އަހުރެން މިވާހަކަ ވަރަށް ގިނައިން ކިޔައިދެމެވެ. ފަޚުރުވެރިކަމާއިއެކުގައެވެ. ހަމައެކަނި މިޙާދިސާއިންވެސް އަހުރެންގެ ހިތުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް އޮތް ލޯބި އިތުރުވަމުންދާ މިންވަރު ބޮޑުކަމުންނެވެ. މިރޭވެސް އަޑުއަހާށެވެ!
އަނަސް ބިން މާލިކް އަކީ ރަސޫލް (ﷺ) ސިފަފުޅުތައް ވަރަށް ރިވެތިކޮށް ހާމަކުރެއްވެވި ޞަޙާބީ ބޭކަލެކެވެ. ރަސޫލް (ﷺ) އަށް ނިޞްބަތް ކުރައްވަވައި "އެންމެ ދީލަތި، އެންމެ ހިތްޕުޅުހެޔޮ، އެންމެ ހިތްވަރުފުޅު ގަދަ" އެތައް ބަސްފުޅުތަކަކުންނެވެ.
އަނަސް ބިން މާލިކް ވިދާޅުވެފައިވެއެވެ. އެއް ރެއަކު މަދީނާގެ ތެރޭގައި އަޑުގަދަވެގެން ދިއައެވެ. ބައަކު އައިސް ހަމަލާދެނީ ކަމަށް ޤަބޫލުކުރެވުނެވެ. ނިކަން ބުނެބަލާށެވެ! އެފަދަ ޙާލަތެއްގައި ރަސޫލް (ﷺ)ގެ ދައުރަކީ ކޮބައިހެއްޔެވެ؟ މީސްތަކުން ގޮސް ރަސޫލް (ﷺ)ގެ ގަނޑުވަރުކޮޅު ފަށާލައި ޙިމާޔަތްކުރާނީ ހެއްޔެވެ؟
ކަންތައް ވެގެން ދިއައީ އެހެނެއް ނޫނެވެ. އަނަސް ބިން މާލިކްއަށް ރަސޫލް (ﷺ) ފެނިވަޑައިގަތީ މަގުމަތިންނެވެ. އިންނެވީ އަހަކަށް ސަވާރުވެވަޑައިގެނެވެ. އަހުގައި ހައްޔަރުވެވަޑައިގެނެއް ނޫނެވެ. އަތްޕުޅުގައި ކަނޑިކޮޅެއްވެސް އޮތެވެ. ޞަހާބީންނަށާއި މަދީނާގެ އަހުލުވެރިންނަށް ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ ބިރު ނުގަތުމަށެވެ!
ޢަލީގެފާނު ވިދާޅުވެފައިވަނީ ހަނގުރާމަ އެންމެ ހޫނުގަދަވާވަގުތު ރަސޫލް (ﷺ) ހުންނަވަނީ އެންމެ ކުރީގައި ކަމަށެވެ.
އިބްން ޘައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަހުރެންގެ ޢަދާވާތްތެރިންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތުގައި ވަނީ ސުވަރުގެ އެވެ. އެމީހުންނަށް ތިމަންކަލޭގެފާނުގެ ހިތްޕުޅުން ސުވަރުގެ ނެގޭނެ ހެއްޔެވެ؟ އެމީހުން ތިމަންކަލޭގެފާނު މަރާލައިފިނަމަ އެއީ ލިބިވަޑައިގަންނަވާ ޝަހީދެއްގެ ދަރަޖައެވެ. އެމީހުން ތިމަންކަލޭފާނު ޤައުމުން ބޭރުކޮށްލިނަމަ ވެސް ހިފައި ހައްޔަރުކުރި ނަމަވެސް އެއީ ﷲ ތަޢާލާ އާއި ކުއްތަންވެވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ފުރުޞަތެކެވެ."
މިބަސްފުޅުތަކުން އެނގެން މިދަނީ ﷲ ތަޢާލާ ނޫން ފަރާތަކަށް އެއްވެސް ވަރަކަށް ބިރުގަތުމެއް ނެތްކަމަށާއި ކޮންމެ ޙާލަތެއްގައިވެސް އޮތީ ﷲ ތަޢާލާއަށް ތެދުވެރިކަންއަދާކުރުންމަތީގައި ސާބިތުން ކަމެވެ.
ކޮންމެ މީހަކުވެސް ބިރުގަންނާނެއެވެ! ބިރުގަންނަންވެސް ޖެހޭނެއެވެ. ނަމަވެސް ޙައްޤުމަގުގައެވެ! ﷲ ތަޢާލާއަށެވެ! އެނޫން ކަމަކަށް ބިރުގަންނަނަމަ އެކަމުގެ ސަބަބުން އެމީހަކަށް ތަފާތު ބަލިތައް ޖެހި ބަލިކަށިވެގެން ހިނގައިދާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން