ފިރިންގެ ބޮލުގަ އެހެން މީހުންގެ ދަރިން އެޅުވުމަކީ ދުނިޔޭގައިވެސް ބޮޑެތި ދެރަ ގޮތްތައް މެދުވެރިވާ ކަމެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
ފިރިންގެ ބޮލުގަ އެހެން މީހުންގެ ދަރިން އެޅުވުމަކީ ދުނިޔޭގައިވެސް ބޮޑެތި ދެރަ ގޮތްތައް މެދުވެރިވާ ކަމެއްކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް!

އެއީ ވިއްސަކަށް އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ ކައިވެނިކުރީ ތަނަވަސްމީހަކާއެވެ. އެއީ 3 ކައިވެނިކޮށްގެންވެސް ދަރިއަކު ނުލިބިހުރި މީހެކެވެ. މިދެމީހުން ކައިވެނިކޮށް 3 ވަނަ އަހަރު ދަރިއަކު ވިހައިފިއެވެ. ދަރިފުޅުގެ ޢުމުރުން 5 އަހަރުގައި ފިރިމީހާ ނިޔާވެއްޖެއެވެ. ފިރިމީހާގެ ތަނަވަސްކަމުގެ މިލްކުވެރިކަން ދަރިފުޅަށް ލިބިއްޖެއެވެ. ނަމަވެސް ދަރިފުޅަކީ ކުޑަކުއްޖަކަށްވުމުން ބެލެނިވެރިކަމާއި ޙަވާލުވާންޖެހުނީ ފިރިމީހާގެ ކޮއްކޮއަށެވެ. 

އެހިސާބުން އަނހެންމީހާ މަސައްކަތްފެށީ ކޮއްކޮ އަތުއަޅުވައިލުމަށެވެ. ނަމަވެސް ކޮއްކޮ އެކަމަށް ކުރީ އިންކާރެވެ. ކޮއްކޮ ބުނީ އޭނާގެ އަންތބަކު އެބައިންކަމަށާއި އޭނާގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ކުރަން ބޭނުންނުވާކަމަށެވެ.  

އަންހެންމީހާ ވިސްނައިދިނީ ދެއަންތބަށް ނަމަވެސް ކައިވެނިކޮށްފިނަމަ ބޭބެގެ ދަރިފުޅަށް ރަނގަޅު ބައްޕައަކު ލިބުނީ ކަމަށާއި ބޭބެ ކައްވަޅުގައި އޮވެގެންވެސް އެދޭނީ އެގޮތްކަމަށެވެ. އަދި އެއިރުން އޭނާއަށް ތަނަވަސްކަމުގައި ދޮށީ އަނބި ގޮވައިގެން އުޅެވިދާނެކަންވެސް ވިސްނައިދިނެވެ.  

އެފަދަ އެތައް ވާހަކަތަކެއް ދެއްކުމުންވެސް ކޮއްކޮ ކުރީ އެކަމަށް އިންކާރެވެ. ކޮއްކޮ ބުނީ ބޭބެގެ ތަނަވަސްކަމަށް ޚިޔާނާތްތެރިނުވާނެ ކަމަށެވެ. ބޭބެގެ ދަރިފުޅު ބޮޑުވަންދެން އަމާނާތްތެރިއެކުގައި ބެލެހެއްޓުމަކީ އޭނާގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ. އެވާޖިބު އަދާނުކޮށްފިނަމަ އޭނާ ފާފަވެރިވެ ޤިޔާމަތްދުވަހުން ޢަޖާބާއި ކުރިމަތިލާންޖެހޭނެ ކަމަށެވެ.  

ދުވަސްކޮޅެއްފަހުން އޭނާ އެހެން މީހަކާއި ކައިވެނިކޮށްފިއެވެ. ކައިވެނިކުރުމުން ކޮއްކޮ ބުނީ ދެން ފހަރިއަށް ބޭބެގެ ފައިސާއިން ޚަރަދުނުކުރާނެ ކަމަށާއި ޚަރަދުކުރާނީ ހަމައެކަނި ދަރިފުޅަށް ކަމަށެވެ. ފަހަރި ބެލުމަކީ ފިރިމީހާގެ ވާޖިބެއް ކަމަށެވެ. އެހިސާބުން ދެމީހުންގެ މެދުގައި ދެބަސްވުންތައް އުފެދުނެވެ. 

ފަހަރީގެ ދަހިވެތިކަން ބޮޑުކަމުން އޭނާގެ މައްޗަށް ޝައްކުތަކެއް ކުރެވި ބޭބެގެ ދަރިފުޅުގެ ޑީއެންއޭ ހެދިއިރު ބޭބެގެ ދަރިއެއްކަމަކަށް ނުދެއްކިއެވެ. ނުދެއްކުމުންވެސް ފަހަރިކުރީ އެކަމަށް އިންކާރެވެ. މައްސަލަ ޝަރީީޢަތުގައި ކުރިއަށް ދަނިކޮށް ފަހަރި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އަބަދު ހުންނަނީ ނޭވާލާން އުނދަގޫވެފައެވެ. ތެދުވެ ހިނގައިލާނެވަރުވެސް ގައަކު ނުހުރެއެވެ.  

އެތައް ފަހަރަކު ރާއްޖެއިން ބޭރަށް ގެންދިއުމުންވެސް ލުޔެއް ނުލިބުނުތަނުގައި ބަލިވެސް ހޯދުނު ކަމަކަށް ނުވިއެވެ. އެންމެފަހުން އެއީ މާތް ﷲ ގެ ކޯފާއެއް ކަމަށް އަމިއްލައަށް ޤަބޫލުކުރެވި ދަރިފުޅުގެ ޙަޤީޤަތް އަމިއްލައަށް ކިޔައިދިނެވެ. "އެއީ ކަލޭގެ ބޭބެގެ ދަރިއެއް ނޫނެވެ. އެއީ އަހަރެން އޭނާގެ ބޮލުގައި އަޅުވާފައި ހުރި ދަރިއެކެވެ. އަހަރެންނަށް ދުނިޔޭގައި ހުއްޓައިވެސް ލިބެމުން މިދަނީ އަހަރެންކުރި ބޮޑުފާފައިގެ ޖަޒާކަމަށް ޤަބޫލުކުރެވެއެވެ."  

ކޮއްކޮ ބުނީ ތިއައީ ޙަޤީޤަތްކަމަށްވާނަމަ އެދަރިފުޅު ބަލަންވެސް ފަހަރި ކުފޫހަމަނުވާކަމަށެވެ. އަމިއްލަ ދަރިއެއް ނޫންކަން ނުއެނގޭތީ ނަމަވެސް ބޭބެ އެދަރިފުޅު ގެންގުޅެފައިވަނީ ވަރަށް ލޯބިން ކަމަށްވުމުން ބޭބެއަށްޓަކައި އެދަރިފުޅު ބަލައިދޭން ބޭނުން ކަމަށާއި ދަރިފުޅު އެއްލައިނުލާނެ ކަމަށެވެ. ފަހަރިއަށް ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ދަރިފުޅު ބެލުމާއި އޭނާ ޙަވާލުވާނެ ކަމަށާއި ނަމަވެސް ދަރިފުޅު ބަހައްޓާފައި ފަހަރި ފިރިމީހާ އާއިއެކު ގެއިން ނުކުތުމަށެވެ.  

އެހިސާބުން ފިރިމީހާ އޭނާ ވަރިކޮށްލައިފިއެވެ. ސަބަބަކީ އޭނާ ކައިވެނިކުރީ އަނބިމީހާގެ ތަނަވަސްކަމުގައި ދުނިޔޭގައި އުޅުމުގެ ދަހިވެތިކަމުގައިކަމަށްވާތީއެވެ. އުޅޭނެ ބޮޑުގެއަކާއި ދުއްވާނެ ކާރު ލިބޭނެ ކަމުގެ އުންމީދުގައިކަމަށްވެފައި އެކަންކަން ނުލިބޭނެކަން އެނގުމުންނެވެ.  

އަންހެން މީހާއަށް ޖެހުނީ އެޙާލުގައި އޭނާގެ ޢާއިލާގެ ގާތަށްދާށެވެ. އެހެންވެ ދަރިފުޅުގެ ބެލެނިވެރިން ކުރީގެ ފިރިމީހާގެ ކޮއްކޮއަށްދީފައި ގެއިން ނުކުމެގެންދިއައީއެވެ. ގެއަށްގޮސް ތައުބާވެ ރަނގަޅަށް އުޅެން ފެށުމުން ބަލިފަސޭހަވިއެވެ. 3 ވަނަ ކައިވެނިކޮށް މިހާރު ދިރިއުޅެމުން އަންނަނީ އޭނާ އާއިއެކުގައެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ތަނަވަސްކަމުގެ ދަހިވެތިކަމުގައި މިބާވަތުގެ ނުބައި ޢަމަލުތައްކުރާ ގިނަ މީހުންނަށް އެކަމުގެ ކޯފާ މިދުނިޔޭގައިވެސް ކުރިމަތިކުރައްވަވައެވެ. އެކަން ވަރަށް ގިނައިން ދަނީ ފެންނަމުންނެވެ. ދުނިޔޭގައި ދިރިއުޅެން މިލިބޭ މަދު ދުވަސްކޮޅު ތަނަވސްކަމުގައި އުޅެލުމުގެ ދަހިވެތިކަމުގައި އާޚިރަތް ނަގާލަން ހެޔޮނުވާނެއެވެ. ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް އަޅުވައިލެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.  

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން