ހަސަދަވެރިންނަށްވުރެ ކުރިއެރުމަށާ ބައިވެރިޔާގެ ނުރުހުން ލޯތްބަށް ބަދަލުކުރަން ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހަސަދަވެރިންނަށްވުރެ ކުރިއެރުމަށާ ބައިވެރިޔާގެ ނުރުހުން ލޯތްބަށް ބަދަލުކުރަން ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އިސްލާމް ދީނަކީ ޙިކުމަތުގެ ދީނެވެ. މުސްލިމުން ކުރިއަރައި އައީވެސް އާރާއި ބާރުގަދަވެގެން ނުވަތަ ބައިގިނަވެގެނެއް ނޫނެވެ. ހަމަ ޙިކުމަތްތެރިކަން އިސްކުރުމުންނެވެ. ވީމާ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، ކޮންމެ ވަގުތަކުވެސް ޙިކުމަތްތެރިކަން އިސްކުރާށެވެ! އެއިރުން ދާނީ ދިރިއުޅުމަށް އުފާވެރިކަމާއި ހަމަޖެހުން ލިބެމުންނެވެ. އިން ޝާ ﷲ 

ވިސްނައި ޤަބޫލުކުރާށެވެ! އަޑުގަދަ މީހުންނަށް ބިރުން ފަހަތަށްޖެހި އަޑުގަދަ މީހުންނަށް ޖާގަދިން ޒަމާން މާޒީ އާއިއެކުވެ ހިނގައްޖެއެވެ. އާރާއި ބާރުހުރިނަމަވެސް އަދި ތަނަވަސްކަންހުރިނަމަވެސް ތިމާއަށް ޙަޤީޤީ ފައިދާކުރާނެ ގޮތަސް މިހާރު ކަންކަން ޙާޞިލުކުރެވޭނީ ވިސްނުންތެރިކަމާއިއެކު ޙިކުމަތުގެ ބޭނުން ކުރުމުންނެވެ. 

ހަސަދަވެރިންނަށް ތިބާގެ ކިބައިން ދައްކާނެ ކުށެއް ނުފެނިއްޖެ ނަމަ ތިބާ ނޭވާލާގޮތް ވެސް ކަމުނުދާކަމަށްބުނެ ކުށްވެރިކުރާނެއެވެ! ލާނޭވާއިން ނުބައިވަސްދުވާކަމަށްވެސް ބުނާނެއެވެ! އެއީ ކޮންމެހެން އެއިން އެއްވެސް ކަމެއް މެދުވެރިވެގެނެއް ނޫނެވެ! ކޮންމެވެސް ކަމަކުން ކުށެއް ނުވަތަ އުނިސިފައެއް ދެއްކުމުގެ ބޭނުމުގައެވެ. 

ބައިވެރިޔާ ތިބާމަތިން ފޫހިވުމުންވެސް ހަމަ މިފަދައިން ބަސްތައް ބުނާނެއެވެ! ކިތަންމެ ރަނގަޅަށް ކަންކަން ކޮށްދިނަސް ނަފްރަތުގެ ބަހެއް ނޫނީ ނުބުނާނެއެވެ. އަބަދުވެސް ބަލާނީ ކޮންމެވެސް ކަމަކުން ކުށްދެއްކޭތޯއެވެ. އެއީ ހަމަ އެއް މަޤްޞަދެއްގައެވެ. 

މިޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ ބަދަލުގައި ރައްދު ނުދީ އޯގާތެރި ބަހެއް ބުނުމެވެ. އެއިރުން ހަސަދަވެރިޔާއަށް އޭނާގެ ވާހަކަކުރިއަށް ގެންދިއުމުގެ މަގު ބަންދުވާނެއެވެ! އަދި ވަރަށް ގިނަ ފަހަރު ލަދުވެސް ގަންނާނެއެވެ. ލަދުގަތްކަމާއި ތިމާގެ މަޤްޞަދު ޙާޞިލުނުވެ ތިމާގެ ކޮޅު ބަލިވެއްޖެކަން ހާމަކުރަން ބޭނުންނުވި ނަމަވެސް އެކަން އޭނާގެ އަމިއްލަ ހިތަށް ޤަބޫލުކުރެވޭނެއެވެ! 

ދެން އޮތީ ބައިވެރިޔާއަށް ކަންތައްކުރަންވީ ގޮތެވެ! ބައިވެރިޔާއަށް ނަމަ އޮތީ ލޯބިން ބަހެއް ބުނުމެވެ. އެފަދަ ވަގުތެއްގައި ރައްދުގައި ބަހެއް ބުނުމުން އެކަން ބަދަލުވާނީ ޒުވާބަކަށެވެ. އެއިރުން ޙާޞިލުވާނީ ތިބާގެ މަޤްޞަދެއް ނޫނެވެ. ޙާޞިލުވާނީ އޭނާގެ މަޤްޞަދެވެ. 

އަދި ކީއްހެއްޔެވެ؟ އެފަދަ ޙާލަތުގައި ރައްދުނުދީ ލޯބިން ބަސްބުނުމުގެ ނަތީޖާއެއްގެ ގޮތުން ބައިވެރިޔާގެ ހިތް މުޅިން ބަދަލުވެ އޭނާގެ ހިތުގައި އޮތް ނަފްރަތު ލޯތްބަށްވެސް ބަދަލުވެގެންދެއެވެ. މިއީ ހަމަ ވަރަށް ގިނައިން މެދުވެރިވާ ގޮތެކެވެ.  އެހެން އެވަނީ އެއިރުން އޭނާއަށް އެނގިގެން އެދަނީ އޭނާ އެގޮތަށް ކަންތައްކުރި ނަމަވެސް ތިބާ އޭނާދެކެ އަދިވެސް ލޯބިވާކަމެވެ. ތިބާއާއިއެކުގައި ދިރިއުޅެން ބޭނުންވާ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން