އަބަދުވެސް ޔަޤީންކުރަންވީ އެމީހަކު ކުރިއަށްދާން ބޭނުންވާ މަގު ބަންދުކުރައްވަވައިފިނަމަ އެއަށްވުރެ މާފައިދާހުރި މަގެއް ދައްކަވާނެކަން! މިހުރީ އެކަން ތަޖުރިބާކޮށްގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އަބަދުވެސް ޔަޤީންކުރަންވީ އެމީހަކު ކުރިއަށްދާން ބޭނުންވާ މަގު ބަންދުކުރައްވަވައިފިނަމަ އެއަށްވުރެ މާފައިދާހުރި މަގެއް ދައްކަވާނެކަން!  މިހުރީ އެކަން ތަޖުރިބާކޮށްގެން!: މުފްތީ މެންކް

ހެޔޮ ބަސްތައް ބުނެ ހެޔޮ އަމަލުކުރަން މަސައްކަތްކުރާ އަދި ހެޔޮ ކަންކަން ކުރަން ހިތްވަރުދޭ އެއްވެސް މީހަކާއި ދިމާއަށް އޭނާއަކީ ޖާހިލެކެވެ ނުބުނާށެވެ! އެމީހަކީ އިސްލާމް ދީނުގެ މާއްދާތަކުން މާމަތީ ފާހެއް ނެތް މީހަކަށްވެސް ވެދާނެއެވެ. ވިސްނަންވީ ފާސް ނަގައިގެން ތިބޭ މީހުންގެ ތެރޭގައިވެސް ޖާހިލުން ތިބެދާނެ ކަމެވެ.

އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރުމަކީ ވަކިފެންވަރެއްގެ ބައަކު ކުރަން އޮތް ކަމެއް ނޫނެވެ. އެކަމަކީ އެމީހަކަށް އެނގޭ މިންވަރަކުން އެމީހަކަށް ކުރެވެން އޮތް އެންމެ ބޮޑަށް ކުރަން ޖެހޭ ކަމެކެވެ.

ދީން ކުރިއަރުވަން މަސައްކަތްކުރާނަމަ މަލާމާތާއި ފުރައްސާރަކުރާ މީހުން ވަރަށް ގިނަވާނެއެވެ. އެއީ އެކަމަށް ޝައިޠޯނާ ކުރިމަތިކުރުވާ ހުރަސްތަކެވެ! އެފަދަ ކަންކަމަށް ނުވެސް ވިސްނާށެވެ! އަޑުވެސް ނުއަހާށެވެ! ﷲ ތަޢާލާގެ ދީނަށް ޚިދުމަތްކުރަން މަސައްކަތްކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލެވެ.

ތިބާއަށް ހިތްވަރުދީ ކުރިއަށްދާން ބާރުއަޅާ މީހުން މަދުވާނެއެވެ! އެފަދަ މީހުން ކިތަންމެ މަދު ނަމަވެސް ބަލައިގަންނަންވީ އެމީހުންގެ ވާހަކަތަކެވެ. އުޅެންވީ އެމީހުންނާއިއެކުގައެވެ.

އަހަރެންނަކީވެސް މިފަދަ ހުރިހާ ކަންކަމާއި ކުރިމަތިލާންޖެހުނު މީހެކެވެ. އަހަރެން ގޭދޮށު މިސްކިތެއްގެ މުދިންކަން ކުރީމެވެ. ކުޑަކުދިންނަށް ކިޔަވައިވެސް ދިނީމެވެ. ހަމަ ހިލޭ ސާބަހަށެވެ! އެހެނީ ދީނަށްޓަކައި ކުރާ ކަންކަމަށް އެއްވެސް އުޖޫރައެއް ނަގައިގެން ނުވާނެއެވެ!

ﷲ ތަޢާލާއަށް ތެދުވެރިނަމަ އެމީހަކަށް ﷲ ތަޢާލާ މަގުތައް ދައްކަވައިދެއްވަވާނެކަން އަހަރެން ވަނީ ތަޖުރިބާކޮށްފައެވެ! އަހަރެންގެ ޒުވާން އުމުރުގައި އަހަރެން ކުރިއަށްދާން ބޭނުންވި 20 އަށްވުރެ ގިނަ ކަންކަމުގައި އެކަންކަމަށް ﷲ ތަޢާލާ ހުރަސްއެޅުއްވެވިއެވެ. ދޮރުތައް ބަންދުކުރެއްވެވިއެވެ!

ނަމަވެސް ހިތްވަރު އެލުވައެއް ނުލަމެވެ! އެއް މަގު ބަންދުވާއިރަށް ހިތްވަރުކޮށްފައި އިތުރު މަގަކުން ކުރިއަށްދާން މަސައްކަތްކުރީއެވެ! އަބަދުވެސް އަހަރެން ޔަޤީންކުރަނީ އެމީހަކު ކުރިއަށްދާން ބޭނުންވާ މަގު ބަންދުކުރައްވަވައިފިނަމަ އެއަށްވުރެ މާފައިދާހުރި މަގެއް ދައްކަވާނެ ކަމަށެވެ! އެންމެ ޒުވާން އުމުރުން ފެށިގެން ހުންނަމުން އައީ އެކަމުގެ ޔަޤީންކަމުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން