ކޮންމެ ޙާލެއްގަ އުޅެންޖެހުނަސް ކެތްތެރިކަން އިސްކުރާ ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ޙައްޤު!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކޮންމެ ޙާލެއްގަ އުޅެންޖެހުނަސް ކެތްތެރިކަން އިސްކުރާ ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ޙައްޤު!: ބިލާލް އައްސަދު

"އައްޞަބުރު" މި ބަހުގެ މާނައަށް ބަލައިފިނަމަ މާނަ ފެށިގެން އަންނަނީވެސް އެމޭވާއެއްގެ ބޭރުގައި އެތައް ބައިވަރު ކަށިތައް ހުންނަ މޭވާއަކުންނެވެ. އެހުރިހާ ކަށިތައް ނައްތާލައިގެން ނޫނީ މޭވާއާއި ހަމައަކަށް ނުދެވޭނެއެވެ. ހަމަ އެފަދައިން ކެތްތެރިކަން އިސްކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ވަރަށް ގިނަ ހުރަސްތައް ކުރިމަތިވާ ކަމެކެވެ.  

އަމއްލަ ނަފްސާއި ދެކޮޅަށް ވަރަށް ގިނަ ހަނގުރާމަތައްކޮށްގެން ނޫނީ ކެތްތެރިކަމުގައި ކާމިޔާބީ އާއި ހަމައަކަށް ވާޞިލެއް ނުވެވޭނެއެވެ. ކިތަންމެ ބުރަ މަސައްކަތުންނަމަވެސް ކެތްތެރިވުމުގައި ކާމިޔާބީ އާއި ހަމައަށް ވާޞިލުވެވިއްޖެ ނަމަ އެމީހަކަށް އެވަނީ ދިރިއުޅުން ކާމިޔާބުކުރެވިފައެވެ. އަދި މީސްތަކުންގެ ލޯބިވެސް ލިބިފައެވެ.   

މަރުވެފައިވާ ދަރިފުޅުގެ މަހާނަކައިރީގައި ރޯން އިން މައކަށް ރަސޫލް () ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ކެތްތެރިވާށެވެ! ކަމަނާގެ ދަރިފުޅަކީ ހެޔޮލަފާ ދަރިއަކަށްވެފައި ކަމަނާ ކެތްތެރިކަން އިސްކޮށްފިނަމަ ﷲ ތަޢާލާގެ ވާގިފުޅާއިއެކު ސުވަރުގެއިން ދަރިފުޅާއި ބައްދަލުކުރެވިދާނެއެވެ."  

މިޙަދީޘްފުޅަށް ބަލައި އަހުރެން ބުނާނީ ކޮންމެ ޙާލެއްގަ އުޅެންޖެހުނަސް ކެތްތެރިކަން އިސްކުރާ ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ޙައްޤުވާކަން ނުވަތަ ސުވަރުގެ ވައްދަވާނެކަން މިއޮތީ ވަރަށް ސާފުކޮށް އެނގެން ކަމަށެވެ.    

އަދިވެސް ރަސޫލް () ހަދީޘްފުޅުކުރައްވަވާފައިވެއެވެ. "ޙަޤީޤީ ކެތްތެރިންނަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވާ މީހުންނެވެ."  

މިއަދު އަހަރެމެންގެ ހާލަތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! ރަސޫލް () ކޯފާގެ ޙާލަތުގައި ހަނުހުންނެވީއެވެ. އިސްކުރެއްވެވީ ކެތްތެރިކަމެވެ. ސުވާލަކީ ރަސޫލް () ގެ އުންމަތުގެ މީހުންގެ ގޮތުގައި ތިބި އަހަރެމެންގެ ޙާލަކީ މިއަދު ކޮބައިހެއްޔެވެ؟ ރުޅި އައިސްފިނަމަ ހަނު ހުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟  

އިތުރު ޙަދީޘްފުޅެއްގައި ކެތްތެރިކަން ސިފަކުރައްވަވާފައިވަނީ އީމާންކަމުގެ ބޯ ކަމުގައެވެ! އެހެންކަމަށްވާއިރު އެމީހެއްގެ އީމާންކަމުގެ ބޯ ހުރީ ކިތައް މީހުންގެ ހެއްޔެވެ؟ ބޯ ނެތިއްޖެ ނަމަ ވާނެ ގޮތް ވެސް ހިތަށް ގެންނާށެވެ!  

އިސްލާމީ އުންމަތުގެ ވެރިކަމުގައި ޢުމަރުގެފާނު ހުންނެވި ޒަމާނަކީ ހުރިހާ ކަންކަން ވެސް ދަތި ދުވަސްވަރެކެވެ. ތަދުމަޑުކަމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ހުރީ ދަތިކަމެވެ. ދަތުރުފަތުރުކޮށް އުޅުމަކީ އެންމެ ދަތި އެއް ކަންތަކެވެ. އެހެންކަމާއިއެކުވެސް ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.  

"އަހަރެމެންނަށް އުފާވެރިކަން ލިބޭ ހަމައެކަނި ކަމަކީ ކެތްތެރިކަމެވެ." 

ފުންކޮށް ވިސްނާލައިފިނަމަ މިއީ ވަރަށް މާނަފުން ބަސްފުޅެކެވެ. އަދި އެހައިމެ ޢިބްރަތްތެރިވެސް ބަސްފުޅެކެވެ.  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން