އެއްވެސް ކަމެއްގަ މާޔޫސްނުވާށެވެ! ﷲ ގެ މަގުގަ ތިބާހުރިނަމަ ﷲ ގެ ޙަޟްރަތުން ތިބާ އެދޭ ގޮތަކަށް ތިބާއާއެކު ﷲ ވޮޑިގެންވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެއްވެސް ކަމެއްގަ މާޔޫސްނުވާށެވެ! ﷲ ގެ މަގުގަ ތިބާހުރިނަމަ ﷲ ގެ ޙަޟްރަތުން ތިބާ އެދޭ ގޮތަކަށް ތިބާއާއެކު ﷲ ވޮޑިގެންވާނެ! އިން ޝާ ﷲ

ﷲ ތަޢާލާ ތިމާ ދޫކޮށްލައްވަވައިފި! ދެން ރަނގަޅުގޮތެއް މެދުވެރިއެއް ނުވާނެ! ފަދަ ވިސްނުން ލިބެނީ ޝައިޠޯނާގެ ފަރާތުންނެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރިނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެމީހަކު އެކަމަށް އެދޭފަދައަކުންނެވެ! 

މުސްލިމުންނަކީ އެއްވެސް ކަމެއްގައި ﷲ ތަޢާލާ އާއިމެދު ޝައްކުކޮށްގެންވާނެ ބައެއް ނޫނެވެ. އޮތީ އަބަދުވެސް ޔަޤީންކޮށްގެން ހުރުމެވެ. އަހަރެމެން އުފެއްދެވުމަށްފަހު ﷲ ތަޢާލާ އަހަރެމެންގެތެރެއިން އެކަކުވެސް ދޫކޮށް ނުލައްވަވަތެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ އަހަރެމެންނާއިއެކުގައެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ބޮޑު އުފަލަކީ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވަނީ އެމީހަކު އެދޭ ގޮތަކަށްކަމަށްވުމެވެ. 

ޤުދްސިއްޔަ ޙަދީޘްފުޅުން އެނެގެން އޮތީ އެމީހަކު އެދޭ ބީދައަކުން އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެ ކަމެވެ. ވީމާ އެކަމުގައި އޮތީ މީސްތަކުންގެ އިޚްލާޞްތެރިކަން ހުރި މިންވަރެކެވެ. 

މި ޙަދީޘްފުޅުން އެނގެނީ އެމީހަކު އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވާނެ ކަމަށް އިޚްލާޞްތެރިކަމާއިއެކު ޤަބޫލުކުރާ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެ ކަމެވެ. އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް ޤަބޫލުކުރާ މީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެ ކަމެވެ. ކަމަކުން ސަލާމަތްކޮށްދެއްވެވުމަށް އެދޭމީހާ ސަލާމަތްކުރައްވަވައި ދެއްވަވާނެ ކަމެވެ. 

އިޚްލާޞްތެރިކަން ކުރިއަށް ނެރެންޖެހޭ ސަބަބަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދޭމީހާ، އެންމެ ފުރަތަމަ ކަމަކަށް އެމީހާ ﷲ ތަޢާލާއަށް އިޚްލާޞްތެރިވާންޖެހޭނެތީއެވެ. އެމީހާގެ ނިޔަތާއި ޢަމަލުތަކުން ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން ހާމަކުރަން ޖެހޭނެތީއެވެ. ކިޔަމަންތެރިކަން އަދާކުރަން ޖެހޭނެތީއެވެ! 

ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ދީލަތިވަންތަކަމަށް އެދޭމީހާ އެކަން ޔަޤީންކޮށްގެން އެކަންކަން ޙާޞިލުކުރަން މަސައްކަތްކުރާށެވެ! ބޭނުންވާ ކަންކަމުގައި ﷲ ތަޢާލާއަށް، އެކަން ހިންމަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ދަންނަވަމުން ގެންދާށެވެ! އެމީހާގެ އެދުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- އުސްތާޛް މުޙައްމަދު ބާޖައުރ ގެ ދަރުސަކުން

 

މިއަދު އޮންލައިން