ކައިވެނިކުރަން ބޭނުންވާ ކަންކަމަށްބަލާއިރު ގިނަ ބައަކު ބުނާ ގޮތުން އެމީހުން ކައިވެނިކުރަނީ ލޯބިވާތީއެވެ. ލޯބިވާތީ ކައިވެނިކުރެވިދާނެއެވެ. ނަމަވެސް ހަމައެކަނި ލޯބިވާތީ އެކުގައި ދިރިއުޅުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. ވީމާ ކައިވެނިކުރާ ސަބަބަކަށް ހަމައެކަނި ލޯބިވުން ވެގެން ދިރިނުއުޅެވޭނެކަން އެއޮތީ އެނގޭށެވެ.
ކައިވެނިކުރުމަށް ބަލާއިރު އަނެކާގެ ކިބައިން ތިބާ ކޮންމެހެން ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ގިނަ ބައަކު ފަސްޖެހެނީ އެލިސްޓް ހާމަނުކުރުމަށެވެ. އެއީ ލިސްޓް ހާމަކޮސްފިނަމަ ލޯބިވާ މީހާއާއި ކައިވެނި ނުކުރެވިދާނެތީއެވެ. މިއީ ވަރަށް ދެކޮޅުނުޖެހޭ ކަމެކެވެ. ސަބަބަކީ ކައިވެންޏަށްފަހު މަޑުމަޑުން ނަމަވެސް ދާނީ އެލިސްޓް ހާމަވަމުންނެވެ. ލިސްޓް ދިގުވަމުންނެވެ.
ވީމާ އަހުރެން ބުނާނީ ކައިވެނިކުރަން ޤާޟީއެއްގެ ކުރިމައްޗަށް ދިއުމުގެ ކުރިން ކައިވެންޏަށްފަހު އަނެކާގެ ކިބައިން ތިމާ ބޭނުންވާ ކަންކަމުގެ ލިސްޓެއް ލިޔެ ހުށަހަޅަންވާނެއެވެ. އެލިސްޓުގެ ތެރެއިން އަނެކާއަށް މިހާރުން މިހާރަށް ފުރިހަމަކޮށްދެވޭނެ ކަންކަން ބަލަންވާނެއެވެ. ފަހުން ފުރިހަަމކޯށްދެން ބުނާ ކަންކަން ފަހުން ފުރިހަމަކޮށްދިނަސް މައްސަލައެއް ނެތްކަމަށް އަމިއްލައަށް ނިންމަންވާނެއެވެ. އެކަންކުރަންވާނީ އަނެކާ ބުނީތީއެއް ނޫނެވެ. ތިމާއަށް ހިތުގެ އަޑިން ޤަބޫލުކުރެވިގެންނެވެ.
އަހުރެންނަށް ލިބިފައިވާ މަޢުލޫމާތަށްބަލާއިރު ކައިވެނި ކާމިޔާބުކުރެވޭނީ އަނެކާގެ ކިބައިން ޙާޞިލުކުރަން ބޭނުންވާ ކަންކަމުގެ ލިސްޓަށްވުރެ އަނެކާއަށް ތިމާ ކޮށްދޭން ބޭނުންވާ ކަންކަމުގެ ލިސްޓް ދިގުކުރެވިގެންނެވެ. ބައިވެރިޔާ ދެކެ ޙަޤީޤީ ލޯބިވުމަކީ އެއީއެވެ.
މިހެން ބުނީމާ ގިނަ ކަންތައްތައް ކޮށްދެވޭނީ ތަނަވސްކަން ބޮޑު މީހާއަށް ކަމަށްބުނެފާނެއެވެ. އެއީ އަދި ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެންޏަށްފަހު އަނެކާއަށް ކޮށްދޭން ޖެހޭ އެންމެ މުހިންމު ކަންކަން ގުޅިފައިވަނީ ތަނަވަސްކަމަކާއެއް ނޫނެވެ. ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމާއިއެވެ. ރިވެތި އަޚްލާޤާއިއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން