ގަދަވެ ސަލާމަތުން ހުރެވޭނަމަ ކޮންމެ ވަޤުތަކުވެސް، ނުވަތަ މިވަޤުތުވެސް ތިމާ މަރުވެދާނެކަމާއިމެދު ވިސްނައިލެވެނީވެސް ހާދަ މަދު ބައަކަށެވެ. އެހެންކަމުން ހެޔޮ ބަދަލެއް ގެނެވޭތޯ ނިކަން މިކަންކަމަށް ވިސްނައިލަބަލާށެވެ!
ވިސްނުމަށް ގެންނާށެވެ! މެންދުރު ވަޤުތުވަނީއެވެ. ބަންގިގޮވާ ވަޤުތު ކައިރިވަނީއެވެ. މެންދުރު ނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ފަރުޟުނަމާދުކަމާއި ޢަޞްރުނަމާދު ވަޤުތުވަންދެން ތިބާއަށް ދުނިޔޭގައި ނުހުރެވޭނެކަން ތިބާއަށް އެބައެނގެއެވެ.
ސުވާލަކީ އެހެންކަމަށްވާނަމަ ތިބާ މެންދުރު ނަމާދަށްދާނީ ތިބާއަށްދާން އެންމެ ފަސޭހަވާނެ ވަޤުތުގައި ހެއްޔެވެ؟ ނޫންނަމަ ބަންގީގެ ކުރިން މިސްކިތައް އަރައި ހުންނާނީހެއްޔެވެ؟ ރަވާތިބު ސުންނަތް ނުކުރާނަން ހެއްޔެވެ؟ ނަމާދު ނިމިގެން ޛިކުރުކޮށް ފަހުސުންނަތް ނުކުރާނަން ހެއްޔެވެ؟ ނަމާދުކުރާނީ އަވަސްއަރުވާލައިގެންހެއްޔެވެ؟ ވީހާ ބޮޑަކަށް ޚުޝޫޢަތްތެރިވެ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން މަސައްކަތެއް ނުކުރާނަން ހެއްޔެވެ؟
ވިސްނައިލާށެވެ! މަރަށް ތައްޔާރުވުމަށް ފުރަތަމަ ކުރަންޖެހޭ އެއްކަމަކީވެސް ކުރާ ކޮންމެ ނަމާދެއްވެސް ކުރަންވީ އެނަމާދަކީ ތިބާއަށް ކުރެވޭނެ އެންމެ ފަހު ނަމާދުކަމަށްވެދާނެކަމަށް ޤަބޫލުކޮށްގެން އެނަމާދެއް ކުރުމެވެ. ރަސޫލް ޞަޙާބީންނަށް އަމުރުފުޅުކުރެއްވެވީ އެފަދައިން ނަމާދުކުރުމަށެވެ. އަހަރެމެންވެސް ނަމާދުކުރަމުން ގެންދަން އޮތީ އެގޮތެވެ.
ނަމަވެސް ނިކަންވިސްނައިލަބަލާށެވެ! އަހަރެމެންނަށް މިއުޅެނީ ނަމާދުވަޤުތުޖެހޭކަން ނުވެސް އެނގިގެންނެވެ. ބަންގިގޮވާއިރަށް މިސްކިތަށް ނުދެވޭތަނުގައި ޖަމާޢަތުގައިވެސް ބައިވެރިނުވެވިގެންނެވެ. އެހެންކަމަށްވާއިރު މަރަށް ތައްޔާރުވާން މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ މަރަށް އެބަ ބިރުގަނެވޭހެއްޔެވެ؟
މީސްތަކުންނޭވެ! މަރު އައިސް ބައްދަލުކުރާނެ ވަޤުތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ! މަރަށް ތައްޔާރުވެހުންނާށެވެ! ފުރަތަމަ ކަމަކަށްވެސް ފަރުޟުނަމާދުތަކަށާއި ސުންނަތް ނަމާދުތަކަށް ރައްކައުތެރިވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން