މިދުވަސްވަރަކީ މުޅި ދުނިޔޭގެ ވިޔަފާރިއަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރަމުން އަންނަ ދުވަސްވަރެކެވެ. އެއް ސަބަބަކީ މެދއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ބޯޓުފަހަރުގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. ބޯޓުފަހަރުގެ ފްރެއިޓް ބޮޑުވެފައިވާ ކަމެވެ.
ދެވަނަ ސަބަބަކީ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުނުކުރެވި މަދުވަމުން އަންނަ ކަމެވެ. ޤުދްރަތީ ކާރިސާތަކުގައި ދަނޑުތަކަސް ލިބެމުންދާ ގެއްލުންތައް ބޮޑުވުމުންނެވެ. އެންމެ ގިނައިން ކާބޯތަކެތި އުފައްދާ ބައެއް ޤައުމުތަކަށް ވާރޭ ނުވެހި ގިނަދުވަސްތަކެއް ފާއިތުވަމުން އަންނާތީ ދަނޑުބިންތަކުގެ ދިރުން ގެއްލިފައިވާ ކަމެވެ.
މިކަންކަމުގެ އަސަރު އެންމެންނަށްވެސް ކުރެއެވެ. ނިކަމެތި ޙާލުގައި އުޅެންޖެހިފައިވާ ފަޤީރުންނަށް ކުރާ އަސަރު ވަކިން ބޮޑުވާނެއެވެ. ވީމާ ޙައްޤު މިންވަރަށްވުރެ އިތުރަށް ފައިދާނުލާށެވެ! ދީލަތިކަން އިސްކުރާށެވެ! ދީލަތިކަން އިތުރުކުރާނަމަ ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެއިރުން ލިބޭ ފައިދާ މާބޮޑުވާނެއެވެ.
ތަނަވަސްކަމަކީ ލިބި ހިތްފުރޭނެ އެއްޗެއް ނޫނެވެ. ގިނަ މީހުންނަކީ ގިނައިން ލިބޭ ވަރަކަށް އަދިވެސް އިތުރަށް ބޭނުންވާނެ މީހުންނެވެ. އެއީ އިންސާނުންގެ ހިތް ނުފުރޭތީއެވެ.
މަދުމީހަކަށް ނޫނީ ޢުޘްމާނުގެފާނުހައި ދީލައްޗެއް ނުވެވޭނެއެވެ. ލިބެން އޮތް ބޮދު ފައިދާ ނުހޯދައި ފަޤީރުންނަށް ބަހައެއް ނުލެވޭނެއެވެ. އެކަމަކު ކޮންމެ މީހަކަށްވެސް ވިޔަފާރީގައި ޢަދުލުވެރިވެވިދާނެއެވެ. ޙައްޤުމިންވަރުން ފައިދާލައިގެން ވިޔަފާރިކުރެވިދާނެއެވެ.
ވިޔަފާރިކުރުމަކީވެސް ޙައްްު ގޮތުގައި ކުރުމުން ހަމަ އަޅުކަމެކެވެ. ޢަދުލުވެރިވުމުން ޘަވާބުދެއްވަވާނެތެވެ. ގިނަ ޘަވާބު ބޭނުންނަމަ ފަޤީރުންނަށް އަތްފޯރާނެ މިންވަރުން ވިޔަފާރިކުރަން މަސައްކަތްކުރާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ވިޔަފާރީގައި ތެދުވެރި ނުވެ މަކަރު ހަދާނަމަ އެބައަކަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާ ވެރިންގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ބޮޑެތި ޓެކްސްތައް ނަގައި ރައްޔިތުންނަށް ނުއުފުލޭނެ ގިނަ މުޞީބާތްތައް ކުރިމަތިކުރުވާނެ އެވެ. އެކަންކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެ އެވެ. "ހަމައެކަނި ކާފަރު ޤައުމުތަކަކަށް ނޫން އެފަދަ ވެރިން މިންވަރުފުޅު ކުރައްވަވަނީ. މުސްލިމްް ޤައުމުތަކަށްވެސް މިންވަރުކުރައްވަވާ ކުރައްވަވާ."
ވިޔަފާރީގައި މަކަރުހަދާނަމަ އެބައެއްގެ މައްޗަށް ގިނަ ގުނަވެގެންވާ ބޮޑެތި މުޞީބާތަތްތައް ފޮނުއްވަވާނެ އެވެ. އެގޮތުން ރައްޔިތުންގެ އަތުން ބޮޑެތި ޓެކްސްތައް ނަގައި އެބައަކަށް އިތުރަށް ދަތިތައް ކުރިމަތިކުރުވާނެ ވެރިއަކުވެސް މާތްﷲ ފޮނުއްވަވާނެތެވެ.
މުދަލުގެ އަގުތައް އުފުލަމުން ގެންދިއުމަކީ ވެސް މިނެކިރުމުން މަކަރުހެދުން ފަދައިން ވިޔަފާރީގައި މާތްﷲ ނަހީކުރައްވަވާފައިވާ ކަމެކެވެ. މުދަލުގެ އަގުތައް އުފުލުމަކީ މީސްތަކުންނަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަމަށާއި މީސްތަކުންނަށް ނިކަމެތިކަން ލިބޭ ކަންކަމަކީ މާތްﷲ ނުރުއްސަވާ ކަންކަމެވެ. މުދަލުގެ އަގުތައް އުފުލުނީމާ އެކަމުގެ ދަތިތައް އިހްސާސްކުރާ ބައަކީ ނިކަމެތި ރައްޔިތުންނެވެ. ވީމާ މުދަލެއްގެ އަގު އުފުލަންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ.
ވިޔަފާރީގައި މަކަރު ހެދުމަކީ ރައްޔިތުން ނިކަމެތިވަމުން ދާނެ ސަބަބެކެވެ. އަދި އެކަން ޢާންމުވެ ބައެއް މުޖުތަމައުތަކުގައި ތަކެތި ގަންނަންދާ މީހާއަށް، ވިއްކާ މީހާ މަކަރުހަދާނެކަން ކަނޑައެޅިގެން އެނގޭއިރުވެސް ވިޔަފާރިކުރަންދަނީ އެކަމަށް ރުހި ޤަބޫލުވެގެންނެވެ. މަކަރު ހެދުމަކީ ވެސް އަދި އެކަމަށް ރުހި ޤަބޫލުވުމަކީ ﷲ ތަޢާލާ ހަރާމް ކުރައްވަވާފައިވާ ކަންކަމެވެ.
- ޝައިޚް އަޙްމަދު ޝުޢައިބްގެ ދަރުސަކުން