އެމީހެއްގެ އަނބިމީހާއަށް ނުވަތަ އަނބިން ފިރިމީހާއަށް މާފުކުރުމުގެ ހިތްވަރު ނެތް މީހަކަށް ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!:މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 24ސ
އެމީހެއްގެ އަނބިމީހާއަށް ނުވަތަ އަނބިން ފިރިމީހާއަށް މާފުކުރުމުގެ ހިތްވަރު ނެތް މީހަކަށް ކާމިޔާބު، އުފާވެރި ދިރިއުޅުމެއް ނުލިބޭނެ!:މުފްތީ މެންކް

ތިމާއަށް ކުށެއް ކުރެވޭ ޙާލަތުގައި އެކަން ސިއްރުކުރަން މަސައްކަތްކުރެއެވެ. ފަޅާއެރުމުން މާފަށް އެދެއެވެ. މާފުނުކޮށްފިނަމަ ރުޅި އައުދެއެވެ. އެކަމަކު ތިމާގެ ބައިވެރިޔާއަށްވެސް ނުވަތަ އެހެން މީހަކަށްނަމަވެސް މާފުކުރަން ތިމާއަށް ޖެހުމުން އެކަންކުރަން އޮންނަނީ ކުރަން މާބޮޑުކަމަކަސްވެ ފަސްޖެހެވިފައެވެ. ގިނަފަހަރަށް އިސްކަންދެވެނީ ބާރުގެ ބޭނުންކުރުމަށެވެ. އެއިރުން އެބަ ދެކޮޅުޖެހޭ ހެއްޔެވެ؟

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ!

" ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެ ދެމެދުގައިވާހާ ތަކެއްޗެއް، ޙައްޤު ގޮތުގައި މެނުވީ ނަހައްދަވަމެވެ. އަދި ހަމަކަށަވަރުން، ޤިޔާމަތު ގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ!" (އަލްޙިޖްރު: 85)

ފުރަތަމަ ވިސްނައިލަންވީ ﷲ ތަޢާލާ މީސްތަކުންނާއިމެދު ކަންކަން ކުރައްވަވާގޮތަށެވެ! ﷲ ތަޢާލާއީ އެންމެ ބޮޑުފާފަ ކަމަށްވާ ޝަރީކުކުރަމުން އަންނަ މީހަކު ނަމަވެސް އިކްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފި ނަމަ ދީލަތިކަމާއިއެކު ޢަފޫކުރައްވަވައި ދެއްވަވާ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

ވީމާ މީސްތަކުން އެކަކު އަނެކަކަށް، ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް މާފުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކަންދމާވިގޮތުން ފަޅާއެރީ ނުވަތަ ސާބިތުވީ އަނެކާއަށް ކުރެވުނު ކުށް ނަމަވެސް ކޮންމެ މީހަކީވެސް ކުށްތަކެއް ކުރެވިފައި ހުންނާނެ މީހެކެވެ.

އެއްވެސް ކުށެއް ނުކުރެވޭ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އަނެކާއަށް ކުރެވުނު ކުށަކީ މި ކައުނަށްވުރެ ބޮޑު ކަމެއްގެ ގޮތުގައި ދެކެންވީ ކީއްވެގެން ހެއްޔެވެ؟ އެ ކުށަކީ ދެމަފިރިންގެ ޒަވާޖީ ޙަޔާތް ރޫޅައިލަންޖެހޭ ވަރުގެ ކަމަކަށް ހަދައި މުޅި ދިރިއުޅުން ނަގައިލަންވީ ކީއްވެގެން ހެއްޔެވެ؟

އަދިކީއްހެއްޔެވެ؟ ކުށެއް ކުރެވުމުން ދީލަތިކަމާއިއެކު މާފުކުރުމަކީ ކުރިއަށްވުރެ ބޮޑަށް ދެމަފިރިންގެ މެދުގައި ލޯބި އުފެދޭކަމެކެވެ. ގުޅުން ބަދިވާކަމެކެވެ. އިތުބާރުވެސް އުފެދޭ ކަމެކެވެ. ވީމާ ބައިވެރިޔާގެ ކިބައިން ކުށެއް ފެނި، އެކުށަށް ބައިވެރިޔާ އިޚްލާޞްތެރިކަމާއިއެކު މާފަށް އެދޭނަމަ މާފުކުރަންވާނެއެވެ! ދެވަނަ ފުރުޞަތުދޭންވާނެއެވެ.

ކޮންމެ އެއްބަސްވުމެއް ލިޔެ އުޅެނީވެސް އެއްބަސްވުމާއި ޚިލާފްވެއްޖެ ނަމަ ވަގުތުން އެއްބަސްވުން ބާޠިލުކުރާ ގޮތަކަށް ނޫނެއް ނޫންހެއްޔެވެ؟ އެއްބަސްވުން ބާޠިލުކުރަނީ އެކަމެއް ރަނގަޅުކުރަން ފުރުޞަތުދިނުމުން އިޞްލާޙް ނުކުރި ނަމަ ނޫން ހެއްޔެވެ؟ ވީމާ ޒަވާޖީ ޙަޔާތުގެ ކަންކަންވެސް ނިންމަންވާނީ ހަމަ އެ އުޞޫލުންނެވެ! އެކަކު އަނެކަކަށް ފުރުޞަތުދިނުމަށްފަހުގައެވެ.

މިކަމުގެ ދަލީލަކީ ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރަން ދެމަފިރިން ފުރަތަމަ ކަމަކަށް މަޝްވަރާކުރަންޖެހޭކަމެވެ. ދެމފިރިންގެ މެދުގައި މަޝްވަރާކޮށް ޙައްލެއް ނުފެނުނު ނަމަ ޢާއިލާގެ މެދުގައި މަޝްވަރާކުރަންޖެހޭ ކަމެވެ. އަދި އެވަރުންވެސް ޙައްލުނުކުރެވުނު ނަމަ އިތުބާރުކުރެވޭ ގާތް މީހުން މެދުވެރިކޮށްގެން ވެސް ޙައްލުކުރަން މަސައްކަތްކުރަންޖެހޭ ކަމާއި ވަރިއާއި ހަމައަށް ދާންޖެހެނީ އެހުރިހާ މަރުހަލާތަކަކަށްފަހުގައިކަމެވެ. ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. މާފުކުރުމަށްފަހު އެވާހަކަ އަލުން ދައްކައިގެން ނުވާނެއެވެ! އަލުން އެވާހަކަ ދެއްކޭނަމަ އެއިގެ މާނައަކީ މާފުނުކުރެވޭ ކަމެވެ. "ތިބާ ތިއައީ މިވެނި ދުވަހަކު މިވެނިކަމެއް ކުރި މީހެއް" ކަމަށް އޮޅިގެންވެސް ބުނެގެން ނުވާނެއެވެ. ޙަޤީޤީ މާފުކުރުމަކީ އެއީއެވެ!

ވިސްނާށެވެ! މީސްތަކުންނަށް މާފުކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވަތެވެ! އަދި މާފުކުރުމަށްވެސް ލޯބިވެވޮޑިގަންނަވަތެވެ. ވީއިއރު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްވެސް އަހަރެމެންނަކީ މާފުކުރުމަށް ލޯބކުރާ ބައަކަށްވާން އެބަޖެހޭ ނޫންހެއްޔެވެ؟

" ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަހްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެެވެ." (އައްޒުމަރު: 53)

ޢަފޫކުރެއްވެވުމުގައި ﷲ ތަޢާލާ މިހައި މިންވަރަށް ދީލަތިވެވޮޑިގަންވާއިރު އެ ﷲ ތަޢާލާގެ އަޅުތަކުން ބޮޑާވެ މާފުނުކުރަންވީ ކީއްވެގެން ހެއްޔެވެ؟

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން