ތިމާގެ އަނބމީހާއަށް ނަމަވެސް ދަރިންނަށް ނަމަވެސް އެހެން މީހަކަށް ނަމަވެސް ކޮންމެ ކަމެއްވެސް އެމީހަކަށް ކޮށްދެވުނު އެންމެ ރަނގަޅަކަށް ކޮންމެ ކަމެއްވެސް ކޮށްދޭށެވެ! އަދި އެކަމަށް ހެޔޮބަހެއް، ތަޢްރީފެއް ލިބޭނެ ކަމަށް އުންމީދުވެސް ނުކުރާށެވެ! ލިބިއްޖެ ނަމަ އެއީ ބޯނަސްއެއް ކަމަށް ދެކޭށެވެ!
ބައެއް މީހުން ވަރަށް ގިނައިން ބުނެއެވެ. "އަހަރެންނަށް ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭ ކަމަކަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ! ރަނގަޅު ބަހެއް ލިބޭތޯ މަސައްކަތްކޮށް ވަރުބަލިވެއްޖެއެވެ. ވީހަމަ އެއްވެސް ކަމެއް ނެތެވެ!"
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއީ ހަމަ ވަރަށް ގިނައިން ކަންކަން ދިމާވާވެސް ގޮތެވެ! ކިތަންމެ ރަނގަޅަށް ކަންކަން ކުރި ނަމަވެސް އެހެން މީހުންގެ ތަޢްރީފް ނުލިބުމަކީ ހަމަ ޢާންމުކަމެކެވެ. އެހެންކަމުން އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ.
އެއްވެސް މީހަކަށް ވީއެންމެ ރަގަޅަކަށް ކަންކަން ކޮށްދޭންވީ ކުރިން ބުނިފަދައިން އެމީހާގެ ކިބައިން އެއްވެސް ހެޔޮ ބަހެއްގެ އަޑު އިވޭނެ ކަމަކަށް ނުވަތަ ހެޔޮ ބަދަލެއް ލިބޭނެ ކަމަކަށް ނޫނެވެ. ދެމަފިރިން ނަމަވެސްމެއެވެ. ދެމަފިރިން ނަމަވެސް އެކަކަށް ވާންއޮތް އެންމެ ރަނގަޅަކަށް ކަންކަން ކުރަންވީ އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނެތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ހެޔޮ ރަޙްމަތަށް އެދިގެންނެވެ.
ދެމަފިރިންވެސް އެކަކު އަނެކަކަށް ވީއެންމެ ރަނގަޅަކަށް ކަންކަން ކުރަމުންގެންދާށެވެ! ދަރިންނަށާއި މައިންބަފައިންނަށްވެސްމެއެވެ! އަދި ޢާއިލާގެ މީހުންނަށާއި އެހެން އެންމެންނަށްވެސްމެއެވެ. ކޮންމެ މީހަކަށް ހެޔޮކޮށްހިތި ނަމަވެސް އެމީހަކަށް ފައިދާކުރާނެއެވެ! އިން ޝާ ﷲ
--މުފްތީ މެންކުގެ ދަރުސަކުން