މިރޭ ފާހަގަކޮށްލަން މަސައްކަތް މިކުރަނީ އެންމެ ބޮޑަށް އިބްލާޙްކުރަން ޖެހިފައިވާ ކަންތަކުގެ ވާހަކައެވެ. މިކަންކަމަށް ނުވިސްނައިފި މީހަކަށް ދުނިޔެވެސް އަދި އާޚިރަތްވެސް ލިބޭނެ ގޮތެއް ފެންނާކަށް ނެތެވެ.
މާލީ ދަތިކަމެއްގައި އުޅެންޖެހުމުން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. ދަތިކަން ފިލައި ދިއުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ. ބަލިމަޑުކަމެއްގައި އުޅޭއިރުވެސް އެކި ގޮތްގޮތުން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. ގަދަވެ އެކަނި އުޅެލެވޭވަރުވުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ.
ހަމައެކަނި މިދެކަންތަކެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާއި ގުޅިގެންވެސް ޢަމަލު މިކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ. އެކަމަކުން އަރައިގަންނަން މީހުންގެ އެހީތެރިކަން ހޯދަމުއެވެ. އަރައިގަނެވުމުން އެހީތެރިވެދިން މީހުންގެ މަތިން ހަނދާނެއް ނުކުރަމުއެވެ.
ﷲ ތަޢާލާ އާއިމެދުގައިވެސް ގިނަބައަކަށް ޢަމަލުކުރެވެނީ ހަމަ މިފަދަ ގޮތަކަށެވެ. އެންމެ ޚާއްޞަ ކަމަކީ އޭނާ އެދޭކަންކަން ހިންމަވައި ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކޮށްލާނެކަން ދެނެވޮޑިގެންވާ ޙާލުގައިވެސް މީސްމީހުން އެދެމުން (އެދި ދުޢާކުރުމުން) އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާ ކަމެވެ.
އެމީހާއަށް ކުރިމަތި ދަތިތަކުން އަރައިގަނެވުމުން ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ބަދަލުގައި އެނބުރި ގަނެވެނީ ޝައިޠޯނާގެ މަގަށެވެ. އެންމެ ކުޑަމިނުން ﷲ ތަޢާލާއަށ އަދާކުރަންޖެހޭ ވާޖިބުތައް ވެސް އަދާނުކޮށް ކުރެވެނީ ފާފަތަކެވެ. އެހެންކަމުން މިއީ ދިންނެވުން އެދޭމީހާ ވިސްނާލަންޖެހޭނެ ކަމަކަށް ނުވަނީހެއްޔެވެ؟
ﷲ ތަޢާލާގެ ވަހީބަސްފުޅުގައި މިފަދައިން އޮއްވައިވެސް ތިބާއަށް ﷲ ތަޢާލާ ނިޢްމަތް ދެއްވެވުމުން ޝައިޠޯނާ ބުނާ ކަންކަން ކުރަން ހެޔޮވެދާނެ ހެއްޔެވެ؟
"އަދި ތިއަބައިމީހުންގެ ކިބައިގައިވާހާ ނިޢްމަތެއް ވަނީ، ﷲގެ ޙަޟްރަތުންނެވެ. ދެން ތިއަބައިމީހުންނަށް ދަތި ޙާލު ޖެހިއްޖެނަމަ، ފަހެ، ތިއަބައިމީހުން ދުޢާކޮށް ދަންނަވަނީ، ހަމަ އެކަލާނގެ ޙަޟްރަތަށެވެ." (އަލްނަހްލް: 53)
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވިސްނައިލާށެވެ. ދުނިޔޭގައި އަހަރެމެންނަށް މިތިބެވެނީ ﷲ ގެ ހެޔޮ ރަޙްމަތްފުޅުންނެވެ. ދެއްވަވާފައިވާ ކިތަންމެ ކުޑަކުޑަ ނިޢްމަތެއް އަނބުރައި ގެންދެވިނަމަވެސް އުޅެންޖެހޭނެ ޙާލު ހިތަށް ގެންނާށެވެ. ﷲ ތަޢާލާ ގެ ރަޙްމަތް ލިބުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އަބަދުވެސް ރަޙްމަތް އިތުރުކުރައްވަވައި ދެއްވަވާނެ އަޅަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން