ފަޤީރަކަށްވީތީ ޙައްޖާ ޢުމްރާއަށް ނުދެވުނަސް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގަންނަން ބުރައަކާ ނުލާ ކުރެވެން އޮތް ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފަޤީރަކަށްވީތީ ޙައްޖާ ޢުމްރާއަށް ނުދެވުނަސް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގަންނަން ބުރައަކާ ނުލާ ކުރެވެން އޮތް ކަމެއް! އިން ޝާ ﷲ

ކެރިކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖަށްދާންވީއެވެ. ވީހާގިނައިން ޢުމްރާވެސް ވާންވީއެވެ. ބޮޑެތި ޚަރަދުތައްކޮށްގެން އެކަން ކުރަނީ އެންމެ ބޭނުމަކުއެވެ. ނަރަކައިން ސަލާމަތްވުމަށެވެ. ސުވަރުގެ ލިބިގަތުމަށެވެ.

ފަޤީރަކު ކަމަށްވާތީ ޙައްޖާއި ޢުމުރާ ވެވެން ނެތަސް ދެރަނުވާށެވެ! މިބަޔާންކުރާ ޙަދީޘްފުޅަށް ޢަމަލުކުރަން އަތުން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ނުނިދައި ހޭލާހުންނާކަށްވެސް ނުޖެހޭނެއެވެ. ކުރަން މިޖެހެނީ ކޮންމެ މީހަކަށްވެސް ކުރުން ވާޖިބު އަޅުކަމެވެ. އަދާކުރަންޖެހެނީ ކޮންމެ މީހަކު ކޮންމެ ދުވަހަކު އަދާކުރަންޖެހޭ ފަރުޟެވެ. ހަމައެކަނި ކޮށްލަންޖެހޭނެ ކަމަކީ ދޭ ސަމާލުކަން އިތުރުކޮށްލުމެވެ.

"އިމާމް މީހާ އާއިއެކު ފުރަތަމަ ތަކްބީރުލިބޭގޮތަށް މީހަކު ސާޅީސް ދުވަސްވަންދެން ނަމާދުކޮށްފި މީހާއަށް 2 ބަރީޢަވުމެއް ލިޔެވެއެވެ. ނަރަކައިން ބަރީޢަވުމާއި ނިފާޤްކަމުން ބަރީޢަވުމެވެ." (ތިރްމިޛީ) (ޑރ. އިޔާޟް)

އަޅުގަނޑުމެން ޖަމާޢަތުގައި އެބަ ނަމާދުކުރަމުއެވެ. ލާން ޖެހެނީ ކުޑަހިތްވަރެކެވެ. އެއީ ކުޑަ ވަގުތުކޮޅެއް ކުރިން މިސްކިތަށް އަރައި ޙަދީޘްފުޅުގައިވާ ފަދައިން އިމާމް މީހާ އާއިއެކު ފުރަތަމަ ތަކްބީރުލިބޭގޮތަށް ޖަމާޢަތުގައި ބައިވެރިވުމެވެ. އިތުރަށް ހީވާގިވެލަން މިޖެހެނީ ފަތިސް ނަމާދަށް ހޭލުމަށެވެ.

 

އެކަން 40 ދުވަސްވަންދެން ޤަވާއިދުން ކުރެވިއްޖެ ނަމަ ލިބެން އޮތް ނިޢްމަތަށްބަލާއިއރު އެއީ އެއްވެސް ކަމެއް ނޫނެއް ނޫންތޯއެވެ؟ އަންހެނުން ގޭގައި ނަމާދުކުރާއިރު ބަންގިއަށް ސަމާލުކަންދީގެން ބަންގި ނިމޭއިރަށް ނުވަތަ ވަޤުތުޖެހުމުން ނަމާދުކުރާނަމަ އެމީހަކަށްވެސް އެނިޢުމަތް ދެއްވަވާނެ ކަމަށް އުންމީދުކުރާށެވެ!

އަހަރެމެން މުޅި އުމުރުގައި އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަކީ ނަރަކައިން ސަލާމަތްވުމެވެ. އަދި މުސްލިމުން މަސައްކަތް މިކުރަނީވެސް އެކަމަށެވެ. އެހެންކަމަށްވާއިއރު މި ޙަދީޘްފުޅަށް އަމަލުކުރަމާތޯއެވެ! އެއިރުން އެމީހަކަށް ލިބިގެން އެދަނީ ހާދަބޮޑު ނިޢްމަތެކެވެ.

އެހެންވީމާ އެކުވެރިންކޮޅު އެއްބަސްކިޔާފައި ގްރޫޕްހަދައިގެން ވެސް ކުރަންވީ މިފަދަ ކަންކަމެއް ނޫންހެއްޔެވެ؟ އެކަކު އަނެކަކަށް ހަނދާންކޮށްދީގެންވެސް އަތުގައި ހިފައި މިސްކިތަށް ގެންގޮސްގެންވެސް ކުރަންވީ މިކަން ނޫންހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން