަކީ މީ" --- " މުންކަރާތެކޭ އަދި ހަރާމް ވެގެންވާ ކަމެކެވެ." -- " އަދި މިކަމުގެ ނުބައިކަމާއި ހުތުރުކަމާއި ފާފައިގެ ބޮޑުކަން އިތުރުވެގެން ދޭ މިޔުޒިކް ގެ މި އަޑުތައް މިސްކިތުގެ ތެރެއިން އިވޭކަމުގަ ވާނަމަ އޭގެ ނުބައިކަން އަދި އިތުރުވެގެންދެއޭ" ޝެއިޚް ވިދާޅުވަނީ. އެއަށްފަހު ވިދާޅުވަނީ (އަރަބި) "އެހެނީ އެކަމުގެ ނުބައިކަން އިތުރުވެގެން އެދަނީ އެއީ  މާތްވެގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތަކުގެ ތެރޭގަ އެ ނުބައި ބާޠިލް އަޑުތައް އިޢުލާނު ކުރެވިގެން ދާތީ، އެންމެންނަށް އިވޭނެގޮތަށް އެކަމުގެ އަޑުތައް އިވިގެން ދާތީ" މީހަކަ އެކަނިމާއެކަނި އެއާ ޕޮޑްސްއެއް އެއްޗެއް ޖަހައިގެން މިސްކިތުގެ ތެރޭގަ މިޔުޒިކްގެ އަޑު އެހިކަމުގައި ވިޔަސް އެއީވެސް އެހާ ނުރައްކާތެރި ކަމެއް. އަދި ކިހިނެއްތޯ ވާނީ އެއަޑު އެންމެންނަށް އިވޭ ކަމުގައި ވާނަމަ. އެންމެންނަށް އިވޭނެފަދަ ގޮތަކަށް ފޯނުން އެއަޑު އަންނަކަމުގަ ވާނަމަ އޭގެ ނުބައިކަން އަދި އިތުރު ވެގެންދާކަން ޝެއިޚް ބަޔާން ކުރައްވާފަވަނީ. 

އެހެންކަމުން ޝެއިޚް ވިދާޅުވަނީ -- " އެހާލަތުގަ އެކަމުގެ ނުބައިކަން އިތުރުވެގެންދޭ، އަދި ފާފަ ބޮޑުވެގެންދެއޭ. --- " އަދި އެންމެންނަށް ސާފުކޮށް އެނގެން އޮތް ކަމެކޭ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މިޔުޒިކްގެ ހަރާމްކަން ވަރަށް ޞަރީޙަކޮށް، ދެމާނައެއް ނުނެގޭހާ ސާފުކޮށް އެކަން ބަޔާން ކޮށްދެއްވާފައިވާކަން. މީ އެންމެންނަށްވެސް އެނގެން ޖެހޭ ކަމެކޭ. އެހެންމަ އެ އަޑުތައް މިސްކިތުގެ ތެރެއިން އިވުން އެއީ އިތުރަށް ނުރައްކާތެރިކަން ބޮޑުކަމެއްކަން މީގެން އަޅުގަނޑުމެންނަށް އެނގިގެންދޭ. 

ދެން އެއަށްފަހުގައި ސުވާލަކަށް އުފެދިދާނެ، އެކަމު ހަނދާން ނެތިގެން މީހަކަށް ހަމަ ފޯނު ރިންގް އޮފްކޮށް ނުލާ ބޭއްވުނީއެވެ. ދެން އެހާލަތުގައި ކިހިނެއްހޭ ހަދާނީ؟ އާދެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ދަންނަންޖެހޭނީ ހުރިހާ ހާލަތެއްގަވެސް މިޔުޒިކް ހުންނަ ރިންގް ޓޯންތައް  ފޯނުން ދުއްވާލަން ޖެހޭކަން، އެއްވެސް ހާލެއްގަ ބަހައްޓައިގެން ނުވާނެކަން. 

އަޅުގަނޑުމެން ދަންނަންޖެހޭ ދެވަނަ ކަމަކީ ނަމާދަށް  ހުއްޓަ ފޯނު ރިންގްވާންފަށައިފިކަމުގައި ވާނަމަ، ނަމާދަށް ހުރެގެންވެސް ފޯނު ސައިލެންޓަށް ލާން އެބަޖޭ. އެހެންނޫންކަމުގަ ވާނަމަ އެހެންމީހުންގެ ނަމާދުގެ ޚުޝުއަތްތެރިކަންވެސް އުނިވެގެންދާނެ، އަދި އެހެންމީހުންނަށް އުނދަގޫ ކުރުމުގެ ފާފަވެސް އަޅުގަނޑުމެންގެ ބޮލުގަ އެޅިގެން އެންނާނެ. އެހެންކަމުން މީ ނަމާދަށް ހުރެގެންވެސް ކުރަންޖެހޭ ކަމެއްކަން ޢީލްމުވެރިން ވަނީ ބަޔާން ކުރައްވާފަ. އަދި އެކަން ކުރުމަށްޓަކާ މަދު ހަރަކާތެއް ކުރި ކަމުގައިވިޔަސް އެކަމުގެ ސަބަބުން ނަމާދު ބާޠިލް ނުވާނެކަން ޢިލްމުވެރިންވަނީ ބަޔާން ކުރައްވާފަ. މަދު ހަރަކާތް، މާނައަކީ އެމީހެއްގެ ފޯނު މިއޮތީ ޖީބުގަ، އެހެންވީމަ ޖީބުގެ ބޭރުން ފިތާލައިގެން ފޯނު ސައިލެންޓަށް ލީކަމުގައިވިޔަސް ނުވަތަ އެގޮތަށް ނުވަންޏާ ޖީބުން ފޯނު ނަގާފަ ފޯނު ސައިލެންޓަށް ލާފަ ދެން ޖީބަށް ލީކަމުގައި ވިޔަސް މީ މަދު ހަރަކާތެއްގެ ގޮތުގަ ބެލެވޭނީ. އެކަން އެގޮތަށް ކޮށްގެން އެމީހެއްގެ ނަމާދު އަދި ބާޠިލެއް ނުވާނެ. އަދި އެހާލަތުގަ އެކަން ކުރަންޖެހޭނެކަމުގަ ޢިލްމުވެރިން ވަނީ ބަޔާން ކުރައްވާފަ. 

އަދި އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ބަލާލައިފިކަމުގައި ވާނަމަ، ނަމާދުގެ މަސްލަޙަތަށްޓަކާ ނަމާދުގެ ޚުޝޫއަތްތެރިކަން  އިތުރު ކުރުމަށްޓަކާ ބައެއްކަހަލަ އިތުރު ހަރަކާތްތައް އެކަލޭގެފާނު ކުރެއްވިކަމަށް އެބައޮތް. އެގޮތުން އެކަލޭގެފާނުގެ ކާފަ ދަރިކަލުން އުމާމާ ބިންތު އަބިލް ޢާސް ރަޟިޔަﷲ ޢަންހާ އުރުއްވައިގެން އެކަލޭގެފާނު ނަމާދު ކުރެއްވި. އެއީ އެކަމަނާ ތުއްޕުޅު އިރުގަ އެކަމަނާ ނޫރާ ބިންމަތީގަ ބަހައްޓައިފިކަމުގައި ވާނަމަ ފަހަރެއްގަ ކީރިތި ކުރައްވަން ފަށައިގެން އެކަމުގެ ސަބަބުން ނަމާދުގެ ޚުޝޫއަތްތެރިކަމަށް ބުރޫ އަރާފާނެތީ. އެހެންމަ އެކަލޭގެފާނު އެހާލަތުގެ އިތުރު ހަރަކާތް އޭގަ އައިކަމުގައި ވިޔަސް، ސަޖިދަ ޖައްސަވާ ކޮންމެ ފަހަރަކު އެކަމަނާ ބިންމަތީގަ ބަހައްޓަވާ، އަނެއްކާ ސަޖިދައިން ޤިޔާމަށް ތެދުވާ ކޮންމެ ފަހަރަކު އަނެއްކާ އަލުން ނަންގަވާ. މި ހުރިހާ ކަންތައްތަކެއް ކޮންމެ ރަކުޢަތެއްގައި ކުރަން ޖެހިވަޑައިގެންކަމުގައި ވިޔަސް، އެކަލޭގެފާނު ނަމާދުގެ މަސްލަހަތަށްޓަކާ، މާނައަކީ ނަމާދުގެ ޚުޝޫއަތްތެރިކަން އިތުރު ކުރުމަށްޓަކާ އެހާލަތުގެ އެކަން ކުރައްވާފަވަނީ. އަދި މިފަދަ އެކިއެކި އިތުރު ހަރަކާތްތައް އެކަލޭގެފާނު ނަމާދުގެ މަސްލަޙަތަށްޓަކާ ކުރައްވާފަ ވާތީވެ ޢިލްމުވެރިން ބަޔާންކުރައްވަނީ، އެކަން ކުރަން މަދު ހަރަކާތްތަކެއް ބޭނުންވާކަމުގައި ވާނަމަ މީހެއްގެ ފޯނު އޮފް ކޮށްލައިގެން އެމީހެއްގެ ނަމާދު ބާޠިލް ނުވާނެއެވެ. އެހެންނަމަވެސް ނަމާދުގެ ޚުޝުއަތްތެރިކަމަށް އަންނަ އުނިކަމުގެ ސަބަބުން އޭގެން ލިބޭ ޘަވާބާއި ދަރުމަ އުނިވެދާނެ، އެނަމާދު ބާޠިލް ނުވި ކަމުގައި ވިޔަސް. އެހެންމަ މީ އަޅުގަނޑުމެން ދަންނަންޖެހޭ ކަމެއް. 

ދެން އެންމެ ފަހު ކަމަކަށް އަޅުގަނޑުމެން ބަލާލަންވީ އެހެންމީހެއްގެ ފޯނު ރިންގުވާ އަޑު މިސްކިތުގެ ތެރޭގަ އަޅުގަނޑުމެންނަށް އިވޭ ކަމުގައިވާނަމަ މިކަމާމެދު އަޅުގަނޑުމެން ކަން ކުރާނީ ކިހިނެއްތޯ؟ 

އާދެ! އަޅުގަނޑުމެން ދަންނަންވީ އަޅުގަނޑުމެން އެމީހާއަށް އެއްޗެހި ކިޔާތަނުން އަޅުގަނޑުމެންނަށް މާދަން ހަމަ އެކަން އެގޮތަށް ވެދާނެކަން. އަޅުގަނޑުމެންވެސް ހަނދާން ނެތިދާނެކަން. އެހެންވީމަ އެމީހާއަށް އެއްޗިހި ގޮވައިގަނެ، ދެވަނަ ދުވަހު އެމީހާ މިސްކިތައް އަންނަން ބިރުގަންނަވަރު ކޮށްލުމުގެ ކުރިން މިކަމަށް އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. 

ދެވަނަ ކަމަކަށް، ރީތިގޮތުގަ އެމީހަކަށް ނަސޭޙަތްތެރި ވާންވެސް އެބަޖެހޭ. ރީތިގޮތުގަ އެމީހަކަށް އެކަމުގެ ނުބައި ކަމާއި އެކަމުގެ ނުރައްކާތެރިކަމާއި އެކަމުގެ ސަބަބުން އެމީހާއަށް ލބެން އޮތް ފާފައާއި އަދި ޙައްސަގޮތެއްގަ މިސްކިތުގެ ތެރޭގަ އެކަން ދާކަމުގައި ވާނަމަ އެކަމުގެ ނުރައްކާތެރިކަން ބޮޑުކަން ރީތިގޮތުގަ އެމީހަކަށް ބަޔާންކޮށްދިނުމަކީ މިވެސް އަޅުގަނޑުމެން އެމީހާއަށްޓަކާ ކޮށްދޭންޖެހޭ ކަމެއްކަން އަޅުގަނޑުމެން ދަންނަންޖެހ. 

ތިންވަނަ ކަމަކަށް، އެއީ އުމުރުން ދުވަސްވީ މީހެއްކަމުގައި ވާނަމަ ފަހަރެއްގަ އެކަށީގެންވޭ އެމީހަކަށް ސައިލެންޓަށް ލާނެގޮތް ނޭންގުންވެސް، ނުވަތަ އެ މިޔުޒިކް ހުންނަ ރިންގްޓޯންއެއް ދުއްވާލާ މިޔުޒިކް ނުހުންނަ ރިންގްޓޯންއެއް ލާނެގޮތް ނޭންގުމަކީ އެއީ އެކަށީގެންވާ ކަމެއް. އެހެންމަ އެހާލަތުގައި އެމީހަކަށް އެ ރިންގްޓޯން ބަދަލު ކުރަން އެހީތެރިވެ އަދި އެމީހާއަށް ސައިލެންޓަށް ލާން ނޭންގޭ ކަމުގައި ވާނަމަ އެމީހާއަށް ސައިލެންޓަށް ލާން ހަދަންޖެހޭގޮތް ރީތިގޮތުގަ ކިޔައިދީ، މިކަންތައްތައް ކުރުމަކީ މިވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް.

އެހެންކަމުން ދުޢާއަކީ އަޅުގަނޑުމެންނަކީ މިސްކިތުގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތާ، މިސްކިތަށް ވަންނައިރު ފޯނު ސައިލެންޓަށް ލާން ހަނދާން ކުރާ އަދި އެހެންމީހުންނަށް މިކަން ރަނގަޅުގޮތުގަ ބަޔާންކޮށްދޭ ބައެއްކަމުގަ ﷲ ސުބޫޙާނަހޫ ވަތަޢާލާ ލެއްވުން.

 

--ޝައިޚް މުޙައްމަދު ޣާލިބް

މިއަދު އޮންލައިން