ޚުޠުބާ: އިޙްސާންކަން ލިބިގެންފި މީހަކަށް ދުނިޔެއާ އާޚިރަތުގަވެސް ލިބެންހުރި ފައިދާތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 18ސ
ޚުޠުބާ: އިޙްސާންކަން ލިބިގެންފި މީހަކަށް ދުނިޔެއާ އާޚިރަތުގަވެސް ލިބެންހުރި ފައިދާތައް ވަރަށް ގިނަ!

އިޙްސާންކަމަކީ، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، ހެޔޮކޮށް ހިތުމެވެ. އެއީ އިސްލާމްކަމާއި، އީމާންކަމަށް ފަހު، މުއުމިނެއްގެ ޙަޔާތުގައި، ނުހަނު މަތިވެރި ދަރަޖައެއް ލިބިގެންވާ ކަމެކެވެ. ވަޙީގެ މަލާއިކަތާ، ޖިބުރީލު ޢަލައިހިއްސަލާމް، އިޙްސާންކަމާ ބެހޭގޮތުން ކީރިތި ރަސޫލާ z އާ ސުވާލު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. (اَلْإِحْسَانُ: أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِن لَّـمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)[1] މާނައީ: "އިޙްސާންކަމަކީ، ތިބާ އަށް އަޅުކަންކުރާ ހިނދު، ތިބާ އެކަލާނގެ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް، އެކަލާނގެ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ." އިޙްސާންކަމުގެ އަނެއް މާނައަކީ، ކަމޭހިތުމާއި، އޯގާވެރިވުމާއި، ހެޔޮކޮށް ހިތުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (إنَّ اللهَ كَتَبَ الْإحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبـَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيْحَتَهُ.)[2]  މާނައީ: "މާތް ހުރިހައި އެއްޗެއްގެ މައްޗަށް އިޙްސާންތެރިކަން ލިޔުއްވައިފައި ވެއެވެ. ފަހެ ތިޔަބައިމީހުން (ޖާއިޒު ގޮތުގައި) ޤަތުލުކުރާ ނަމަ އޯގާވެރިކަމާއެކު އެކަން ކުރާށެވެ! އަދި ތިޔަބައިމީހުން އެއްޗެއް ކަތިލާހިނދު އޭގެ މައްޗަށް އޯގާވެރިވާށެވެ! ތިޔަބައިމީހުން ކުރެ ކަތިލާމީހާގެ ވަޅި ތޫނުކުރާހުށިކަމެވެ! އޭނާ ކަތިލާ އެއްޗަކަށް އިތުރު ވޭނެއް ލިބުނަ ނުދޭހުށިކަމެވެ!"

އިޙްސާންކަމަކީ، މުކައްލަފެއްގެ އެންމެހައި ޢަމަލުތަކުގައި ހުރުން ލާޒިމު ސިފައެކެވެ. އޭނާގެ އިސްލާމްކަމާއި، އީމާންކަމާއި، އަޅުކަމުގައި ވެސް މެއެވެ. އޭނާ އެހެންމީހުންނާ ކުރާ މުޢާމަލާތުގައްޔާއި، އަމިއްލަ ނަފުސަށް ކުރާ މުޢާމަލާތުގައި ވެސް މެއެވެ. އޭނާގެ މާލީ މުޢާމަލާތާއި، އަބުރު ހިފެހެއްޓުމާއި، ޢިލްމު އުނގެނުމާއި، އެންމެހައި ޢަމަލުތަކުގައި ވެސް މެއެވެ. އަޅުކަމުގައި އިޙްސާންތެރިކަމަކީ، މާތް ގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެކަލާނގެއާ އެހެން ފަރާތެއް ބައިވެރިނުކުރުމެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: "ފަހެ، މެނުވީ (ޙައްޤުވެގެން އަޅުކަމެއްވެވޭ) إلَـٰه އަކު ނުވާކަން، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!" ހުރިހައި ކަމެއް މިންވަރުކުރައްވަނީ، މާތް ކަން ޤަބޫލުކޮށް، މިންވަރަށް އީމާންވުމަކީ ވެސް އިޙްސާންކަމުގެ ތެރެއިންވާ ކަމެކެވެ. މުއުމިނުންގެ ބައެއް ސިފަ ބަޔާންކުރައްވައި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (عَجَبًا لِأَمْرِ الْـمـُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إلَّا لِلْمُؤْمِنِ. إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ.)[3] މާނައީ: "މުއުމިނާގެ ކަންކަމަކީ، އަޖައިބެކެވެ. ހަމަކަށަވަރުން އޭނާގެ ކަންކަމަކީ، މުޅީން ވެސް ހެޔޮކަންކަމެވެ. އެއީ މުއުމިނާ ފިޔަވައި، އެހެން މީހަކަށް ލިބިގެންވާ ސިފައެއް ނޫނެވެ. އޭނާއަށް އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ޝުކުރުކުރެއެވެ. އެކަން ވަނީ އޭނާއަށް ހެޔޮކަމެއް ކަމަށެވެ. އަދި ހިތާމަވެރިކަމެއް ޖެހިއްޖެ ނަމަ އެކަމަށް ކެތްކުރެއެވެ. ފަހެ އެކަން ވެސް ވަނީ އޭނާއަށް ހެޔޮކަމެއް ކަމަށެވެ." 

އިޙްސާންކަމަކީ، ޝަހާދަތުގެ ދެކަލިމަ ތެދުކޮށް، އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. މާތް އަށް އީމާންވުމާއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރިހަމައަށް ތަބަޢަވުމެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تَبَعَ ވާށެވެ! އޭރުން، ﷲ، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެން ވާނެތެވެ. އަދި، ތިޔަބައިމީހުންނަށް ޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. އީ، ގިނަގިނައިން ފާފަފުއްސަވާ، رَحِيْمُ ވަންތަ ރަސްކަލާނގެއެވެ." އިޙްސާންކަމުގެ މަތިވެރި ސިފަ ލިބިގެންވާ މުއުމިނާ، އޭނާގެ  އަޅުކަމުގައި، މާތް އަށް އިޚްލާޞްތެރިވާނެއެވެ. ނަމާދުގައި ދެއްކުންތެރިކަމެއް ނުހުންނާނެއެވެ. ޤިޔާމާއި، ރުކޫޢާއި، ސުޖޫދުގައި މަޑުމައިތިރިވާނެއެވެ. ޒަކާތް ނެރޭނީ، ގެ ރުހިވޮޑިގަތުން އަދައިގެންނެވެ. އޭނާ ދެއްވި ނިޢުމަތަށް ޝުކުރުވެރިވާ ޙާލު، ފަރްޟު ޒަކާތުގެ އިތުރުން، ގިނަގިނައިން ޞަދަޤާތްކޮށް އުޅޭނެއެވެ. އިޙްސާންތެރިޔާ ރޯދަ ހިފާނީ، ކެއިންބުއިން ދޫކޮށްލުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އޭނާ ރޯދައަށް ހުންނަ އިރު، އޭނާގެ ދުލާއި، ލޮލާއި، ހިތާއި، އެންމެހައި ގުނަވަންތައް އުރެދުންތަކުން އެއްކިބާކުރާނެއެވެ. ބެލުންތައް ތިރިކޮށް، ބަސްމަގު ރިވެތިކުރާނެއެވެ. އަނިޔާވެރި ޢަމަލުތަކުން، އޭނާގެ އަތްފައި ރައްކާތެރިކުރާނެއެވެ. ފާފަވެރިވާފަދަ ކުށްހީތަކުން އޭނާގެ ހިތް ރައްކާތެރިކުރާނެއެވެ. 

އިޙްސާންކަމުގައި ދެން އޮތީ، އަޅުތަކުންގެ މައްޗަށް އިޙްސާންތެރިވުމެވެ. އޭގެތެރެއިން އެންމެ އައުލާކަން ބޮޑު ބަޔަކީ، މައިންބަފައިންނެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.  "އެ ކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުން ކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! އަދި އޯގާވެރިވުމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެމީހުން މި އަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތްލައްވައިފާނދޭވެ!"[4]

އިޙްސާންކަމުގައި، ގާތްތިމާގެ މީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓުން ވެއެވެ. އެއީ، ޢުމުރާއި ރިޒްޤުގައި ބަރަކާތް ލައްވައި، މަރުމަތި އަމާންވާނޭ ކަމެކެވެ. ކައު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެމީހެއްގެ ޢުމުރު ދިގުކުރެއްވުމަށާއި، ރިޒްޤު ތަނަވަސް ކުރެއްވުމަށާއި، ނުބައި މަރަކުން މަރުވުމާ ދުރުކުރެއްވުމަށް އެދޭ މީހާ، ފަހެ ﷲ އަށް تَقْوَىވެރިވެ، އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."[5] ހަމައެފަދައިން ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ، ސުވަރުގެ ވަނުމަށް މަގުފަހިވާ ކަމެކެވެ. އެއްދުވަހަކު މީހަކު ނަބިއްޔާ z އަށް ދެންނެވިއެވެ. "އަޅުގަނޑަށް ސުވަރުގެ ވަދެވޭނެ ކަމެއްގެ ވާހަކަ އަންގަވައިދެއްވާށެވެ!" އެ ހިނދު މާތް ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. (تَعْبُدُ اللهَ وَلَا تُشْرِكُ بِهِ شَيْئًا، وتُقِيْمُ الصَّلَاةَ، وَتُؤْتـِي الزَّكَاةَ، وَتَصِلُ الرَّحِمَ)[6] މާނައީ: "ތިބާ ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! އަދި ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ!" 

ގާތްތިމާގެ މީހުން ފިޔަވައި ޔަތީމުންނާއި، މިސްކީނުންނާއި، ހަނގުރާމައިގެ އަސީރުން ފަދަ ނިކަމެތީންނަށް  އެހީތެރިކަން ފޯރުކޮށްދީ، ކާންދީ އުޅުމަކީ ވެސް އިޙްސާންތެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "އަދި އެތަކެއްޗަށް ލޯބި ހުރުމާއެކު ވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، الله ގެ ވަޖުހުފުޅަށް ޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ."

މިއަދު އޮންލައިން