އަހުރެމެންނަށް ވިސްނޭ ގޮތުން އިރުއަރައި އިރުއޮއްސުމުން ދުވަހެއް ފާއިތުވެގެންދިއައީއެވެ. ކޮންމެ ދުވަހެއްވެސް 24 ގަޑިއިރުގެ ތެރޭގައި ބަދަލުވެގެންދާނެއެވެ. ނަމަވެސް އެއީވެސް ކުށްހީއެކެވެ. އެތައް މަސްދުވަހަކަށް އިރުނުއޮއްސޭ އެތައް ސަރަޙައްދުތަކެއް މިހާރުވެސް އެބަހުއްޓެވެ. އެކަންކަން ފެނުމުންވެސް ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ޤަބޫލުނުކުރެވޭކަން ކިހައިދެރަހެއްޔެވެ؟
ޤިޔާމަތް ދުވަހަކީ ހުރިހާ ގޮތަކުންވެސް އާދަޢާ ޚިލާފް ކަންތައްތަކެއް ފެންނާނެ ދުވަހެކެވެ. ޤިޔާމަތް ދުވަހެވެ ބުނުމުން ބައެއް މީހުންނަށް ހީކުރެވެނީ އެއީ ހުކުރު ދުވަސް ނުވަތަ އެނޫންވެސް އެފަދަ ދުވަހެއް ކަމަށެވެ. ނަމަވެސް އެއީ މުޅިން ތަފާތު ދުވަހެކެވެ. މިދައްކަނީ 50،000 އަހަރުދުވަހުގެ ދިގުމިނާއި އެއްވަރުގެ އެންމެ ދުވަހެއްގެ ވާހަކައެވެ.
ނިކަން ވިސްނައިބަލާށެވެ. އިންސާނުންގެ އެވްރެޖް އުމުރަކީ 60، 70 އަހަރެވެ. ބައެއް މީހުންގެ އުމުރު އެއަށްވުރެ ތަންކޮޅެއް ދިގުވެދާނެއެވެ. ހަމައެފަދައިން އެތައްބައެއްގެ އުމުރު އެއަށްވުރެ މާކުރުވެސް މެއެވެ.
ދެންނިކަން ވިސްނައި ބަލާށެވެ. ދުނިޔެ ފެށުނީންސުރެ މިއަންނަނީ މީހުން މަރުވަމުންނެވެ. އެމީހުން މަރުވިތާ ކިތައް ހާސް ނުވަތަ ކިތައް މިލިއަން އަހަރުވެއްޖެ ހެއްޔެވެ؟ އެކަން އެނގެނީ ކާކަށް ހެއްޔެވެ؟
ރަސޫލް (ﷺ) އަވަހާރަވިތާވެސް 1400 އަހަރުވީއެވެ. މިކަންކަމަށް އެކަނި ވިސްނައިލުމުން ވެސް ޤިޔާމަތް ދުވަހާއި މަރުވުމަށްފަހު ކުރިއަށް އޮތް ހަޔާތުގެ ދިގުމިނަށް ވިސްނި ހިތަށް ބިރުވެރިކަން ގެނުވޭނެއެވެ.
ދެން އޮތީ ޤިޔާމަތް ދުވަސް ނިމުމަށްފަހު ދެން އޮތީ ނުނިމޭނެ ދުވަހެވެ. ދާއިމަށް ދެމިގެންދާނެ ދުވަހެވެ. އެދުވަހަށް ނިމުމެއް ނެތެވެ. ނަރަކައިގައި ދާއިމަސް އޮންނަން ޖެހިއްޖެ މީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދުވަހަކުވެސް މަރުވުމެއް ނެތެވެ. ނެތިދިއުމެއްވެސް ނެތެވެ. ގަދަފަދަ ޢަޛާބް ލިބިލިބި ޑާއިމަށް އޮންނަން ޖެހޭނީ ނަރަކައިގައެވެ. ސުވަރުގެ ލިބިގަންނަ އަޅުންނަސް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ.
ނަރަކައިން ސަލާމަތްވެވޭ، ސުވަރުގެ ވައްދަވާ އަޅަކަށް ވެވޭތޯ ގަދައަޅައި ަމސައްކަތްކުރަންވީ މި ސަބަބުތަކަށްޓަކައެވެ. އަހުރެން މިދެއްކި ވާހަކަ ހުރިހާ އެކުވެރިންނަށްވެސް ޝެއާކޮށްލާށެވެ. މަސައްކަތްކުރަންވީ އެމީހަކާއި އެމީހެއްގެ ޢާއިލާއާއި އަދި އެކުވެރިންނަކީވެސް ސުވަރުގެ ވައްދަވާ އަޅުކަމުންގައި ވެވޭތޯއެވެ. ދުޢާޢަކީ އަހަރެމެން އެންމެންނަކީވެސް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވައްދަވާ އަޅުން ކަމުގައި ލެއްވެވުމެވެ. ޢާމީން.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން