"--- ފަހެ، ﷲ އިރާދަކުރައްވާ އަޅަކު، މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ. އެކަލާނގެއީ، ޢަޒީޒްވަންތަ، ހަކީމް ވަންތަ ރަސްކަލާނގެއެވެ." (އިބްރާހީމް: 4)
މި ވަޙީ ބަސްފުޅުގެ މާނަ އޮޅުވާލަން ޝައިޠޯނާ ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. އެކަމުގެ ސަބަބުން ގިނަ ބައަކު މަގުފުރެދިގެންވެސްދެއެވެ. އެހެންކަމުން މިއާޔަތުގެ މާނަ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ.
މާނަ އޮޅުވައި ނުލާށެވެ! މިއާޔަތުގައިވާ ވަޙީ ބަސްފުޅުގެ މާނައަކީ ﷲ ތަޢާލާގެ މަގަށް އެދިގެން މަސައްކަތްކުރުމުން އެމަގަށް މަގުދައްކަވައިދެއްވަވާ ކަމެވެ. އަދި ޝައިޠޯނާގެ މަގުން ހިނގަން ބޭނުންވާ މީހާއަށްވެސް އެކަމަށް ފުރުޞަތު ދެއްވަވާކަމެވެ.
ﷲ ތަޢާލާ އިންސާނުންނަށް ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެ ތެރެއިން އޮތް އެންމެ ބޮޑު އިޚްތިޔާރަކީ ސުވަރުގެ ވަނުމާއި ނުވަނުމުގެ އިޚްތިޔާރެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގައި އުޅުމާއި ނުއުޅުމުގެ އިޚްތިޔާރެވެ. ވީމާ މިތަނުން އެމީހަކު ބޭނުންވާ ގޮތް އިޚްތިޔާރުކުރުމުގެ ފުރުޞަތު އިންސާނުންނަށް ވަނީ ދެއްވަވައިފައެވެ.
އެ ފުރުޞަތު ދެއްވަވާފައި ނުވާނަމަ ބައަކު ސުވަރުގެ ވައްދަވައި އަނެއް ބައަކު ނަރަކައަކަށް ނުވެއްދެވީހެވެ. އެއްވެސް މީހަކާއިމެދު ބޭއިންޞާފުން އެއްވެސް ކަމެއް ﷲ ތަޢާލާ ނުކުރައްވަވާނެތެވެ!
" އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ތެދުމަގު ދައްކަވަތެވެ." އޮތް ވަޙީ ބަސްފުޅުގެ މާނައަކީ ތެދުމަގު ލިބިގަނެ އެ މަގުގައި ސާބިތތުވާން މަސައްކަތްކުރާ މީހުންނަށް އެ ނިޢްމަތް މިންވަރުކުރައްވަވައި ދެއްވަވާނެކަމެވެ.
ނަމަވެސް ﷲ ތަޢާލާގެ މިބަސްފުޅުތަކުގެ މާނައާއި އިރާދަފުޅުގެ މާނަ ޝައިޠޯނާ އޮޅުވައިލަނީއެވެ. ޙަޤީޤަތަކީ ޝައިޠޯނާގެ މަގު އިޚްތިޔާރުކުރަން ބޭނުންވާ މީހުންނަށް އެމަގަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ ކަމެވެ. އަދި ﷲ ތަޢާލާގެ މަގު އިޚްތިޔާރުކުރާ މީހުންނަށް އެމަގަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވާކަމެވެ. އެމީހަކަށް އިރާދަކުރައްވަވަނީ އެމީހަކު ބޭނުންވެ އެކަމަށް އެދި މަސައްކަތްކުރާ މަގު ކަމެވެ.
ދަލީލު:
"އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލް ތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ." (އަލްކަހްފި: 49"
"ޝަރީކު ކުޅަ މީހުން ބުނާނެތެވެ. ﷲ އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ޙަރާމް ކޮށެއްވެސް ނުހެދީމުހެވެ. ހަމައެފަދައިން، އެއުރެންގެ ކުރީގެ މީހުން، ތިމަންރަސްކަލާނގެ ޢަޛާބް ގެ ރަހަ ލިބިއްޖައުމަށްދާނދެން (ރަސޫލުން) ދޮގުކުޅައޫވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިއަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް علم އެއް، ތިއަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިއަބައިމީހުން ތަބަޢަވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިއަބައިމީހުން ދޮގުހަދާ ބައަކު ކަމުގައި މެނުވީ ނުވެއެވެ." (އަލްއަންޢާމް: 148)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން