ފުރަތަމަ މިވާހަކަކޮޅު އަޑުއަހާށެވެ! އޭނާއަކީ 30 އަހަރުގެ ޒުވާނެކެވެ. އޭނާގެ ހުރި އެންމެ އަންހެން ކޮއްކޮ ކައިވެނީގެ ބޭރުން ބަލިވެއިނދެއްޖެކަން އެނގުމުން އެކަންކުރިމީހާ ހޯދައި ރަނގަޅު ފިލާވަޅެއްދޭން ފިސްތޯލަހިފައިގެން އޭނާ ހޯދަން ދިއައެވެ. ގޮސް ބައްދަލުކުރިއެވެ.
ކަނދިމާވިގޮތުން އެވަޤުތު އޭނާއަށް ހުރެވުނީ އެކުވެރިންތަކެއްގެ މެދުގައެވެ. ހަމަލާދޭން ފަސޭހައެއް ނުވިއެވެ. އެހެންވެ ހުރި ނުބައިކަން ނިކަންދެކެބަލާށެވެ! ކިޔައި އަދުގަދަކުރަން ފެށުމުން އެތަނުގައި ހުރި ޒުވާނަކު ބުންޏެވެ. "ޖޯސެފަށް ތިއަހުރީ ކިހިނެއްވެފައި ހެއްޔެވެ؟ މީގެ 2 އަހަރުކުރިން މަރީނާ ވިހައިގެން އެއުޅެނީ އޭނާ އަމިއްލައަށް ހޯދިދަރިއެއް ހެއްޔެވެ؟ އެކަމުގެ ހިތާމައިގައި އޭނާގެ މަންމަ ނިވާވިކަން ކަލެއަށް ހަމަނޭނގެނީހެއްޔެވެ؟ ކަލޭގެ ބިއްދިގޯސްވީހެއްޔެވެ؟"
އޭނާ އެބުނަނީ ކީކޭކަން ވިސްނި ލަދުން ކަރުއެލުވައިލިއެވެ. "މާފުކުރާށޭ! ތައުބާ! ތައުބާ!" އެވެ ކިޔަމުން ދުރަށް ދިއައީއެވެ. މިފަދަ ކަންކަމަކީ މަދުން ހިނގާ ކަންކަމެއް ނޫނެވެ. އެހެންކަމާއިއެކުވެސް ހަމަ ވިސްނައި ނުލެވެނީއެވެ.
ރަނގަޅަށް އަޑުއަހާށެވެ! ފުރަތަމަ ކަމަކަށްވެސް ޔަޤީންކުރާށެވެ! އެކަމެއް ކުރުމުން އިންސާނުންނަށް އެއްވެސް ޙަޤީޤީ ފައިދާއެއް ކުރާނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި މަނާވެގެން، ނުވަތަ ޙަރާމްކުރައްވަވާފައެއް ނުވެއެވެ. އެފަދަ އެއްވެސް ކަމެއް އޮތް ނަމަ ނިކަން އެކަމެއް ބުނެދީބަލާށެވެ!
މަނާވެގެންވާ ނުވަތަ ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ޙަރާމްކުރައްވަވާފައިވަނީ މީސްތަކުންގެ މަންފާއަށެވެ! އެކަމުގެ ސަބަބުން މީސްތަކުންނަށް ފައިދާކުރާނެތީއެވެ! ދުނިޔެއާއި ޢާޚިރަތުގައިވެސްމެއެވެ. މީސްތަކުން ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ.
ޙަޤީޤަތްކީ މިއީ ނަމަވެސް މިއަދު ބައެއް މީހުން ބުނާއަޑު އެބައިވެއެވެ. އިސްލާމް ދީނުގައި ހުރިހާ ކަމެއް ވަނީ ޙަރާމްވެގެންނެވެ. ނަމަވެސް ހަޤީޤަތަކީ އެއީއެއް ނޫނެވެ. އިސްލާމް ދީނަކީ މާ ގިނަ ކަންތައްތަކެއް ޙަރާމް ކުރެވިގެންވާ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި ހަރާމްވެގެންވާ ކަންކަމަކީ ހަމަ އެހެން ދީންތަކުގައިވެސް ހުއްދަ ކަންކަމެއް ނޫނެވެ. އަދި އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކަމެއް ކުރުމުން އެއްވެސް މީހަކަށް ކުރާނެ ޙަޤީޤީ އެއްވެސް ފައިދާއެއް އަދި މިހައިތަނަށް އެއްވެސް މީހަކަށް ދެއްކިފައެއް ނުވެއެވެ.
ނަމަވެސް ވެގެން މިއުޅޭގޮތަކީ މީސްތަކުން ކުރާ ޙަރާމް ކަންތައްތައް ގިނަވީއެވެ. އެވަގުތަކު ކުރަން ބޭނުންވި ކޮންމެ ކޮށްލެވެން ޖެހޭނެ ކަމަށް ޤަބޫލުކުރެވެން ފެށީއެވެ.
މިކިޔައިދެނީ އަހުރެންނާއި ކުރިމަތިވި ކަމެއްގެ ވާހަކައެވެ. އެއް ދުވަހަކު ބައްދަލުވި ޒުވާނަކު ވަކާލާތުކުރަމުން ގެންދިއައީ ކައިވެންޏާއި ނުލައި ޖިންސީ ގުޅުން ހިންގެން ޖެހޭނެ ކަމަށެވެ.
އޭނާގެ ފޯރި މާގަދަވުމުން ކުޑަކޮށް މަޑުކޮށްލަން ބުނެފައި އޭނާ ގޮވައިގެން އެއްކައިރިވެލީމެވެ. އެއަށްފަހު އެމީހުންގެ މައިން، ދަރިންކޮއްކޮއިން ފަދަ އެމީހާގެ ގާތް މީހުންނާއި ކައިވެނިގެ ބޭރުން ޖިންސީގުޅުން ހިންގުމުން ތަފާތު ގޮތުން އަނިޔާލިބިގެންނާއި ނަފްސާނީ ގޮތުން ކަންކަން ކުރިމަތިވެގެންނާއި އަދި ބަލިވެއިނދެގެން މިހާރުވެސް ފަރުވާ ހޯދަމުން ގެންދާ އެތައް ސަތާކެ ބައެއްގެ ލިސްޓް ބަލައިލަން އޭނާއަތަށް އަހުރެންގެ ފޯނުދިނީމެވެ. ބައަކު އެކުލަވާލައިފައިވާ އެލިސްޓް އޭނާއަށް ދެއްކީމެވެ.
އެއަށްފަހު ސުވާލުކުރީމެވެ! "ތިއަ ލިސްޓުގައި ތިބާގެ މަންމަ އާއި ޢާއިލާގެ މީހުން ތިބި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަދި ތިބާއަށް ނުއެނގުނު ނަމަވެސް ތިބާގެ ވަރަށް ގާތް އަންހެނަކު މިހާރުވެސް އިނީ ކައިވެނިން ބޭރުން ބަލިވެއެވެ. ދެން ބުނާނީ ކީކޭހެއްޔެވެ؟"
އޭނާ ނުކުމެގެންދަމުން ބުނެފައިދިއައީ އެބާވަތުގެ އެއްވެސް އަމަލެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށާއި އަދި އެހެން މީހުންނަށް ނަޞޭޙަތްދީގެން އެފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށެވެ.
ފާޙިޝް ޢަމަލުތައް ކުރެވެނީ މިފަދަ ކަންކަމަށް ވިސްނައިނުލެވޭތީއެވެ. އާޚިރަތް ދުވަހަށް ބިރުވެތިނުވެވޭތީއެވެ. ވީމާ ކޮންމެ މީހަކުވެސް ވިސްނާލައި އެމީހެއްގެ ސަލާމަތް ހޯދަން މަސައްކަތްކުރަމާ ހިނގާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން