ޢާއިލާއެއްގެ އެންމެ އަގުހުރި ރައުސުލްމާލަކީ ދަރިންނެވެ. ޢާއިލާގައި ތަނަވސްކަން ނެތަސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރެވިއްޖެނަމަ އެކުދިންގެ ފުށުން ތަނަވސްކަން ލިބެއެވެ. ހިތްހަމަޖެހުންވެސް ލިބެއެވެ. މައިންބަފައިންގެ އަތުގައި ފައިސާ ނެތަސް ކަންކަމަށް ދަތިނުވެ އުޅެވެއެވެ.
ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުފަލަކީ ޢާއިލާގައި ތިބި ދަރިންނެވެ. އެދަރިން ރަނގަޅުވެއްޖެނަމަ ލިބޭނެ އުފާވެރިކަން އެހެން އެއްވެސް ކަމަކުން ނުލިބޭނެއެވެ. ހަމައެފަދައިން އެދަރިންނަކީ ނުބައި ކުދިންކަމުގައި ވެއްޖެ ނަމަ ލިބޭނެ ހިތާއަށްވުރެ ބޮޑު ހިތާމައެއްވެސް ނުލިބޭނެއެވެ.
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފު ޠޯހިރުކަންމަތީގައިކަމާއި އެކުއްޖާ ނަޞްރާނީކޮށް، މަޖޫސީކޮށް އަދި ޔަހޫދީ ކުރަނީވެސް މައިންބަފައިންކަން ޙަދީޘްފުޅުން ޘާބިތެވެ. އެހެންކަމަށްވާއިރު ކުއްޖާގެ އަޚްލާޤީ މައްސަލަތަކާއި ގުޅިގެންވެސް އޮންނާނީ ހަމަ މިޙުކުމެވެ. ކުއްޖާގެ އަޚްލާޤަށް އަންނަ ބދަލުތަކުގެ ޒިންމާ އުފުލަން މައިންބަފައިންނަށް ޖެހޭނެއެވެ.
"ތުއްތު ދަރިފުޅުގެ ޅައުމުރު ދުވަސްތަކަކީ، އެ ދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިންނަށް ލިބޭނެ އަގުހުރި ދުވަސްތަކެކެވެ. މި ދުވަސްތަކަކީ ތިބާ ބޭނުންގޮތަކަށް، ބޭނުން ކުލައެއް ޖެއްސުވޭނެ ދުވަސްތަކެކެވެ. ތިބާގެ ދަރިފުޅަށް ދަސްކޮށްދޭ ކޮންމެ ހެޔޮ ޢަމަލަކީ ތިބާގެ ފަތަށްވެސް ބަރުވެގެންދާ ހެޔޮ ޢަމަލެކެވެ. މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަމާ ހިނގާށެވެ! "
މިއީ ވަރަށް ހެޔޮ ނަޞޭޙަތެކެވެ. ޢަމަލުކުރަމާ ހިނގާށެވެ! މުސްކުޅިވާ ދުވަހު، ނުވަތަ ބަލިވެ ތަންމަތީގައި އޮންނަން ޖެހޭނެ ދުވަހު އެހީތެރިވާނެ ހެޔޮލަފާ ދަރިން ނެތްނަމަ އެމީހެއްގެ ސިކުނޑިއަށް އޮތީ ކޮން ލުއިކަމެއް ހެއްޔެވެ؟ ލިބޭނީ ކޮން ހިތްހަމަޖެހުމެއްތޯއެވެ؟ އަދި ހަށިގަނޑަށް ލިބޭނީ ކޮން އަރާމެއްތޯއެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން