ޢާންމުކޮށް ގައިގެ ތަންތަން ނުކަހާ މީހުންނަށްވެސް ނަމާދަށް ހުއްޓި ޙަރަންބަނުމާއިއެކު ގައިގެ ތަންތަން ހިރުވައި ކަހާހެން ހީވާނެއެވެ. ނޭފަތް ކައިރިން ފަނިދުވާހެންވެސް ހީވާނެއެވެ. އަދި އެހެން ބައެއް އުނދަގޫތައްވެސްވާނެއެވެ.
އެކަންކަމަކީ ޝައިޠޯނާގެ ކިބައިން އަންނަ ކަންކަމެވެ. ބޭނުމަކީ ތިބާގެ ސަމާލުކަން އެކަންކަމަށް ގެންދެވުމެވެ. އެތަންތަން ކަހައި ހެދުން ފަދަ ކަންކަން ކުރުވުމެވެ. އެއީ ތިބާގެ ނަމާދު ބާޠިލްކޮށްލުވުމަށްޓަކައެވެ.
އަހަރެމެންގެ ލޭގެތެރޭގައި ޝައިޠޯނާ ދައުރުކުރާކަން އެބަ އެނގެއެވެ. އެހެންވީމާ އެފަދަ އުނދަގޫތައް ކުރުމުގެ ބާރުލިބެނީއެވެ. އެފަދަ އުނދަގޫތަކަކީ އަހަރެމެންނަށް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އަހަރެމެން ކެތްތެރިވެ ޚުޝޫޢަތްތެރިވާ މިންވަރު ބެއްލެވުމަށެވެ.
ވީމާ ނަމާދަށް ހުއްޓައި ހަށިގަނޑުން ތަނެއް ހިރުވައިލާހެން ހީވާއިރަށް ކަހައި ނުގަންނާށެވެ. ބޯކެހުން ފަދަ ކަންކަން ނުކުރާށެވެ. ދެން އެހެންގޮތެއް ނޫނީ އެފަދަ އެއްވެސް ޢަމަލެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
ކުރާ ނަމާދު ނަމާދަކަށް ހެދޭނީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ކުރާ ނަމާދުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ކުރެވިގެންނެވެ. އެފެންވަރަށް ކުރަން ވީހައި ބޮޑަށް މަސައްކަތްކުރަންޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން