އަހުރެންނާއި ބައްދަލުކުރި މީހަކު ބުންޏެވެ. އޭނާއަށް އުޅެވެމުން އައި ގޮތުން ހުރީ ބައެއް ޒާތުގެ ފާފަތައްކުރަން ދެވިހިފައިފައެވެ. އެހެންވެ ފާފަ ކުރެވެއެވެ. ދެން އޭނާ ވިސްނަމުން އައީ ފާފަކުރެވުނަސް ހެޔޮކަމުގެ ފަތަށް ބަރުކުރެވޭނެ ގޮތަކަށެވެ.
އެވިސްނުމުގައި އިމާމަކާއި މަޝްވަރާކުރުމުން އިމާމް ވިދާޅުވިއެވެ. "ތިއައީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ފާފައެއް ކުރެވޭއިރަށް ފުރަތަމަ ކަމަކަށް ތައުބާވުމަށް އަވަސްވެގަންނާށެވެ! ދެން ވިއްދައިގެން ހެޔޮޢަމަލެއް ކުރާށެވެ! މީހަކަށް ޞަދަޤާތެއްކޮށްލުން ފަދަ ކަމެއް ނަމަވެސްމެއެވެ. އަތުގައި އެއްޗެއް ނެތްނަމަ މީހަކަށް އެހީތެރިވެލައިދިނުން ނަމަވެސްމެއެވެ.
އެއިރުން ވާނެ ގޮތަކީ ﷲ ތަޢާލާ ތިބާގެ ފާފަފުއްސަވައިދެއްވެވުމެވެ. އެއިރުން ފާފަ ނުކުރާ މީހަކުފަދައިން ވެވުނީއެވެ. ހަމަ އެއާއިއެކު ތިބާކުލަ ހެޔޮ ޢަމަލަށް މަދުވެގެން 10 ޖަޒާ ލިޔުއްވަވާނެތެވެ. އިން ޝާ ﷲ. އެކަމުގެ ސަބަބުން ތިބާގެ ހެޔޮކަމުގެ ފަތަށް ބަރުވެގެންދިއައީއެވެ."
އަހުރެންވެސް ބުނަން އޮތީ އެއިމާމް ބުނިފަދައިންނެވެ. ހިތްވަރުދޭން ބޭނުންވަނީ އިމާމް އެބުނި ގޮތަށް ޢަމަލުކުރުމަށެވެ. އެގޮތަށް ޢަމަލުކުރެވޭނަމަ ޝައިޠޯނާ އެމީހަކާ ކައިރިއެއް ނުވާނެއެވެ. އެއީ ވަސްވާސްދީގެން ފާފައެއް ކުރުވިނަމަވެސް ހެޔޮކަމުގެ ކޮޅަށް ފަތްބުރަކުރަން ހެޔޮ ޢަމަލުކޮށް އެކަމުގެ ފައިދާ އޭނާ ހޯދާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން