ކީރިތި ޤުރްއާން ކިޔެވިނަމަވެސް މާނަކިޔަނީ މަދުބައެކެވެ. މާނަކިޔާ މީހުންގެ ތެރެއިންވެސް މާނައަށް ވިސްނައިގެން ކިޔަނީ މަދުމީހެކެވެ. އެހެންވެ މިފަދަ އާޔަތްތަކަށް ބީރައްޓެހިވެވެނީއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.
"(އެކަލާނގެއީ) ފާފަފުއްސަވާ، ތައުބާ ޤަބޫލު ކުރައްވާ، ޢުޤޫބާތް ގަދަފަދަ، ނިޢްމަތްތަކުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. (އެންމެހާ ތަކެތި) ރުޖޫޢަވުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ!" (40:3)
ފުރަތަމަވެސް އެއޮތީ އެންމެ އުފާވެރި ޚަބަރެވެ! އެންމެ ބޮޑަށް ބޭނުންވާ ކަންތަކުގެ ވާހަކައެވެ. އެއީ ފާފަފުއްސަވައިދެއްވަވާ، ތައުބާ ޤަބޫލުފުޅުކުރައްވަވާ ރަސްކަލާނގެކަމެވެ. ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަފުއްސަވައިދެއްވެވުމުން އިތުރަށް ކަންބޮޑުވާންޖެހެންވީ އެއްވެސްކަމެއް ނުއޮންނާނެ ނޫންހެއްޔެވެ؟
ދެން އެއޮތީ ތައުބާ ނުވެއްޖެނަމަ ޤަދަފަދަ ޢުޤޫބާތް ދެއްވަވާނެ ކަމުގެ ވާހަކައެވެ. ދެން އެއޮތީ އެންމެހައި ނިޢްމަތްތައް މިލްކުވެވޮޑިގެންވަނީވެސް އެކަލާނގެއަށް ކަމެވެ. ދެން އެއޮތީ އެކަލާނގެއީ އެއްކައުވަންތަ އިލާހްކަމާއި އެނބުރިދާންޖެހޭނީ އެކަލާނގެ ޙަޟްރަތަށް ކަމެވެ.
މިއާޔަތުގައި ހިމެނިގެންވާ އެންމެ މުހިންމު ކަމަކީ ތައުބާވުމުން ފާފަފުއްސަވައިދެއްވަވާނެކަމެވެ. ގަދަފަދަ ޢުޤޫބާތާއި ކުރިމަތިލާންޖެހޭނީ ތައުބާނުވިނަމަ ކަމެވެ. ތައުބާވުމުން ހެޔޮ ރަޙްމަތް ލައްވަވައި ހެޔޮގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ.
ވީމާ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެނބުރިދާންޖެހޭނީވެސް އެކަލާނގެ މަތިވެރި ޙަޟްރަތަށްކަން ޤަބޫލުކޮށް ތައުބާވުން ގިނަކުރާށެވެ. މިއާޔަތަށް އެކަނި ވިސްނައި އަމަލުކުރާ މީހާ ވެސް ސަލާމަތްކަން ލިބިގެންފިކަމަށް މިބުނަނީ އެހެންވެގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން