ފާފަކުރާ މީހުން ގިނަވުމުން ފާފަތަކަށް ބާރުލިބި މީސްތަކުން ވަށާލައިފި! ސަލާމަތްކަން ލިބޭނީ ވަރަށް ހިތްވަރުގަދަ މީހަކަށް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފާފަކުރާ މީހުން ގިނަވުމުން ފާފަތަކަށް ބާރުލިބި މީސްތަކުން ވަށާލައިފި! ސަލާމަތްކަން ލިބޭނީ ވަރަށް ހިތްވަރުގަދަ މީހަކަށް!: ބިލާލް އައްސަދު

މީހަކު ފާފަކުރަނިކޮށް ފެނުމުން "ކޮއިފުޅާއެވެ! ތިއަކުރަނީ ފާފައެކެވެ! ތިއަކަން ނުކުރާށެވެ!" ބުނެފިނަމަ މަލާމާތުގެ ހިނިގަނޑު ޖަހައިލާ މީހުން އަންނަނީ އިތުރުވަމުންނެވެ. އަހަރުން އަހަރަކަށްވެސް ނޫނެވެ. ދުވަހުން ދުވަހަށެވެ. މިވަނީ ކިހިނެއް ކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ!

ފާފަ ކުރުމަކީ ބޮޑުކަމެއް ކަމަށް ޤަބޫލު ނުކުރެވޭ ދުވަސް އަންނާނެކަން ޙަދީޘުން އެނގެން އެބައޮތެވެ. މިއަދު މިވަނީ އެދުވަސް އައިސްފައެވެ. ނަތިޖާއަކީ ފާފަތަކުން ސަލާމަތްވެ ހުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އައުމެވެ. މިއަދު މިވަނީ އެ ޙާލަތު ކުރިމަތިވެފައެވެ.

އެމީހަކު އެވަގުތަކު ޙާޞިލުކުރަން ބޭނުންކަމެއް ޙާޞިލުކުރުމަށްޓަކައި ކިތަންމެ ބޮޑު ފާފައެއްކުރަން ވެސް މިއަދު ޖެހިލުންވަނީ ވަރަށް މަދު މީހެކެވެ. ޒިނޭކުރުމާއި ވައްކަންކުރުމާއި ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމާއި އަދި ރިބާ ކެއުން ޢާންމުވެފައިވާ މިންވަރުން އެކަނިވެސް މިބުނާ ބަހުގެ ތެދުކަން އެނގޭނެއެވެ!

މިކަންކަމުގެ އިތުރުން ފަރުޟު 5 ނަމާދު ނުކުރުމަކީ އެންމެ ބޮޑު ފާފަ ކަމުގައިވީނަމަވެސް އެކަމަށްވެސް މިއަދު ބިރުގަންނަނީ ހާދަ މަދު މީހެކެވެ.

ފާފަކުރަން ބިރުވެތިވާށެވެ! އެކަމުގެ ސަބަބުން ދެދުނިޔޭގައިވެސް ކުރިމަތިވެދާނެ ޢަޛާބަށް ބިރުވެތިގެން މެނުވީ ޢާޚިރަތް ދުވަހުގެ ސަލާމަތްކަން ލިބޭނެ ކަމަށް އުންމީދުކުރުމެއް ނެތެވެ!

ނަމާދު ކުރުމުގައި ފަރުވާކުޑަކޮށް ކުރަންވީ ގޮތަށް ނުކުރާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައި އެއްވެސް ފަރުވާލެއް ނުބަހައްޓައި އަވަސް އަރުވާލައި ކަމަކަށް ކަމެއް ކޮށްލުމުގެ އުޞޫލުން ނަމާދުކުރުން ހިމެނެއެވެ. އެހާލަތުގައި ބަނގި ގޮވާވަގުތު އަންހެންކުއްޖަކާއި ބައްދަލުކުރަން އޮތް ނަމަ ނުވަތަ ދުނިޔަވީ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް އެވަގުތު ކުރަން އޮތް ނަމަ ދޫކޮށްލާނީ ނަމާދެވެ. ކުރާނީ ދުނިޔަވީ ފައިދާ ލިބޭނެ ކަންކަމެވެ.

މިކަންކަމުން ރައްކައުތެރިވުމަށްޓަކައި ބެލުންތައް ތިރިކުރުމާއި ނުރަނގަޅު ވާހަކަތައް އަޑު ނުއެހުމާއި މިނޫންވެސް އެކަންކަމުން ރައްކައުތެރިވެ ސަލާމަތް ވެވޭނެ ގޮތްތައް ހޯދައި ރައްކައުތެރިވުން ހިމެނެއެވެ. މިޙާލަތަށް ކަންކަން ދާއިރު މިކަންކަން ހުއްޓުވަން ބޭނުންވާ މީހާއަށް އެކަން ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. އެކަންކަމުން ސަލާމަތްވުމަށް ކުރެވޭނެ ކަންތައްތައް ވެސް ވަރަށް މަދުވާނެއެވެ. މީސްތަކުން ވަށައިލެވިފައިވާނީ ހުރިހާ ނުބައި ކަންކަމުންނެވެ.

--ބިލާލް އައްސަދުގެ ދަރުސަކު

މިއަދު އޮންލައިން