އާޔަތް ބަޔާންކުރުމުގެ ކުރިން ކީރިތި ޤުރްއާނަށް ޢަމަލުކުރުމަކީ ކޮބައިކަން ވަރަށް ކުރުގޮތަކަށް ބުނެލާނަމެވެ. އެއީ ތިމާކުރާ ކޮންމެ ކަމެއްވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކުރުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެކަންކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ކީރިތި ޤުރްއާނަށް ޢަމަލުކުރުންމަތީގައެވެ.
ﷲ ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ!
"އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ." (ޠާހާ: 124)
މިއާޔަތުގައި އެންމެ ސާފު ޢިބާރާތުން އެނގެން މިއޮތީ ކީރިތި ޤުރްއާނަށް ފުރަގަސްދީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ޢަމަލުކުރާ މީހުންގެ ވާހަކައެވެ. މިއީ ހަމަ އެންމެ ވަރުގަދަ އިންޒާރުގެ ބަސްފުޅެކެވެ.
ހިތާމައަކީ ތިމަންމެންނަކީ ކީރިތި ޤުރްއާން ޤަބޫލުކުރާ މުސްލިމުން ކަމަށް ބުނާ މީހުން ކީރިތި ޤުރްއާނަށް ފުރަގަސްދީ، ގޮންޖަހައި ކަންކަން ކުރަމުން ގެންދާ ކަމެވެ. އެގޮތަށް އެކަން ނުކުރާށެވެ!
ސުވާލަކީ އަހުރެމެން އެކެއްގެވެސް ލޯ، ﷲ ތަޢާލާ ކަނުކުރެއްވެވުމުން ފެނުން ދޭނީ ކާކުހެއްޔެވެ؟ އެމީހުންނަށް ދަތި އުނދަގޫ ޙާލަތު ކުރިމަތި ކުރެއްވެވުމުން އެ މުޞީބާތުން ސަލާމަތްކޮށްދޭނީ ކާކުހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއާޔަތަކީ އެންމެހައި މުސްލިމުންގެ މައްޗަށް އޮތް އާޔަތެކެވެ! ކީރިތި ޤުރްއާނުގައިވާ އެއްވެސް ކަމަކަށް ފުރަގަސް ނުދޭށެވެ! ކުރިންވެސް ބުނިފަދައިން ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ހަމައެކަނި ރީތި ރާގުތަކަށް ކިޔަވައި އެއިގެ މަތިވެރިކަމުގެ ވާހަކަތައް ދެއްކުމަށް އެކަންޏެއް ނޫނެވެ! އެއަށް ޢަމަލުކުރުމަށެވެ!
ކީރިތި ޤުރްއާން އެނގިހުރެ އެ ފޮތަށް ގޮންޖަހައި ފުރަގަސްދިނުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަކަމުގައި ބުނެވިދާނެއެވެ! ކީރިތި ޤުރްއާނަށް ޢަމަލު ނުކުރުމަކީ ﷲ ތަޢާލާގެ ވަޙީ ޤަބޫލުނުކުރުމެވެ. ޤަބޫލުކުރުމަކީ ހަމައެކަނި ޤަބޫލުކުރާ ކަމަށް ދުލުން ބުނުމެއް ނޫނެވެ. ދުލުން ބުނުމާއިއެކު ޢަމަލުކުރުމެވެ. ޢަމަލު ނުކުރާނަމަ ޢަމަލުން އެދެއްކެނީ އެމީހަކު ކީރިތި ޤުރްއާން ޤަބޫލު ނުކުރާ ކަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން