ބައިވެރިއަކު ދެއްވެވުން އެދިގެން، ޚާއްޞަކޮށް ދެވަނަ އަންތބަކަށްވުން އެދިގެން ދުއާކުރާ މީހާ ވިސްނުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ބައިވެރިއަކު ދެއްވެވުން އެދިގެން، ޚާއްޞަކޮށް ދެވަނަ އަންތބަކަށްވުން އެދިގެން ދުއާކުރާ މީހާ ވިސްނުން މުހިންމު ބައެއް ކަންކަން-

ގިނަ ޢިލްމްވެރިން ވިދާޅުވަނީ ތިމާގެ ޙަޔާތުގެ ބައިވެރިއަކަށް ވަކިމީހަކު ދެއްވެވުން އެދިގެން ދުޢާނުކުރުމަށެވެ. އެއިގެ ބަދަލުގައި ރަނގަޅު ބައިވެރިއަކު ދެއްވެވުން އެދިގެން ދުޢާކުރުމަށެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް ދުޢާކުރެވެނީ އެމީހަކު އެންމެ ލޯބިވާ މީހާ ދެއްވެވުން އެދިގެންނެވެ. މިއީ ވިސްނާލުން މުހިންމު ކަމެކެވެ. 

އަހަރެމެން އެންމެންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ މަތިވެރި އެއް ނިޢްމަތަކީ އަހަރެމެން ބޭނުން ވެގެން އެދި ﷲ ތަޢާލާ އަށް ދަންނަވާ ދެންނެވުން ޢިޖާބަކޮށްކޮށްދެއްވެވުމެވެ. ދުނިޔަވީ ގޮތުން ބަލައިފިނަމަ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެނީ މަސައްކަތުންނެވެ. އަދި ޚަރަދުވެސްކޮށްގެންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ކަމަކަށް އެދި ދަންނަވަން ހަމައެކަނިކުރަންޖެހޭ މަސައްކަތަކީ ދުޢާކޮށް އެކަމަށްއެދި ދެންނެވުމެވެ. 

އެކަމަށް އެއްވެސް ޚަރަދެއްވެސް އަތުން ކުރާކަށް ނުޖެހެއެވެ. ނަމަވެސް ނަމަވެސް ކަމަކަށް އެދި ދުޢާކުރަމުން ގެންދާއިރު ލިބޭ މިންވަރަކުން ޞަދަޤާތްކުރުމަކީ ކުރަން ރަނގަޅުކަމެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. 

ކޮންމެ ދުވަހަކީވެސް ދުވަހެކެވެ. ނަމަވެސް ހުރިހާ ދުވަސްތައް ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވަރެއް ނޫނެވެ. މަތިވެރިކަން ލިބިގެންވާ ދުވަސްތަކެއްވެއެވެ. ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރި އެއްދުވަހަކީ ހުކުރު ދުވަހެވެ. އެހެންކަމުން ހުކުރު ދުވަސް ހަދަން ޖެހޭނީ އަޅުކަމާއި ދުޢާކުރުމުގެ ދުވަހަކަށެވެ. 

ހުކުރު ދުވަހުގައި ދުޢާ ޢިޖާބަ ކުރައްވަވާ ވަގުތުކޮޅެއް ލައްވަވާފައިވަނީ އެސަބަބަށްޓަކައި ކަމުގައިވެދާނެއެވެ. އެވަގުތުގައި ދުޢާކުރެވިއްޖެ ނަމަ އެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވައި ދެއްވަވާނެތެވެ! 

ކޮންމެވެސް ކޮންމެވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމަކަށް އެދި ދުޢާ ނުކުރާށެވެ! ތިމާ ކިތަންމެ ބޮޑަށް ބޭނުންވެގެން ހުރި ނަމަވެސް އެހެން މީހެއްގެ ޙައްޤަށް އުނިކަން ލިބޭފަދަ ކަމަކަށް އެދި ދުޢާނުކުރާށެވެ. 

ބައެއް މީހުން ވަރަށް އާދައިގެ ކަމެއްކަމަށް ދެކި މީހެއްގެ އަންތބަކު ނުވަތަ ފިރިއަކު ދެއްވެވުން އެދި އެބަ ދުޢާކުރެވެއެވެ. އެއިރުން އެ ދުޢާކުރެވެނީ ކައިވެންޏެއް ރޫޅުން އެދިއެވެ. ކައިވެންޏެއް ރޫޅުން އެދި ދުޢާކުރުންވިޔަސް އެހެން ގޮތަކުންނަމަވެސް ކައިވެންޏަކަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއްކޮށްގެން ނުވާނެއެވެ! 

އެހެނީ އެކަމުގެ ސަބަބުން ބައަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީއެވެ. ދަރިން ތިބި ޢާއިލާއެއް ނަމަ ދަރިންނަށްވެސް އެކަމުގެ ގެއްލުން ލިބޭނެއެވެ. އަދި ދަރިން ނެތް ނަމަވެސް ކައިވެންޏެއް ރޫޅިގެންދާއިރު ރޫޅައިލަން ބޭނުން ނުވާ މީހާއަށް އެލިބެނީ ވަރަށް ބޮޑު ދެރައެކެވެ. ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އެކަންވެގެންދާނީ އެމީހާއަށް ދެވުނު ވަރަށް ބޮޑު އަނިޔާއަކަށެވެ. 

މިބުނާ ބަހުގެ މާނައަކީ ކައިވެނި ރޫޅުން އެދި ދުޢާކޮށްގެން ނުވާނެ ވާހަކައެވެ. އެދެމަފިރިއަކަށް އެކުގައި ނުއުޅެވިގެން ވަރިވެއްޖެ ނަމަ އެއީ ތަފާތުކަމެކެވެ. އަދި މީހެއްގެ ފިރިއަކާއި ގުޅެން ބޭނުންވެއްޖެ ނަމަ އެދެމަފިރިންގެ ޙައްޤުތަކަށް އިޙްތިރާމްކުރާނެ ކަމުގެ ވަޢުދާއިއެކު ދެވަނަ އަންތބެއްގެ ގޮތުގައި ވުމަށް އެދި ދުޢާކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ޝަރުޠަކީ ކައިވެންޏަށްފަހުގައިވެސް ކުރީގެ އަނބިމީހާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމެވެ. ދެވަނަ އަންތބަކަށް ކައިވެނިކުރެވުމުން ފިރިމީހާ "ޖަހައިގަތުން" ފަދަ ކަމެއް ކޮށްފިނަމަ އެކުރެވެނީ ނުބައި ޢަމަލެކެވެ. 

ކައިވެނިކުރުމުން ދޮށީއަނބިމީހާގެ ރުހުން ނުލިބުނަސް އޭނާއަށް ނަފްރަތުނުކުރާށެވެ! އޭނާގެ މަޤާމުގައި ތިބާ ހުރިނަމަވެސް އެކަން އެގޮތަށް މެދުވެރިވެދާނެކަން ޤަބޫލުކުރަންވާނެއެވެ. އޭނާ ނުރުހޭނަމަ އޭނާގެ ރުހުން ހޯދަން މަސައްކަތްކުރުމަކީ ދަށުވުމެއްވެސް ނޫނެވެ. އެއީ ކުރަން ވަރަށް ރަނގަޅުކަމެކެވެ.   

ތިބާކުރާ ކަމަކުން ނަމަވެސް، އެންމެ ކުޑަމިނުން ދުޢާއަކުން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއްވިޔަސް އަދި އަނިޔާއެއްވެސް ވިޔަސް ދެވިއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެއެވެ. ގެއްލުން ލިބުނު ފަރާތަށް ބަދަލުދޭންޖެހޭނެއެވެ. މިދުނިޔޭގައި އެމީހާ ތިބާގެ ކިބައިން މާފު ނުހޯދިއްޖެ ނަމަ ޤިޔާމަތް ދުވަހު ބަދަލުގެ ގޮތުގައި ދޭންޖެހޭނީ ތިބާ ކިތައް އަހަރުވަންދެން ކުރި ހެޔޮކަން ކަން އެނގޭނީވެސް ކިހިނަކުން ހެއްޔެވެ؟  

ހަމައެކަނި ކައިވެނި ރޫޅުމެއް ނޫނެވެ! ވާދަވެރި މަސައްކަތެއްކުރި ނަމަވެސް އަނެކާއަށް ދެރައެއް ލިބުން އެދި ދުޢާނުކުރާށެވެ! އޭނާގެ މަސައްކަތަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! ވާދަކުރަންވީ އެހެން މީހުންނަކާއިއެއް ނޫނެވެ. ވާދަކުރަންވީ ތިމާކުރާ މަސައްކަތްކުރިއެރުވުމަށެވެ. އެކަމަށް ކުރަންޖެހޭ ކަންކަމަކީ ޚިދުމަތްދިނުމުގައި ތެދުވރިވުމާއި އެއްބަސްވުމަށް ޢަމަލުކުރުމާއި ފެންވަރު ނެގެހެއްޓުމާއި ވީހައި ކުޑަ އަގެއްގައި ޚިދުމަތްދިނުން ފަދަ ކަންކަމެވެ.  

ކުރާ ކަންކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށް ކަންކަން ކުރުމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން