ﷲ ތަޢާލާގެ ޙަޟްރަތުން އެއްވެސް ކަމަކަށް ބޭނުން ނުވާނަމަ ގިނަ ބައަކަށް އޮންނަނީ ﷲ ތަޢާލާ ހަނދުމަކޮށް ދުޢާކުރުމާއި ދުރުހެލިވެވިފައެވެ. ވީމާ ﷲ ތަޢާލާ ކަންކަން ރާއްވަވާފައިވަނީ ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމަށް އެދި ދަންނަވަން ޖެހޭ ގޮތަށެވެ. އެއީ އަހަރެމެންނަށް ރަޙްމަތަކަށްޓަކައެވެ.
"ޔާ ﷲ! އަޅަމެން އެންމެންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ އަދި ނަރަކައިން ސަލާމަތްވުމަށް މަސައްކުރާ ބައަކު ކަމުގައި ލައްވަވާނދޭވެ! އަދި އަޅަމެން އެންމެން ނަރަކައިން ސަލާމަތްކުރައްވަވާނދޭވެ!" އާމީން
އެންމެން އާމީންކިޔައިފީމުއެވެ. ދެން އަޑުއަހާށެވެ!
މީހަކަށް 1 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ ދެން އެދޭނީ 2 މިލިއަނަށެވެ. 2 މިލިއަން ލިބުމުން އެދޭނީ 3 މިލިއަނަށެވެ. 4 ވަނަ މިލިއަނަށް އެދިގެން ތެޅިފޮޅެމުންދަނިކޮށް މަލަކުލްމައުތު ވަޑައިގެން ފުރާނަ އެބަ ގެންދަވައެވެ. ލިބުނު 3 މިލިއަން ވެސް ދޫކޮށްލައި ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހެނީ ހުސްއަތާއެވެ! ލިބުނު 3 މިލިއަން ޑޮލަރުން އެއްވެސް ފައިދާއެއް ނުކުރާ ޙާލުގައެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ލިބުނު ފައިސާތަކުން އާޚިރަތަށްޓަކައި އެއްވެސް ކަމެއް ނުކޮށް އަދިވެސް އިތުރުވުމަށް އެދިއެދި ހުއްޓާ މަރު އައިސް ބައްދަލުކުރީތީއެވެ. ނިކަމެތިންނަށް ޞަދަޤާތްނުދިން ތަނުގައި ޒަކާތްވެސް މިއޮންނަނީ ނުނެރެވިފައެވެ.
އަދި ކީއްހެއްޔެވެ؟ ގިނަ ބައަކަށް އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެންދަނީ ފައިސާ އިތުރުކުރަން ކުރާ މަސައްކަތުގައި އަވަދިނެތި އުޅެން ހަދައިގެން އަދާކުރަންޖެހޭ ފަރުޟުތައްވެސް އަދާނުކުރެވި ހުރުމުންނެވެ. އެއިރުން އެވާގޮތަކީ ދެއްވެވި ތަނަވަސްކަމުން ބައެއް ނުގެންދެވޭތަނުގައި ހެޔޮ ޢަމަލެއްވެސް ނުގެންދެވެނީއެވެ. ހަމަ ހުރިހާ ގޮތަކުން ހުސްއަތާ ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭ މީހަކުކަމުގައިވެވެނީއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ކަންކަން ދަތިކުރައްވަވަނީ މިފަދަ މީހަކަށް ވުމަށް ދޫކޮށް ނުލައްވަވަންވެގެންނެވެ. ބައެއް ފަހަރު ޞިއްޙީ މައްސަލަތައްވެސް ކުރިމަތިކުރައްވަވަނީ ޞިއްހަތު ސަލާމަތުން ހުންނައިރު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވާތީއެވެ. ހިތާމައާއި ހިތްދަތިކަން ކުރިމަތިކުރައްވަވަނީވެސް އުފަލުގައި ހުންނައިރު ﷲ ތަޢާލާ ހަނދުމަކުރުމުން ދުރުހެލިވާތީއެވެ.
ވީމާ ތިމާއަށް ދަތި އުނދަގޫ، ނުވަތަ ހިތްދަތި ކޮންމެ ކަމެއް މެދުވެރިވުމުން ތިމާ ދެކެ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވަނީ ކަމަށް ހީނުކުރާށެވެ! އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަހަރެމެން ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް މަސައްކަތްކުރުމެވެ. ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އެ މަސައްކަތްކުރިއަށްވުރެ އިތުރުކުރުމެވެ!
- މުފްތީ މެންކުގެ ދަރުސަކުން