ސުވަރުގެ ވަންނަން އެދޭ މީހާއަށް ކުރަން އޮތީ އެންމެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސުވަރުގެ ވަންނަން އެދޭ މީހާއަށް ކުރަން އޮތީ އެންމެ ކަމެއް! އިން ޝާ ﷲ

ކުރިމަތިވާ އެއްވެސް ކަމަކާއި އަދި ކުރިމަތިވެދާނެ އެއްވެސް ކަމަކާއިމެދު ކަންބޮޑުނުވާށެވެ! އަހަރެމެން އިންސާނުންގެ އެއްވެސް ބާރެއް ނުހިނގާނެ ކަންކަމަށް ވިސްނުމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ކަމެއްވެއްޖެކަން އަހަރެމެންނަށް އެނގެނީ އެކަމެއްވުމުންނެވެ! ނަމަވެސް ކޮންމެ ކަމެއްވެސް ވުމުގެ މާކުރިން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެކަމުގެ ސަބަބުން މެދުވެރިވާނެ ކަންކަން ވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

އަދި އެކަމަކަށް ސަމާލުކަންވެސް ދެއްވަވަތެވެ! ހުރިހާ އަޅުންނަށް ކުރިމަތިވާ ހުރިހާ ޙާލަތެއްވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ހަމައެންމެ ކަމެއްވެސް ދޫނުކުރައްވަވަތެވެ!

ވިސްނަންވީވެސް، ގަދައަޅައި މަސައްކަތްކުރަންވީވެސް ތިބާގެ ވާޖިބުއަދާކުރުންމަތީގައި ސާބިތުވެހުރުމަށެވެ! އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ވީހައި ގިނައިން އަޅުކަންކުރުމެވެ.

އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކޮށްފި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ! އެއީ އެކަލާނގެ ވައުދުފުޅެކެވެ! ﷲ ތަޢާލާ އެކަލާނގެ ވަޢުދުފުޅުތައް ފުއްދަވާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ!

ﷲ ތަޢާލާ މީސްތަކުންނަށް އަންގަވާފައިވަނީ ބުރަކަމަކަށް ނޫނެވެ. ވަރަށް ލުއިފަސޭހަ ކަމަކަށެވެ. އެއީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ބޯލެނބުމަށެވެ. ޢަމަލުކުރުމަށެވެ. އެއީ އެކަންކުރަންބޭނުންވާ އެއްވެސް މީހަކަށް ކުރަން އުނދަގޫކަމެއް ނޫނެވެ. ހަމައެކަނި ބޭނުންވަނީ އިޚްލާޞްތެރި ނިޔަތެކެވެ. އެކަންކުރުމުން ﷲ ތަޢާލާ ދެއްވަވަނީ ސުވަރުގެއެވެ. ވީމާ އެކަމަށް އަހަރެމެން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން