ތިބާކުރާ އަޅުކަމުގެ ފައިދާ ތިބާއަށް ކުރާނެކަމަށް އުންމީދުކުރަންވާނީވެސް މިކަންކަމަށް ބެލުމަށްފަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ތިބާކުރާ އަޅުކަމުގެ ފައިދާ ތިބާއަށް ކުރާނެކަމަށް އުންމީދުކުރަންވާނީވެސް މިކަންކަމަށް ބެލުމަށްފަހު!

އެމީހަކު އަދާކުރާ ވަޒީފާ ގެއްލިދާނެތީ އާއި ދިރިއުޅެންކުރާ މަސައްކަތް ބަނގުރޫޓުވެދާނެތީ ކަންބޮޑުވާ މީހުން ވަރަށް ގިނައެވެ. ޖުމުލަކޮށްލައި ބުނާނަމަ އެންމެންވެސް ކަންބޮޑުވެއެވެ. ސުވާލަކީ ތިމާކުރާ ހެޔޮ ޢަމަލުތައް ތިމާއަށް ގެއްލިގެން ހިނގައިދާނެކަމާއިމެދު ކަންބޮޑުވަނީ ކިތައް މީހުން ހެއްޔެވެ؟ ކަންބޮޑުވެވޭ ހެއްޔެވެ؟ ވިސްނާލަމާ ހިނގާށެވެ!  

ﷲ ތައާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ  

"ﷲ، (އެއްވެސް މީހަކަށް) ޛައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ޘަވާބް) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ ޙަޟްރަތުން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ." (އައްނިސާ: 40) 

ހެޔޮކަމަކަށް 10 ޘަވާބުކަމަށް އޮތްނަމަވެސް މިއާޔަތުގައި އެވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް އުޅޭ މީހުންނަށް އެތައް ގުނައަކަށް ގިނަކޮށްދެއްވަވާނެ ކަމެވެ. އެހެންކަމާއިއެކުގައިވެސް ސުވާލަކީ ޤިޔާމަތްދުވަހުން ތިބާކުޅަ ހެޔޮޢަމަލުތަކަށް ވެގެންދާނީ ކިހިނަކުން ހެއްޔެވެ؟  

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން އަޅުކަން ކުރަމުއެވެ. ސުވާލަކީ އަޅުކަން ތިއަކުރަނީ ތިމާ ކުރާ އަޅުކަމުގެ ފައިދާ ޤިޔާމަތް ދުވަހު ތިމާއަށް ކުރާނެ ގޮތަށް ހެއްޔެވެ؟ ތިމާއާއިއެކުގައި ކައްވަޅަށް ގެންދެވޭނެ ގޮތަށް ހެއްޔެވެވެ؟  

ފުރަތަމަ ކަމަކީ ކުރާ އަޅުކަމުގެ ޘަވާބު ނުލިބިދާނެ ކަމަށް ދެރަވެ ކަންބޮޑުނުވުމެވެ. އެމީހަކު ކުޅަ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއްގެ ޘަވާބުވެސް އެމީހަކަށް ދެއްވަވާނެތެވެ! ޘަވާބު ގެއްލިގެންދަނީ ﷲ ތަޢާލާ ނުދެއްވަވާތީއެއް ނޫނެވެ! އެމީހަކު ކުރާ ފާފައިގެ ސަބަބުން ޘަވާބުން ލިބެން ޖެހޭ ފައިދާއިން އެމީހަކު މަޙްރޫމްވަނީއެވެ! އެއީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ އެމީހަކަށް ޘަވާބު ނުދެއްވަވާތީއެއް ނޫނެވެ!  

މިކަން އެނގިގެންދަނީ އެމީހަކު ކުޅަ ހެޔޮ ޢަމަލުތައް، ބޮޑެތި އިސްފަރުބަދަތަކާއި އެއްވަރުގައި ހިފައިގެން ޤިޔާމަތްދުވަހު މަޙްޝަރުގެ މައިދާނަށް މީސްތަކުން ދާނެތީއެވެ. ނަމަވެސް އެމީހަކު ބަދަލުދޭން ޖެހޭ މީހުންނަށް ބަދަލުދިނުމުން ހެޔޮ ޢަމަލުތައް ހުސްވެ މުފްލިސަކަށްވެގެންދާތީއެވެ! އަދި ބަދަލުދޭނެ ހެޔޮ ޢަމަލެއް ނެތުމުން އެހެން މީހުން ކޮށްފައިވާ ފާފަތައް ކޮނޑުގައި އަޅައި ނަރަކައަށް ވަންނަން ޖެހޭނެ މީހުން ތބޭނެތީއެވެ!  

ވީމާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އެމީހެއްގެ އަތުގައި ހިފެހެއްޓުން އޮތީ އެމީހަކަށެވެ! އެއީ އެމީހަކު ކުރަންޖެހޭ ކަމެކެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ. އެއްވެސް މީހަކާއިމެދު ނުޙައްޤުން އެއްވެސް ކަމެއް ކުރެވިފައިވާނަމަ، އެއްވެސް މީހަކަށް އަނިޔާވެރިވެވިފައިވާނަމަ، އެންމެ ކުޑަމިނުން މީހަކާއިމެދު ޙައްޤުނޫން ބަހެއް ބުނެވިފައިވާނަމަވެސް އެމީހެއްގެ ކިބއިން ދުނިޔޭގައި މައާފް ހޯދުމަށާއި އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަން ދީނުގައި އޮތީ އެ ސަބަބަށްޓަކައެވެ.

ހިތާމައަކީ އެންމެ ދަތިޙާލުގައިވާ މުފްލިސަކަށް ނުވުމަށް ރަސޫލް () ކުރައްވަވާފައިވާ ޙަދީޘްފުޅު އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ހަނދުމަ ނުކުރެވޭކަމެވެ. ނުހަނު ބުރަ މަސައްކަތުން އަޅުކަންކުރާއިރު އެ މަސައްކަތަކީ "ފޫނެތް ޖާޑިއަކަށް ފެން އެޅުން" ފަދަ ކަމެއްގެ ގޮތުގައި ކުރަމުން ގެންދެވޭ ކަމެވެ. ފެންއަޅާނަމަ އަޅަންވާނީ ޖާޑީގައި ފެންހަރުލާގޮތަށެވެ. ޖާޑީގައި ފެން ހަރުލާފައި ހުންނާނީ އެއިރުންނެވެ. ކުރާ އަޅުކަން އަތުން ބީވެގެންދާ ގޮތަށް އަޅުކަން ކުރުމުން ޤިޔާމަތް ދުވަހު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން