އެއްބައަކު ތިބާ ރުޅިއަންނާނެ ކަންކަން ކުރާނެއެވެ. އަނެއް ބައަކު ތިބާގެ ހިތުގައި ޖެހޭނެ ކަންކަންވެސް ކުރާނެއެވެ. ސުވާލަކީ އެޙާލަތުގައި ތިބާ ޢަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ އެއްގޮތަކީ އޭނާއަށް ރައްދުދިނުމެވެ. އަނެއް ގޮތަކީ އަޅައިވެސް ނުލައި ކެތްތެރިވުމެވެ.
ކުޑަ ވާހަކައެއް ނުވަތަ ޙަދީޘްފުޅެއް ކިޔައިދޭނަމެވެ. އަޑުއަހާށެވެ! އެއް ދުވަހަކު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަދަޤާތް ބައްސަވަމުން ގެންދަވަނިކޮށް އަންޞާރުންގެ ތެރެއިން ބޭކަލަކު ވަރަށް ނުބައި ބަހެއް ބުންޏެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައްސަވަމުން ގެންދަވަނީ އިންޞާފުން ނޫންކަމަށް ބުނުމެވެ.
ބޭކަލަކު ވަޑައިގެން ސިއްރުން މިވާހަކަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހުގައި ދެންނެވުމުން ކަންބޮޑުވެވަޑައިގެން ކޯފާއިސްކުރެއްވެވިއެވެ. އެއީ ﷲ ތަޢާލާގެ ރަސޫލް (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކަންތައް ކުރައްވަވަނީ އިންޞާފުން ނޫންކަމަށް އެމީހާބުނީތީއެވެ. އެހެނަސް ހަމައެވަޤުތު ހަމަޖެހިވަޑައިގެންނެވިއެވެ. ޙަދީޘްފުޅުކުރެއްވެވިއެވެ. "މޫސާގެފާނުގެ ޤައުމުގެ މީހުން މޫސާގެފާނާއިމެދު މާނުބައިކޮށް ކަންކަންކުރިއެވެ. ނަމަވެސް މޫސާގެފާނު ކެތްތެރިވެވަޑައިގަތީއެވެ."
ވީމާ އެފަދަ ޙާލަތުގައި ޢަމަލުކުރަން އަހުރެމެންނަށް އޮތްގޮތަކީ އެއީއެވެ. ކާމިޔާބު ލިބޭނީ ސުންނަތަށް ޢަމަލުކުރީމައެވެ. ކަންކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުފުޅު ކުރެއްވެވި ގޮތަށް ޢަމަލުކުރީމައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން