އިންސާނީ ޙައްޤުތައް އެންމެ ބޮޑަށް ޙިމާޔަތްކޮށް ރައްކައުތެރިކަން ފޯރުކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ. އެއިގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައްވެސް ހިމެނެއެވެ. އަދި ކުދިން އިޞްލާޙްކުރަން މަސައްކަތްކުރުން ލައްވަވާފައިވަނީވެސް ބައިންބަފައިންގެ އިތުރުން އެންމެންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައެވެ.
ކުޑަކުދިންނަކީ ޙުރުމަތްތެރިކުރެވިގެންވާ ބައެކެވެ. ކުޑަކުއްޖެއްގެ ޢުމުރުގައި (ބާލިޣް ވުމުގެ ކުރިން) އެކުދިންނަށް ކުށެއްކުރެވުނަސް ފާފަވެރިއެއް ނުވެއެވެ. ދީނުގެ ކަންކަން ވާޖިބެއްވެސް ނުވެއެވެ. ކުޑަކުއްޖެއްގެ ގޮތުގައި މަރުވެއްޖެނަމަ ލައްވަވާހުށީ ސުވަރުގޭގައެވެ. އިސްރާއާއި މިޢްރާޖްގެ ދަތުރުފުޅުގައި ރަސޫލް ﷺ އަށް އިބްރާހީމްގެފާނު ފެނިވަޑައިގަތީ މަރުވެފައިވާ ކުޑަކުދިންނާއިއެކު ހުންނަވަނިކޮށެވެ.
ﷲ ތަޢާލާ މިފަދަ ދަރަޖައެއް ދެއްވަވާފައިވާ ކުދިންގެ ޅައުމުރުމުގައި އެކުދިންނަށް ތަފާތު އަނިޔާތައްކުރާ މީހުންނަކީ އެންމެ ބޮޑެތި އަނިޔާވެރިންނެވެ. އެންމެ ބޮޑަށް ޢާންމުވެފައިވާ ނަފްސާނީ އަނިޔާ ކުރުމުގެ ސަބަބުން އެކުދިންގެ މުޅި ޙަޔާތަށް އެކަމުގެ ނުބައި އަސަރުތައްކުރެއެވެ. ޖިންސީ ގޯނާކުރުމުން އެކުދިންގެ ހިތުގައި އެކަމަށް ބިރުކެނޑި ނުބައި ޢަމަލުކުރަން ޝައުޤުވެރިވެއެވެ. މިއީ ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތްތަކެވެ.
ކުޑަކުދިންނާއި ބެހޭ (ޖިންސީ ގޯނާކުރުމާ މަގުފުރައްދާ) މީހުންނާއިމެދު އިސްލާމް ދީނުގައި އޮތް ޙުކުމަކީ ކޮބައިތޯ؟" ސުވާލުކުރުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބަކީ "އއެފަދަ މީހުންނަކީ ބިންމަތީގައި ފަސާދަ އުފައްދާ މީހުން ކަމަށާއި އެމީހުންނަށް ދޭންޖެހޭ އަދަބު މިއާޔަތުގައި އެވަނީ" ކަމަށެވެ.
މިޖަވާބާއިއެކު ޑރ. އިޔާޟް ބަޔާންކުރައްވާފައިވަނީ އަންނަނިވި އާޔަތެވެ!
"ﷲ އާއި، އެކަލާނގެ ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަ ކުރުމަށް މަސައްކަތް ކޮށްއުޅޭ މީހުންގެ ޖަޒާއެއް ކަމުގައިވާކަން ކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ، ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. (އެބަހީ: ކަނާތާއި، ވާތުފައި ނުވަތަ ވާތާއި، ކަނާތުފައި ބުރިކުރުމެވެ.) ނުވަތަ، ރަށުން ފޮނުވައިލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚީރަތު ގައި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ." (އަލްމާއިދާ: 33)
އެހެންކަމުން ސުވާލަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކުދިން މަގުފުރައްދަން މަސައްކަތްކުރާ މީހުންނާއި ދެކޮޅަށް ޙަރަކާތްތެރިވާ މީހުންވެސް އަދި ޖަމާއަތްތަކުން ވެސް އަދި ކަމާއިބެހޭ މުއައްސަސާތަކުންވެސް އަދި ޤާނޫނުތައް ހަދާ ޤާނޫނު ހަދާ މަޖިލީހުންވެސް މިއާޔަތުގެ ވާހަކަ ނުދައްކަނީ ކީއްވެގެން ހެއްޔެވެ؟
ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަށްވުރެ މޮޅު ގޮތް ތިމާމެންނަށް ވިސްނޭ ކަމަށް ދަޢުވާކުރަނީ ހެއްޔެވެ؟ އެހެންކަމަށް އެބައަކު އެތިބީ ﷲ ތަޢާލާގެ މަގަކު ނޫނެވެ. އެހެންކަމުން އެމީހުން ދައްކާ ވާހަކަ ޤަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތެވެ.
ދެން ވިސްނާލަންޖެހޭ ކަމަކީ ކުޑަކުދިންނަށް ގޯނާކުރުން ހުއްޓުވުމަށްޓަކައި އދ އާއި އެނޫންވެސް ޖަމާޢަތްތަކުން ހަދާފައިވާ ޤާނޫނުތަކުން އެކަންކަން ކުރުން ނުހުއްޓުވުނުކަން ޤަބޫލުކުރަންޖެހިފައިވާއިރު ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާގެ ވަޙީބަސްފުޅަށް، ޤުރްއާނުގެ ޢާޔަތްތަކަށް ޢަމަލުނުކުރަން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟
ހުރިހާ ކަމެއްގެ ޙައްލުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ޙައްލުހޯދޭނީ އެއިލާހުގެ ޙުކުމްފުޅުތަކަށް ޢަމަލުކޮށްގެންކަމާއިމެދު ދެބަސްވާނީ ޙަޤީޤަތް ޤަބޫލުނުކުރާ މީހުން ނޫންތޯއެވެ؟