ފާފަކުރެވުނަސް މިމަގުން ޢަމަލުކުރާނަމަ ހެޔޮ ނިމުމެއް ދެއްވަވާނެ! އާޚިރަތްވެސް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ-: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ފާފަކުރެވުނަސް މިމަގުން ޢަމަލުކުރާނަމަ ހެޔޮ ނިމުމެއް ދެއްވަވާނެ! އާޚިރަތްވެސް ކާމިޔާބުކުރެވޭނެ! އިން ޝާ ﷲ-: ޝައިޚް އަބޫބަކުރު ޒައުދު

ފުރަތަމަ ކަމަކަށް ޝައިޠޯނާއަށް ﷲ ތަޢާލާ ވަޙީކުރެއްވެވި ބަސްފުޅު ހަނދުމަކުރާށެވެ! އޭތި ދެންނެވިއެވެ. "ހުރިހާ އިންސާނުން މަގުފުރައްދާނަމެވެ!" ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. "ތައުބާވާއިރަށް ފާފަ ފުއްސަވައިދެއްވަވާހުށީމެވެ!" ވީމާ ޝައިޠޯނާ ވަސްވާސްދީގެން ފާފައެއް ކުރެވުނަސް އެކަމުން ސަލާމަތްވެވޭނެ މަގު އެއޮތީ ފެންނާށެވެ!   

"އަހަރެންނަށް ފާފަކުރެވެނީއެވެ. ހުއްޓާލަން މަސައްކަތްކޮށްކޮށްވެސް ހުއްޓައެއް ނުލެވުނެވެ. އަހަރެންދެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންނަށް ފާފަކުރުން ހުއްޓައިނުލެވުނީ އަހަރެންނަށް ﷲ ގެ ރުހިވޮޑިގަތުން ނުލިބުނީމައެވެ. އަހަރެންނަށް ވަންނަން ޖެހޭނީ ނަރަކައަށެވެ."  

މިބާވަތުގެ ވިސްނުންތައް ކުރެވެން ފެށުމުން ލިބޭ މާޔޫސްކަމުގައި ބައެއް މީހުން އިސްލާމް ދީން އެބަ ދޫކޮށްލައެވެ. ދޫކޮށްނުލިނަމަވެސް ދީނަށް ޢަމަލުކުރުން އެބަހުއްޓާލައެވެ. ޝައިޠޯނާ ދައްކާމަގުން އެބަ ހިނގަން ފަށައެވެ. މިއީ މީހަކަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. ވީމާ މިދައްކާ ވާހަކައަށް ސަމާލުކަންދީގެން އަޑުއަހައިލަބަލާށެވެ!  

ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހެކެވެ. ފުރަތަމަ ބަލައިލަންވީ ފުރަތަމަ 2 ބާވަތަށެވެ. އެއްބާވަތަކީ ވަރަށް ގިނައިން ފާފަކުރެވޭ މީހުންނެވެ. އަނެއްބައަކީ މަދުންނަމަވެސް ފާފަކުރެވޭ މީހުންނެވެ.  

އެހެން ދެބައަކުވެސްވެއެވެ. އެތަނުން އެއްބައަކީ މަސައްކަތްކުރުމުން ފާފަކުރުން ހުއްޓައިލެވޭ މީހުންނެވެ. ދެވަނަބައަކީ މަސައްކަތްކުރިނަމަވެސް ފާފަކުރުން ހުއްޓައިނުލެވޭ މީހުންނެވެ. އެއީ ދެވިހިފާފައި ހުންނަ ކަމެއްގެ ސަބަބުން މެދުވެރިވާ ގޮތެކެވެ. ހުއްޓާލައިގެން ހުރުމަށްފަހުގައިވެސް މިބުނި ބާވަތުގެ މީހުންނަށް އަލުން ފާފަކުރެވެއެވެ.

މީސްތަކުންނޭވެ! ފާފަކުރެވޭނަމަ ފުރަތަމަ ކަމަކަށް ނުބައި އެކުވެރިންނާއި ދުރުހެލިވާށެވެ! ދިރިއުޅޭ މާޙައުލު ބަދަލުކުރަންޖެހޭނަމަ އެކަންވެސްކުރާށެވެ! ދިރިއުޅެންކުރާ މަސައްކަތް ނުވަތަ ވަޒީފާއަދާކުރާތަން ނުވަތަ އަދާކުރާ ވަޒީފާ ބަދަލުކުރަންޖެހޭނަމަ އެކަންވެސް ކުރާށެވެ.  

އެއްގޮތަކަށްވެސް ނުކުރަންވީ ކަމަކީ ފާފަކުރުން ހުއްޓައިނުލެވުނީތީ މާޔޫސްވެގެން ދީންދޫކޮށްނުލުމެވެ. އެއްވެސް ޙާލެއްގައި ދީން ދޫކޮށްލައިގެންނުވާނެއެވެ. ދިނާ ދުރަސްޖެހިގެންވެސް ނުވާނެއެވެ. ދެން މިބުނެދެނީ މަސައްކަތްކުރުމުން ގެންދާއިރުވެސް ފާފަކުރެވޭނަމަ ޢަމަލުކުރަންވީ ގޮތެވެ.  

ފާފައެއް ކުރެވޭއިރަށް ވަގުތުން ތައުބާވާށެވެ. އަދި ފާފަނުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރާށެވެ. ފާފައެއް ނުކުރެވުނަސް ތައުބާވުން ގިނަކުރާށެވެ.  

ވީހައި ގިނައިން أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ ކިޔާށެވެ!  

ހިތާމަކުރަންޖެހޭނީ ތައުބާނުވެވި ހުއްޓައި ފުރާނަ ގެންދަވައިފިނަމައެވެ. ވީހައި ގިނައިން ތައުބާވެ ފާފަފުއްސެވުމަށް އެދެންވީ އެހެންވެގެންނެވެ. މުސްލިމުންނަކީ ފާފަކުރެވުނަސް މާޔޫސްވެ ކަރުއެލުވައިލަންޖެހޭނެ ބައެއް ނޫނެވެ. ﷲ ތަޢާލާއީ ފާފަ ފުއްސަވައިދެއްވެވުމަށް އިޚްލާޞްތެރިކަމާއިއެކު އެދޭއިރަށް ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެ ކަމުގައިވާތީއެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން