ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިނުވާތީ އިންތިހާއަށް ކަންބޮޑުވެއެވެ. އެކަމަކު ތިމާއަކީ ﷲ ތަޢާލާ ރަހްމަތުގެ ބެއްލެވުމަކުން ނުބައްލަވާނެ މީހަކަށްވެގެން ހުންނާކަށް ޖެހިލުމެއް ނުވެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟ މިކަން ދެކޮޅު ޖެއްސޭނެ ހެއްޔެވެ؟
ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ތިމާއަށް ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ރަނުގެ ފުރުޞަތެކެވެ. ވީމާ އަމިއްލަ ބޭނުންތައް ނުފުއްދައި ފަސްކޮށްފައިވެސް މައިންބަފައިންގެ ބޭނުންތައް ފުއްދައިދޭށެވެ! އެމީހުންނަށް އޯގާތެރިކޮށްހިތާށެވެ!
ތިމާކުޑައިރު މައިންބަފައިން ނުރަނގަޅު ގޮތަކަށް ކަމެއްކޮށްފައި އޮތުމަކީ މައިންބަފައިން ނުބެލުމުގެ ބަހަނާއަކަށް ނުހަދާށެވެ! ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެމީހަކާއިމެދު ކަންކަން ނިންމަވާނީ އެމީހަކު ކުޅަ ޢަމަލުތަކާއި އެއްގޮތަށެވެ. ވީމާ އެމީހަކު އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.
މައިން ބަފައިންހިތުގައި ޖައްސައި ރޮއްވަމުން އެމީހުންނަށް ނުކިޔަމަންތެރިވެ ރުޅިވެރިކަން ދައްކަމުން އެމީހުންގެ ޙައްޤުތައް އަދާ ނުކުރަމުން އެތައް ބައިވަރު ހެޔޮ އަމަލުތައްކުރާ މީހުންއުޅެއެވެ. ނަމަވެސް ރަނގަޅަށް ދަންނާށެވެ! އެފަދަ މީހުން ކުރާ އެއްވެސް އަމަލަކުން ޤިޔާމަތް ދުވަހު އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
އެހެނީ ރަސޫލް (ﷺ) ޙަދީޘްފުޅުކުރައްވަވާފައިވަނީ ސުވަރުގެ ނުވަންނާނެ 3 ބައަކުވާކަމަށާއި އެއިގެ ތެރެއިން އެއް ބައަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުން ކަމަށެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނަށް ﷲ ތަޢާލާ ރަޙްމަތުގެ ނަޒަރަކުން ބައްލަވައިވޮޑިނުގަންނަވާނެ ކަމަށްވެސް ޙަދީޘްފުޅުގައިވެއެވެ.
މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ މާނައިގައި މައިންބަފައިންނާއި ޒުވާބުކުރުމާއި މައިންބަފައިންގެ ޙައްޤުތަކަށް އަރައިގަތުމަށް ކުރާ ހުރިހާ ކަންކަން ހިމެނިގެންވެއެވެ. މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމާއި އަޅައިނުލުމާއި ނުބެލުން ފަދަ ހުރިހާ ކަމެއްވެސް ހިމެނިގެންވެއެވެ.
މައިންބަފައިންނަށް ކިޔަމަންތެރިނުވާން އޮތީ ހަމައެކަނި އެކަމެއް ކުރުމުން ﷲ ތަޢާލާއަށް އުރެދުމެއްވާ ކަންކަމުގައެވެ. އެހާލަތުގައިވެސް އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އަޅާލައި އޯގާތެރިވުމެވެ.
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ހާލަކީ ކޮބައިހެއްޔެވެ؟ މައިންބަފައިންގެ ޙައްޤުތައް އަދާކުރެވެނީ ކިހައި މިންވަރަކަށް ހެއްޔެވެ؟ އެންމެކުޑަމިނުން ޙާލުބަލައިލެވޭ ހެއްޔެވެ؟ އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭ ހެއްޔެވެ؟ ދަރިންގެ މެދުގައި އެންމެ ގިނައިން ކުރެވޭ އެއް ބަހުސަކީ މައިން ބަފައިން ބެލެހެއްޓުމަކީ ކޮން ދަރިއަކުކުރަންޖެހޭނެ ކަމެއް ކަމުގެ ބަހުސެވެ.
ރަނގަޅަށް ވިސްނާށެވެ! އިސްލާމްދީނުގައި މައިންބަފައިން ބެލުމަކީ ވަކި ދަރިއެއްގެ ޒިންމާއެއް ނޫންނެވެ. ނުވަތަ ހަމަ އެކަނި ދޮށީ ދަރިފުޅުގެ ޒިންމާއެއްވެސް ނޫނެވެ. އެއީ ހުރިހާ ދަރިންގެވެސް ޒިންމާއެކެވެ. އަންހެން އަދި ފިރިހެން ކުދިންގެ ވެސް ޒިންމާއެކެވެ.
ބަލިވެ އޮންނަން ޖެހޭ ޙާލަތުގައި މައިމީހާގެ ކަންކަން ކޮށްދެވޭނީ އަންހެންދަރިންނަށް ކަމަށްވުމަކީ ފިރިހެންދަރިން އަޅާނުލައި ތިބެންޖެހޭ ސަބަބެއް ނޫނެވެ. އަނބިން ތިބިނަމަ އެމީހުންލައްވައިވެސް ކަންކަން ކޮށްދޭންވާނެއެވެ. އަދި އަހެން ކޮއްކޮއިންނަށް އެހީތެރިވެދީ މަގުފަހިކޮށްދޭންވާނެއެވެ. ހަމައެފަދައިން ބަލިޙާލުގައި ބައްޕަ ބަލަން ފަސޭހަވާނީ ފިރިހެންދަރިންނަށް ކަމަށްވުމުން އަންހެން ކުދިންވެސް ހަމަ މިބުނި ގޮތަށް ފިރިހެންކުދިންނަށް އެހީތެރިވާންވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން