ބައެއް ކަންކަމަކީ ކުރަން ބޭނުންވާއިރަށް ކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަމެއް ކުރަން ޝަރުޠުހަމަވުމުން ކުރެވޭނެ ކަންކަންވެސް އެބަހުއްޓެވެ. އެއިގެ ތެރެއިން އެއްކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްޓައިލުމެވެ. އެއީއަކީވެސް އެކަމަސް އެދިގެން މަސައްކަތްކުރުމުން ނުކުރެވޭނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގެ ހުރިހާ ކަނޑުތަކުގައި ހުރި ލޮނާއި ހުރިހާ ކޯރުތަކުގައި ހުރި ފެނާއި ހުރިހާ އައިސް ފަރުބަދަތައް އެކުގައި ގެންގޮސް އެޅި ނަމަވެސް ނަރައިގެ އަލިފާނުން ޛައްރެއްގެ މިންވަރުވެސް ނިއްވައެއް ނުލެވޭނެއެވެ!
ނަމަވެސް ﷲ އަށް ބިރުވެތިވެ ތިބާގެ ލޮލުން އަޅާ އެންމެ ކަރުނަ ތިއްކަކުން ނަރަކައަށް ނުވަދެ ސަލާމަތްވެވެން އެބައޮތެވެ. އެހެނީ އެމީހާ ވާހުށީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރެއިންނެވެ. މިއީ ޙަދީޘްފުޅުން ޔަޤީންވާން އޮތް ކަމެކެވެ.
“A person who remembered Allah while they are alone and their eyes overflowed with tears out of His fear will be shaded by Allah the day there will be no shade except His.”
(Bukhari and Muslim)
އެހެންވީއިރު ކުރަންވީ އެކަމެއް ނޫންހެއްޔެވެ؟ ސުވަރުގެ ޔަޤީންވާން އޮތް ޢަމަލަކަށްވާތީއެވެ. ސުވާލަކީ ޢުމުރުން މިހައިދުވަސްވީއިރުވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަތިއްކެއް ވައްޓާލަން އެންމެ ފަހަރަކުވެސް މަސައްކަތްކޮށްފިންހެއްޔެވެ؟
މިއީ ހަމަ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ކަމެކެވެ. އެކަމަށް މަސައްކަތްކުރަންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެއީ މަރުވާނީ ކޮން ޢުމުރެއްގައިކަން ނުއެނގޭތީއެވެ. އެންމެ ޒުވާން ޢުމުރުގައިވެސް މަރުވެދާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން