ނަމާދަށް ސަފުހަދާއިރު ކުރީ ސަފުތަކުން ފެންނަ ކަމެކެވެ. މީހަކަށް އެރޭވަރުގެ ހުސްޖާގައެއް ހުރިނަމަވެސް ފުރުޞަތުނުދީ ދެފައި ތަންކޮޅެއް އެބަ ދުރުކޮށްލައެވެ. ފުރަތަމަ ރަކްއަތް ނިމި ދެވަނަ ރަކްޢަތަށް ފެށޭއިރު ފައި ހުންނަނީ ކައިރިކޮށްފައެވެ. ބޮޑެތި ހުސްޖާގަތައް ހުރެއެވެ.
ބައެއް ޢިލްމްވެރިން ވަރަށް ގިނައިން ހަނދާންކޮށްދެއްވާ ކަމެކެވެ. "ސަފުގައި މީހާގެ ޖާގައަކީ އޭނާގެ ފުޅައުމިނެވެ. އެއަށްވުރެ ފުޅައުކުރުމެއްވެސް ހަނިކުރުމެއްވެސް ނެތެވެ."
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އައްތަޙިއްޔާތަށް އިށީންނާނެ ބޮޑު ޖާގަހިފުމުގެ ބޭނުމުގައި ނަމަވެސް އެހެން ބޭނުމަކު ނަމަވެސް ދެމީހުންގެ ދޭތެރޭގައި ހުސްޖާގަ ދޫނުކުރާށެވެ. ނަމަދު ފުރިހަމަވާނީ ސަފުތައް ފުރާލައިގެންނެވެ. ނަމާދުގައި ސަފު ހެދުމަށް ރަސޫލް (ﷺ) އަނގަވައިދެއްވަވައިފައިވާ ގޮތަށް ސަފު ހެދުމުންނެވެ. ފައާއި ފައި، ކޮނޑާއި ކޮނޑު ޖައްސަން އިމާމް އެ ގޮވާލަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ އެކަން ކުރަން އޮތް ގޮތެވެ. އެއީ ގަދަކަމުން ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. ފިތިބާރުވެގެން ކުރެވެން އޮތް ކަމެއްވެސް ނޫނެވެ. ކޮންމެ މީހަކުވެސް އެމީހާގެ ހަށިގަނޑުގެ ފުޅައުމިނުން ޖާގަ ނެގީމާ ތިބެވޭނީ އެގޮތަށެވެ.
އެނގޭ ހެއްޔެވެ؟ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ.
Aisha reported: The Messenger of Allah, peace and blessings be upon him, said,
“Verily, Allah and his angels send blessings upon those who pray in rows, and those who fill the gaps will be raised in rank by Allah.”
Source: Sunan Ibn Mājah 995
Grade: Sahih (authentic) according to Al-Albani
ތަރާވީޙް ނަމާދު ފަދަ ބައެއް ނަމާދުތަކުގައި ބައެއް ފަހަރު ސަފުތަކުން ޖާގަ ހުސްވެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖާގަ ހުސްވެއްޖެ ނަމަ އެޖާގަ ފުރަންޖެހޭނެއެވެ. ނަމާދަށް ހުއްޓައި ކުރިމަތިން ޖާގައެއް ހުސްވެއްޖެނަމަ އެ ޖާގަ ފުރުމަށްޓަކައި ހަރަމްބަނދެގެން ހުރެ ކުރިއަށް ދެވޭނެއެވެ. އަދި އަރިމައްޗަށް ޖެހެން ޖެހިއްޖެ ނަމަ އަރިމައްޗަށްވެސް ޖެހެވޭނެއެވެ. އަދި އެއީ ކުރަން ޖެހޭނެވެސް ކަމެކެވެ.
ތަރާވީސް ނަމާދުގައި 4 ރަކްޢަތް ކޮށްފައި ފައިބާބައަކުވެސް އުޅެއެވެ. އަދި 8 ރަކްއަތް ކޮށްފައި ވިތުރިނުކޮށް ފައިބާ ބައަކުވެސް އުޅެއެވެ. އެމީހުން ފޭބުމުން ސަފުތަކުން ގިނަ އަދަދެއްގެ ޖާގަ ހުސްވެއެވެ. އެހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ފަހަތުގައި ތިބި ބައަކު ކުރިއަށް އަރައި ޖާގަތައް ފުރުމެވެ.
ވީމާ މިފަދަ ކަންކަން އޮޅުން ފިލުވައި ހޭލުންތެރިވުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އަދި މިކަމުގެ ފައިދާއަށް ނިކަން ވިސްނައިލަބަލާށެވެ. ފަށަމުން ބުނި ފަދައިން ނަމާދުގެ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ ދަރަޖަ މާތް ﷲ ގެ ހަޟްރަތުގައި އުފުލަވައިދެއްވަވަތެވެ. މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން