އެދެމަފިރިންގެ ކައިވެންޏަށް 30 އަހަރެވެ. ދަރިން ލިބި ދަރިން ވަނީ ބޮޑެތި ވެފައެވެ. ޢުމުރުން ދޮށިވުމުގެ ސަބަބުން ނަމަވެސް ފިރިމީހާގެ ސަމާލުކަން އައީ ކުޑަވަމުންނެވެ. އެކަމަށް އަނބިމީހާ ހުންނަނީ ވަރަށް ދެރަވެފައެވެ.
އެއްދުވަހަކު އަލަމާރި ހާވަނިކޮށް ދެމީހުންގެ ކައިވެނީގެ ހެދުން ފެނުމުން ނަގައި ލެވޭތޯ ބަލައިލިއެވެ. ހަށިގަނޑަށް މާބޮޑެތި ބަދަލުތަކެއް ނުއަންނާތީ ގައަށް ހަމަ ހެޔޮވަރެވެ. ޙައިރާންވެ ލޯގަނޑުން ބަލަން ހުއްޓައި ދަރިންތަކަށް އެތަން ފެނުމުން ގޮސް މަންމަގެ ރީތިކަމަށް ތަޢްރީފްކުރިއެވެ.
ބައްޕައަށް ގޮވައި އެތަނަށް ގެނެސް މަންމަގެ ރީތިކަން ދައްކައިލިއެވެ. ބައްޕައަށް ބަލާކަށް ނުހުރެވުނެވެ. މަޑުމަޑުން ހިނގާފައިގޮސް އެންމެ ކުރިން ފަދައިން މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ. އަދި ދަރިން ބަލަން ތިބިކަމަށްވެސް ވިސްނައި ނުލެވި ހަމަ އެދުވަސްވަރު ފަދައިން ބޮސްދެވުނެވެ.
އެހިސާބުން ދެމަފިރިންނަށްވެސް އިޙްޞާޞްކުރެވުނީ މާޒީގެ ރަންދުވަސްތަކެވެ. އެހެންވެ ވީރާނާވަމުން އައި ގުޅުން ބަދަހިވެ އަލުން ރަންޒަމާނުގެ ޙަޔާތަށް ފަށައިގަނެވުނެވެ.
މިއީ އަޅުގަނޑަށް ސޯޝަލް މީޑިއާއިން ފެނިފައިވާ ކްލިޕެއްގައި ކަންތައްވީގޮތެވެ. އަޅުގަނޑަށް ވިސްނުނީ ރަންޒަމާނުގެ ހަނދާންތައް އައުވާނެ މިބާވަތުގެ ކަންކަން ކުރުމުގެ މުހިންމު ކަމެވެ. އެހެންވެ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް