ފަށައިގަންނަމުން ފުރަތަމަ ކަމަކަށްވެސް ބުނެލަން އޮތީ މިވާހަކަތައް ޤަބޫލުކުރަން އުނދަގޫނަމަ ފުރަތަމަ ކަމަކަށް ޖަލުތަކަށް ވަޑައިގެން މަތިމައްޗަށް ބޮޑެތި ޙުކުމްތައް އިއްވާފައި ތިބި ޤައިދީންނާ ސުވާލުކުރައްވާށެވެ! އެމީހުންގެ މައްޗަށް މަތިމައްޗަށް ޙުކުމް އިއްވުމުގެ ފުރުޞަތު ފަހިވީ ކުށް ކުރެވުމުން ޙުކުމް އިއްވުން ލަސްކުރެވުމުންކަން ޔަޤީންކުރެއްވޭނެއެވެ.
ކުށެއް ކުރުމުން އޭނާގެ މައްޗަށް ދަޢުވާނުކުރެވި ވަކިމުއްދަތެއް ފާއިތުވެއްޖެނަމަ އޭނާގެ މައްޗަށް ދަޢުވާ ނުކުރެވުމަކީ އިސްލާމް ދީން ދަންނަކަމެއްވެސް ނޫނެވެ. އެކަންވާނީ އޭނާއަށް ދެވޭ އަނިޔާއަކަށެވެ. ސަބަބަކީ ތައުބާވެ އިޞްލާޙްވުމަށް އޮތް ފުރުޞަތު ގެއްލިގެންދާތީއެވެ.
ދެން މިއަދުގެ ޙާލަތަށް ބައްލަވާށެވެ! ކުރީގެ ޕީޖީއަށްވެސް ދެންނެވި ދެންނެވި ދެންނެވުން ތަކުރާރުކޮށްލާނަމެވެ!
ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ، އަދި ކުރާ ހުރިހާ ކުށްތައް ރިޕޯޓްކުރެވޭނަމަ ރާއްޖެއަކީ ކުށްކުރުން އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭނެ ޤައުމަކަށް މިހާރު މިއޮތީ ވެފައެވެ. މިއީ މީގެ 40 އަހަރުވަރު ކުރިއަށް ބަލައިފިނަމަ އެއްވެސް މީހަކު ހުވަފެނުންވެސް ދެކޭނެ ކަމެއް ނޫނެވެ.
ކުށްކުރުން މިހައި ބޮޑަށް އިތުރުވެގެން ދިއަ އެންމެ ބޮޑު ސަބަބަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ސިޔާސީ ބޭނުންތަކަށް މީހުން ހައްޔަރުކޮށް ކުރަމުން އައި އަނިޔާތަކުން ސަލާމަތްވެތިބެން ސިޔާސީ މީހުން ކުރި މަސައްކަތުގެ ތެރެއިންނެވެ. ފެހި ޤާނޫނު އަސާސީ އެކުލަވައިލިއިރު ސިޔާސީ ކުށްވެރިންނާއި ޖިނާޢީ ކުށްކުރާ މީހުންގެ ތަޙްޤީޤް އެއްގޮތަކަށް ކުރިއަށް ގެންދަންޖެހޭ ގޮތަށް ޤާނޫނުތައް ފާސްކޮށްފައިވާތީއެވެ. އެކަމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤްތަކަށް ހުރަސްއެޅި ތަޙްޤީޤް ނުކުރެވޭނެ ގޮތަށް ޤާނޫނުތައް ފާސްކޮށްފައިވާތީއެވެ.
ކުށްވެރިން ގެންދަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ. ކެމެރާ ކުރިމަތީގައިވެސް ބޮޑެތި ކުށްތައް ކުރަން ޖެހިލުމެއް ނުވެއެވެ. ޝަރީޢަތަށް ފޮނުވިނަމަވެސް ކުށްކުރިކަން ޘާބިތުނުކުރެވޭނެ ކކަމާއި އަދަބު ނުލިބޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ. ކުށްކުރަނިކޮށް ފެނިގެން ވީޑިއޯ ކުރިޔަސް އެކަމަށް ބިރުނުގަންނަކަމަށް ކުށްވެރިން އަންނަނީ ބުނަމުންނެވެ.
ކުށްކުރާ މީހާ ސާފުކޮށް ޔަޤީންކުރެވޭ ގޮތަށް ފުލުހުން ހުށަހަޅާ ވީޑިއޯ އެއީ އަޞްލެއްކަން ކޯޓުން ޔަޤީންކުރުމަކީ އޮތްކަމެކެވެ. އެއީ އަޞްލެއްކަމަށްވާނަމަ އެއީ 2 ހެކިންނަށްވުރެ މާފުރިހަމަ ހެއްކެކެވެ. ސަބަބަކީ ހެކިންނަށް މީހާ އޮޅުނަސް ވީޑިއޯގައި އެއްވެސް އޮޅުމެއް ނުއޮންނާނެތީއެވެ. މީހާ ދޮގުހެދިނަމަވެސް އޭނާ ދެނެގަނެ ކާކުކަން ޔަޤީންކުރެވޭނެ ގޮތްތައް ހުރި ކަމެވެ.
ވައްކަންކުރަނިކޮށް އަތުލައިގަނެވޭ މީހުންނާއި ވަގަށް ނެގި ތަކެތި އެމީހެއްގެ އަތުން ފެނުނަސް ތަޙްޤީޤަށް ގެންގޮސްފައި ބާރަށް ސުވާލުވެސް ނުކުރެވޭ ތަނުގައި އަދި އެއްވެސް މިންވަރެއްގެ އަދަބެއް ނުދީ 5 އިރުމޮޅަށް ކާންދީގެން ބަންދުގައިގައި ދުވަސްކޮޅަކު ބެހެއްޓުމަކީ ކުށްކުރިކަމަށް އިޢްތިރާފްވާނެ ސަބަބެއް ނޫނެވެ. މިއީ ތަޖުރިބާއިން މިހާރުވެސް އެނގިފައިވާ ކަންކަމެވެ.
މުޅި ޤައުމުކުރާ އާދޭސް!
މުޅި ޤައުމު ރޮއި ކަރުނައަޅަމުން މަޖިލީހުގެ ކިބައިން އެދި އާދޭސްކުރަނީ ކުށްކުރުން ހުއްޓުވަން ހުރަސް އެޅޭ ގޮތަށް ހުރި ޤާނޫނުތައް އިޞްލާޙްކޮށްދެއްވުމަށެވެ. ޕީޖީގެ އަރިހުގައި އެދި އާދޭސްކުރަނީ ޝައްކެއް ނެތް މިންވަރަށް ޘާބިތުވާ، ރެޑްހޭންޑްކޮށް ހިފޭ މައްސަލަތަކުގައި މުއްދަތުޖެހުމުގެ ބަދަލުގައި ވަޤުތުން ޙުކުމްމްކުރެވޭނެ ނިޒާމަކަށް ޢަމަލުކުރެއްވުމަށެވެ. ފަނޑިޔާރުންގެ ކިބައިން އެދި އާދޭސްކުރަނީ ވަޤުތުން ޙުކުމްކޮށްދެއްވުމަށެވެ.
އެއިރުން އެކަންވެގެންދާނީ ކުށްކުރާ މީހާއަށްވެސް އެންމެ ފައިދާހުރި ގޮތަށެވެ. ކުށެއް ކުރެވި އަބަދެއް ލިބޭނެކަމުގެ ޔަޤީންކަމުގައި ވީއްލި ހުންނައިރު އިތުރަށް ކުށްކުރަން ޖެހިލުން ނުވުމަކީ އިންސާނީ ޠަބީޢަތެވެ. ވަޤުތުން އަދަބުލިބޭނަމަ އިތުރު ކުސްތައް ކުރަން ފުރުޞަތު ނުލިބި އިޞްލާޙްވެ ހަރުދަނާ މީހެއްގެ ގޮތުގައި އެނބުރި މުޖުތަމަޢުއަށް ނުކުތުމުގެ ފުރުޞަތު އެތައްގުނައަކަށް ބޮޑުވެގެންދާނެއެވެ. ވީމާ އެކަންވާނީ ކުށްކުރާ މީހުންނަށް އެންމެ ފައިޑާ ބޮޑު ގޮތަށެވެ.