ސުވަރުގޭގެ އެންމެ މަތީދަރަޖައަށް ކުރަން އޮތް ދަތުރަށް ކަންނެތްވީމާ ސުވަރުގެ އެދޭމީހަކަށް ވާނެހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ސުވަރުގޭގެ އެންމެ މަތީދަރަޖައަށް ކުރަން އޮތް ދަތުރަށް ކަންނެތްވީމާ ސުވަރުގެ އެދޭމީހަކަށް ވާނެހެއްޔެވެ؟: މުފްތީ މެންކް

އެންމެ ރަނގަޅު މައިންބަފައިންނަކީ ފަތިސްނަމާދުގެ ކުރިއަށް ހޭލައި އަދި ދަރިން ހޭލައްވާ މައިންބަފައިންނެވެ. މިސްކިތައް އެކުގައި ގެންދާ ޢުމުރުގެ ކުދިން ތިބިނަމަ ގޮވައިގެންދާށެވެ. ބޮޑެތި ކުދިންވެސް ހޭލައްވައި ނަމާދުކުރަން ބުނާށެވެ! 

މަންމަ ގޭގައި ނަމާދުކުރާށެވެ! ކުދި އަންހެން ދަރިން ތިބިނަމަ ގޮވައިގެން ނަމާދުކުރާށެވެ! ބޮޑެތިވެފައި ތިބި ދަރިން ތިބިނަމަ އެދަރިންވެސް ހޭލައްވައި ނަމާދުކުރަން ބުނާށެވެ! މަންމައާއި ބައްޕަގެ މަސްއޫލިއްޔަތު އަދާކުރިކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައިވާނީ އެއިރުންނެވެ. 

ފަތިސްނަމާދު ކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި މުފްތީ މެންކް ވިދާޅުވެފައިވާ ތިރީގައިވާ ބަސްފުޅުން ފިލާވަޅު ހޯއްދަވާށެވެ!    

ވިސްނައިލާށެވެ! ޗުއްޓީ ހޭދަކޮށްލަން ދާން އުޅޭ މަންޒިލަށް ދިއުމަށް ފުރަން އޮތީ ރޭގަނޑުގެ ކޮންމެ ގަޑިއެއްގައި ނަމަވެސް މައްސަލައަކަށް ނުވެއެވެ. ގެންގުޅޭ ފޯނުގެ އިތުރުން 4 ގަޑި އެއްފަހަރާ ސޯނާކޮށްގެންވެސް ނޫންނަމަ ފާރައަށް މީހަކު ބަހައްޓައިގެންވެސް ގަޑިއަށް ހޭލައި ގަޑިއަށް އެއާޕޯޓަށް ގޮސް ފްލައިޓަށް އަރާނެއެވެ. ފްލައިޓް މިސްވިއަކަ ނުދޭނެއެވެ. 

ނަމަވެސް އެ ސަމާލުކަން އާޚިރަތް ދުވަހު ޖަންނަތުލްފިރުދައުސް ހޯދަން ކުރަން މިއުޅޭ ދަތުރަކަށް ނުދެއެވެ. ފަތިސް ނަމާދަކަށް ނުހޭލައެވެ. އޮންނަނީ ކަންނެތްވެ ނިދާފައެވެ. ފޯނެއްވެސް ގަޑިއެއްވެސް ސޯނާއެއް ނުކުރެއެވެ. ފާރައަށް މީހަކުވެސް ނުބަހައްޓައެވެ. ވީއިރު ނިކަން ބުނެބަލާށެވެ. މުހިންމު ވެގެން ތިއައުޅެނީ ޗުއްޓީއަށް ދިއުމަށް ކުރާ ދަތުރު ހެއްޔެވެ؟ ނޫން ނަމަ ޖަންނަތުލްފިރްދައުސް ހޯދަން ކުރަން އޮތް ދަތުރު ހެއްޔެވެ؟   

ތިއައީ ޒުވާނުންނެވެ. ތިއަ ޒުވާންކަމުގައި އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންޖެހޭނީ ފަރުޟު 5 ނަމާދު އަދާއަށް ކުރުމަށެވެ. ޖަމާއަތުގައި ކުރުމަށެވެ. ޤަޟާއަށް ކުރުމަކަށް ނޫނެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭން ޖެހޭނީ އުފަލާ މަޖާކުރުމަށް ކުރާ ދަތުރުތަކުގެ ފްލައިޓަށް ގަޑި ނުޖެހުމަކަށް ނޫނެވެ. ޖަންނަތުލްފިރުދައުސަށް ދިއުމަށް ކުރަން އޮތް ދަތުރަށް ގަޑި ނުޖެހުމަށެވެ. ތިއަ ޒުވާނުން މިއަދު އިސްކަންދޭންވީ ގަޑި ނުޖެހި ކުޅިވަރު މައިދާންތަކަށް އެއްވުމަކަށް ނޫނެވެ. ގަޑި ނުޖެހި މިސްކިތްތަކަށް ގޮސް ޖަމާއަތުގައި ބައިވެރިވުމަށެވެ. 

ހަމަ އެފަދައިން ހެޔޮ އަމަލުތަކުން ދުވަސް ފެށުމަށްފަހު ދުވަސް ގެއްލެނިކޮށް ނުލާށެވެ! މިސާލަކަށް ފަތިސް ނަމާދުކުރީއެވެ. އެއަށްފަހު ދުވަސް ފެށީ ﷲ ތަޢާލާއަށް ޙަމްދުކުރަމުންނެވެ. ކީރިތި ޤްރްއާން ކިޔަވަމުންނެވެ. އެހައި ރަނގަޅު ގޮތުގައި ދުވަސް ފެށުމަށްފަހު ދުވަހުގެ ވަކި ހިސާބަކުން ފާފައެއްކޮށް ދުވަސް ޚަރާބުކޮށް ނުލާށެވެ. 

މިސާލަކަށް ތިބާ އޮރެންޖް ޖޫސްތަށްޓެއް ތައްޔާރުކުރީ ހަމަ އޮރެންޖުން ދިޔަފެލައިގެންނެވެ. ޖޫސްތަށި ތައްޔާރުކުރުމަށްފަހު އެއަށް ނަޖިސްތިއްކެއް ޖަހައިފިނަމަ އެ ބޯނީ ކާކު ހެއްޔެވެ؟ ޚުދު ތިބާވެސް އެ ނުބޯނެއެވެ. އާޚިރަތަށް ވާންޖެހޭ ތައްޔާރީތައް ވުމަށްވެސް ހަމަ މިއުޞޫލުން ވިސްނަން ޖެހޭނެއެވެ. ފަސްބައިގައި ހަމަ އެންމެ ފާފައެއް ނެތި ހުރުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން