ދަރިންނަށް ރަނގަޅަށް ކަންތައްކުރަމުންވެސް ބައެއް މައިންނަށް ނުބައި ބަސްތައް ބުނެވެއެވެ. އެކަމާއި ދެރަވެ ބައެއް ދަރިން މައިންނަށް ހެޔޮކޮށް ހިތަން ފަސްޖެހެއެވެ. ނަފްރަތުވެސް ކުރެވެއެވެ.
ބައެއް މައިންނަށް މަސައްކަތްބުރަވެފައި ހުންނަވަޤުތު ބޭކާރު ވާހަކަތައްވެސް ދެއްކެއެވެ. ގިނަ ވާހަކަދައްކަން އުޅެންހަދައިގެން ދަރިން ނުރުހޭ ޒާތުގެ ވާހަކަވެސް ދެކެވެއެވެ. އެއީ ކޮންމެހެން ދަރިން ރުޅިއަރުވާކަށްވެސް ނޫނެވެ. ޠަބީޢަތުގައި ހުންނަ ކަމަކަށްވާތީ ކުރެވެނީއެވެ. އެފަދަ ކަންކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަޅައިވެސް ނުލުމެވެ. މަންމަ ބުނާ ބަސްތަކަށް ނުވިސްނާށެވެ! ވީހާ ރަނގަޅަކަށް ކަންކަންކޮށްދޭށެވެ.
ބައެއް މައިން ރުޅިއަންނަ ވަޤުތު ބަދުދުޢާވެސް ކުރެއެވެ. ތިމާގެ ރުހުން ލިބިގެން ސުވަރުގެ ނުވަދެވޭނެކަމަށްވެސް ބުނެފާނެއެވެ. މަންމަ ކޮންމެ އެއްޗެއް ބުނި ނަމަވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދިއްޖެނަމަ ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ. އެކަމަށް މަންމައަކަށްވެސް އަދި އެހެން މީހަކަށްވެސް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. ސަމާލުކަންދޭން އޮތް ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް އޮތް މަގެއްކަމަށްވާތީ އެކަމަށް މަސައްކަތްކުރުމަށެވެ.
މިބުނި ފަދަ ބަސްތައް މަންމަ ބުނާނަމަ މަންމަގެ ބަދު ދުޢާއިން ރައްކާތެރިކޮށް ދެއްވުމަށާއި، މަންމައަށް ހެޔޮ ވިސްނުންދެއްވުން އެދިގެންނާއި މަންމައަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ދުޢާކުރާށެވެ!
އެއްވެސް ޙާލެއްގައި މައިމީހާ އާއި ދުރުނުވާށެވެ! ގުޅުން ކަނޑައިނުލާށެވެ! ހެޔޮކޮށްހިތާށެވެ! އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން