ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެ ލުއިފަސޭހަކޮށްދިނުމަކީ އެމީހެއްގެ ކަންކަން ޤިޔާމަތް ދުވަހު ލުއިފަސޭހަކޮށްދެއްވަވާނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެ ލުއިފަސޭހަކޮށްދިނުމަކީ އެމީހެއްގެ ކަންކަން ޤިޔާމަތް ދުވަހު ލުއިފަސޭހަކޮށްދެއްވަވާނެ ކަމެއް! އިން ޝާ ﷲ

ދުނިޔޭގައި އުފުލަންޖެހޭ ބުރަތަކަށް ނުވެސް ވިސްނާށެވެ! ބުރައާއި ދަތީގައި އުލެންޖެހުމަކީވެސް ދުނިޔޭގެ ސުންނަތެކެވެ. މެދުވެރިވާނެ ކަމެކެވެ. ގަދައަޅައި މަސައްކަތްކުރަންވީ ޤިޔާމަތް ދުވަހުގެ ކަންކަން ތިމާއަށް ލުއިފަސޭހަވާނެ މަގުން ދުނިޔޭގައި އުޅެވޭތޯއެވެ.

އާޚިރަތް ދުވަހު ތިމާއަށް ކަންކަން ފަސޭހަވުމަށް އެދޭ މީހާ، މިދުނިޔޭގައި އެމީހަކަށް ވެވުނު އެންމެ ބޮޑަކަށް އެހެން މީހުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ! އެއީ ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެ ލުއިފަސޭހަކޮށްދިނުން ފަދަ ކޮންމެހެން ކުރަން ކުރަންޖެހޭ އަދި ކިތަންމެ ކުޑަކުޑަ ކަމަކުން ނަމަވެސްމެއެވެ!

ދުނިޔޭގެ ޙަޔާތަކީ ދާދިމަދު ދުވަސްކޮޅެކެވެ. ވީމާ ފަހުން ހެޔޮކޮށް ހިތަން، ފަހުން ހެޔޮ އަމަލު ގިނަކޮށް އެހީތެރިކަން އިތުރުކުރަން މަޑުނުކުރާށެވެ! އެއްވެސް ކަމެއް ނުކުރެވި ހުއްޓައި ބޮޑު ދަތުރަށް ފުރަން ޖެހިދާނެތީއެވެ!

ހަމަ އެއާއިއެކު އާޚިރަތް ދުވަހު އުފާވެރިކަން އެދޭމީހާ ވީހައި ގިނަ ބައަކަށް އުފާވެރިކަން ހޯދައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ! މީސްތަކުންނާއި ސަލާމްކުރުން ގިނަކުރުމާއި މީސްތަކުންނަށް ހިނިތުންވުން ގިނަކުރުން ފަދަ ކަންކަން ކުރުމުން ނަމަވެސްމެއެވެ.

ޙާލުގައި ހުރި މީހަކަށް އުފާވެރިކަން ހޯދައިދީފި މީހެއްގެ އެ ޢަމަލު އެމީހަކާއި މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ވަކިނުވާނެއެވެ. އިން ޝާ ﷲ

މީސްތަކުން ޞުލްޙަވެރިކުރުވައި މީސްތަކުންނަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާ މީހާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެދުނިޔޭގައި ވެސް ލިބިގެންދާނެތެވެ! ވީމާ ފިތުނަވެރި ވާހަކަތައް ނުފަތުރައި އެކުވެރިކުރުވުމުގެ ބަސްތައް ފަތުރާށެވެ! އެއްވެސް ދެމީހެއްގެ ފިތުނަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ބަދަލުގައި ނުރުހިގެން ތިބޭ މީހުން އެކުވެރިކުރުވަން މަސައްކަތްކުރާށެވެ! އަމިއްލަ އަތުން ހޭދަކޮށްގެންވެސް އެކަންކުރާށެވެ! މާފުރިހަމަ ބަދަލަކުން ﷲ ތަޢާލާ ބަދަލު ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން